ބެލްޖިއަމްގެ ފޯވާޑް ޖެރެމީ ޑޮކޫއަށް ފިރިހެން ކުއްޖަކު ލިބުމާ ގުޅިގެން ބެލްޖިއަމްގެ ފުޓްބޯޅަ ފެޑެރޭޝަނުން އޭނާއަށް މަރުހަބާ ކިޔައިފިއެވެ.
ޑޮކޫގެ ދަރިފުޅަށް ކިޔާފައިވަނީ ޕްރެއިސް އެވެ. މި އުފާވެރި ޚަބަރު ލިބިފައިވަނީ، ދަރިފުޅު އުފަންވާއިރު އެތަނުގައި ހުރުމަށް ޑޮކޫ ވޯލްޑް ކަޕް ދޫކޮށް ދިއުމަށް ނިންމުމާ ގުޅިގެން ފްރާންސްގެ ކޮމެންޓޭޓަރަކު އޭނާއަށް ފާޑުކިޔާފައިވާ ދަނޑިވަޅެއްގައެވެ.
ނޭވާލާ ނިޒާމުގެ ބައްޔެއްގެ ސަބަބުން އާދީއްތަ ދުވަހު އީރާނާ ދެކޮޅަށް ކުޅުނު މެޗުގައި ޑޮކޫ ބައިވެރިވެފައެއް ނުވެއެވެ. ނަމަވެސް، އަނބިމީހާ ގާތުގައި ހުރުމަށްޓަކައި ލަންޑަނަށް ދިއުމުގެ ހުއްދަ އޭނާއަށް ވަނީ ދީފައެވެ. ބެލްޖިއަމް ޓީމުގެ ޑޮކްޓަރު ބްރަހީމް ހަސީން ވިދާޅުވީ، ޑޮކޫއަށް ބޭނުންވާ ފަރުވާ ދެމުންދާތާ ދުވަސްކޮޅެއް ވެފައިވާތީ، މެޑިކަލް އެއްވެސް ނުރައްކަލެއް ނެތި އޭނާއަށް ދަތުރުކުރެވޭނެ ކަމަށެވެ.
ޑޮކްޓަރު އިތުރަށް ވިދާޅުވީ، "ހުރިހާ ކަމެއްވެސް ދިޔައީ ވަރަށް ފުރިހަމައަށް. މަންމައާއި ބައްޕަ އަދި ދަރިފުޅުގެ ހާލުވެސް ވަރަށް ރަނގަޅު. ޖެރެމީ މާދަމާ އިރުއޮއްސޭ ވަގުތު ސިއެޓްލްގައި ޓީމާ އަލުން ގުޅޭނެ" ކަމަށެވެ. ޑޮކޫއާއެކު ޓީމުގެ ޑޮކްޓަރެއްވެސް ދަތުރުގައި ބައިވެރިވިއެވެ.
މި ދަތުރާ ގުޅިގެން ފްރާންސްގެ ކުޅިވަރު ނޫހެއް ކަމަށްވާ ''ލެ އެކިއުޕެ'' ގެ ޓީވީ ޝޯއެއްގައި ކޮމެންޓޭޓަރު ފްރާންސް ޕިއެރޯން ވަނީ ޑޮކޫއަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. ޕިއެރޯން ބުނެފައިވަނީ ދަރިމައިވުމުގެ ވަގުތަކީ "މުޑުދާރު ވަގުތެއް" ކަމަށާއި، އެ ވަގުތު ބައްޕަގެ އެއްވެސް ބޭނުމެއް ނޯންނާނެ ކަމަށެވެ.
ނަމަވެސް، ''ލެ އެކިއުޕެ'' އިން ވަނީ އެ ކޮމެންޓޭޓަރުގެ ވާހަކަތަކަކީ އެ ނޫހުގެ އުސޫލުތަކާ ޚިލާފު ވާހަކަތަކެއް ކަމަށް ބުނެ ޑޮކޫގެ ކިބައިން މައާފަށް އެދިފައެވެ. އާދީއްތަ ދުވަހުގެ ރޭ ނެރުނު ބަޔާނެއްގައި އެ ނޫހުން ވަނީ އެ ވާހަކަތަކާ ދެކޮޅު ހަދާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!