ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ ބިލަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބައިނަލްއަގުވާމީ މާކެޓުތަކަށް ވަނުމަށް އޮތް އެންމެ ކުރު މަގުކަމުގައި މިލަންދޫ ދާއިރާގެ މެމްބަރު ހަސަން މުފީދު އަބުދުލް ޤާދިރު (ހަސަނާ) ވިދާޅުވެއްޖެއެވެ.
މެމްބަރު މިހެން ވިދާޅުވީ ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ސަރުކާރުގެ ފަރާތުން ގައްދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢަލީ ހުށަހަޅުއްވާފައިވާ "މޯލްޑިވްސް 2.0 ޑިޖިޓަލް ޓްރާންސްފޮމޭޝަން" ބިލުގެ އިބްތިދާއީ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ.
މެމްބަރު ހަސަނާގެ ވާހަކާގައި ވިދާޅުވީ، ޑިޖިޓަލް އިޤުތިޞާދަކަށް ބަދަލުވުމުން ދިވެހި އުފެއްދުންތަކާއި ޚިދުމަތްތައް، ޚާއްސަކޮށް ފަތުރުވެރިކަމާއި މަސްވެރިކަމުގެ ދާއިރާގެ އުފެއްދުންތައް ދުނިޔޭގެ ކޮންމެ ތަނެއްގައި ހުރެގެންވެސް ފަސޭހަކަމާއެކު ގަނެވިއްކުމުގެ ފުރުޞަތު ފަހިވެގެންދާނެ ކަމަށެވެ. އަދި މިއީ ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބައިނަލްއަގުވާމީ މާކެޓުތަކަށް ވަނުމަށް އޮތް އެންމެ ކުރު މަގުކަމަށް އޭނާ ވިދާޅުވިއެވެ.
ދުނިޔެ މިއަދު ތަހުޒީބުވެ ޓެކްނޮލޮޖީގެ އެހީގައި އެތައް ހަރުފަތްތަކެއް ގިރާކޮށްފައިވާކަން ފާހަގަކުރައްވައި މެމްބަރު ވިދާޅުވީ، ރާއްޖެއިންވެސް ދުނިޔޭގެ ތަހުޒީބީ ތަރައްޤީގެ ތެރެއަށް ވަދެ ކުރިމަގުގެ ޖީލުތަކަށް މަގުކޮށައިދޭން ޖެހޭ ކަމަށެވެ. ޚިދުމަތްތައް ޑިޖިޓަލްކުރުމުން ކަރުދާހަށް ކުރާ ހޭދަ ކުޑަވެ، އިދާރާތަކުގެ މެދުގައި މަޢުލޫމާތު ބަދަލުކުރުން އަވަސްވެގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، މި ބިލުގެ ސަބަބުން ޓެކްނޮލޮޖީއަށް ބިނާވާ ސްޓޭޓަޕްތަކަށް މަގުފަހިވެ، ގޭގައި ތިބެގެން ކުރެވޭ މަސައްކަތްތަކާއި ފްރީލާންސް ފުރުޞަތުތައް އިތުރުވެގެންދާނެ ކަމަށް މެމްބަރު ވިދާޅުވިއެވެ. އަދި އޮންލައިން ޕޭމަންޓް ގޭޓްވޭތަކާއި ޑިޖިޓަލް ވޮލެޓުތައް ހަރުދަނާވެ، ސައިބަރ ސެކިއުރިޓީ ކަށަވަރުވުމުން މާލީ މުޢާމަލާތްތަކަށް އޮންނަ އިތުބާރު ބޮޑުވެގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.
ބިލުގެ މަގުސަދުތަކާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ހަސަނާ ވިދާޅުވީ، ރިސޯސް ޑުބްލިކޭޓުކުރުން ހުއްޓުމަކަށް ގެނައުމާއި، ޑިޖިޓަލް އައިޑެންޓިޓީގެ ކަށަވަރުކަން ބޮޑުކުރުމަކީ މި ބިލުން ހާސިލުވާނެ ކަންކަން ކަމަށެވެ. އަދި ކޮންމެ ދިވެހި ރައްޔިތެއްގެ ޒާތީ މަޢުލޫމާތު ރައްކާތެރިކުރުމަށް މި ބިލުން ވަރަށް ސަރީހަ އިބާރާތުން ބާރުލިބޭކަން އޭނާ ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!