އާލިން ހާލަންޑް ކާމިޔާބުކޮށްދިން ދެ ލަނޑާއެކު، ހޯމަ ދުވަހުގެ ރޭ ސެނެގާލްގެ މައްޗަށް 3-2 އިން ކުރިހޯދައި ނޯވޭއިން ވޯލްޑް ކަޕްގެ ގަދަ 32 ގެ ބުރަށް ދަތުރުކޮށްފިއެވެ.

މި މެޗުގައި ހާލަންޑް ޖެހި ދެ ލަނޑާއެކު މި މުބާރާތުގައި އޭނާ ޖެހި ލަނޑުގެ އަދަދު ވަނީ ހަތަރަކަށް އަރާފައެވެ.

Ad
rt

މެޗުގެ ފުރަތަމަ ލަނޑު 43 ވަނަ މިނެޓުގައި ޖަހައި ނޯވޭއަށް ކުރިހޯދައިދިނީ މާކަސް ޕެޑަސަންއެވެ. އޭނާ ކުޅެން އެރީ މެޗުގެ ކުރީކޮޅު އަނިޔާވި ޖޫލިއަން ރަޔަސަންގެ ބަދަލުގައެވެ. އޭގެ ފަހުން މެޗުގެ 48 ވަނަ މިނެޓާއި 58 ވަނަ މިނެޓުގައި ހާލަންޑް ލަނޑުތައް ކާމިޔާބުކޮށް ނޯވޭއަށް 3-1 ގެ ލީޑެއް ހޯދައިދިނެވެ.

ހާލަންޑްގެ ފުރަތަމަ ލަނޑަކީ މާޓިން އޮޑެގާޑް ދިން ބޯޅައަކުން، ސެނެގާލްގެ ކީޕަރު އެޑޮއާޑް މެންޑީގެ އަތްދަށުން ފޮނުވާލައިގެން ކާމިޔާބުކުރި ލަނޑެކެވެ. ދެވަނަ ލަނޑު އޭނާ ޖެހީ ޕެޓްރިކް ބާގް ދިން ބޯޅައެއް ކަނާތުން ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ. މި ލަނޑަށްފަހު ހާލަންޑް ވަނީ ނޯވޭގެ ސަޕޯޓަރުންނާއެކު ޚާއްޞަ 'ވައިކިން ރޯ' އުފާފާޅުކުރުމެއްގައި ބައިވެރިވެފައެވެ.

އުމުރުން 25 އަހަރުގެ ހާލަންޑް މިހާރު ވަނީ އެންމެ ފަހުން ކުޅުނު ބައިނަލްއަގުވާމީ 12 މެޗުގައި 24 ލަނޑު ޖަހާފައެވެ. އަދި އޭނާ ވަނީ އިނގިރޭސި ފޯވާޑް ހެރީ ކޭންއަށްފަހު، ވޯލްޑް ކަޕްގެ ފުރަތަމަ ދެ މެޗުގައި ދެ ލަނޑު ޖެހި ފުރަތަމަ ކުޅުންތެރިޔާގެ ޝަރަފް ހޯދާފައެވެ. ރަން ބޫޓުގެ ރޭހުގައި އޭނާ މިހާރު އޮތީ ލިއޮނަލް މެސީއަށްވުރެ އެއް ލަނޑު ފަހަތުން ދެވަނައިގައެވެ.

ސެނެގާލްގެ ދެ ލަނޑުވެސް ކާމިޔާބުކޮށްދިނީ އިސްމާއިލާ ސާރްއެވެ. އެއީ 53 ވަނަ މިނެޓާއި މެޗުގެ އިތުރު ވަގުތުގެ ތެރޭގައެވެ. މި ނަތީޖާއާއެކު ސެނެގާލް ވަނީ ކުޅުނު ދެ މެޗުންވެސް ބަލިވެފައެވެ. އެޓީމަށް ދެން އޮތީ އިރާގާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެގެން ތިންވަނަ ޓީމުގެ ގޮތުގައި ކުރިއަށް ދިއުމުގެ ފުރުސަތަކަށް އިންތިޒާރު ކުރުމެވެ.

1998 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް ވޯލްޑް ކަޕްގައި ވާދަކުރާ ނޯވޭއަށް މިހާރު ވަނީ ގްރޫޕް އައި އިން ފްރާންސާއެކު އަނެއް ބުރަށް ދަތުރުކުރުން ކަށަވަރުވެފައެވެ. ގްރޫޕްގެ އެއްވަނަ ހޯދުމަށް އަންނަ ހުކުރު ދުވަހު ނޯވޭ ނުކުންނާނީ ފްރާންސާ ދެކޮޅަށެވެ.