ފުރަތަމަ ފަހަރަށް ފީފާ ވޯލްޑް ކަޕްގައި ވާދަކުރަމުން އަންނަ ކޭޕް ވާޑުން، ދުނިޔޭގެ ދެ ފަހަރުގެ ޗެމްޕިއަން އުރުގުއޭއާ 2-2 އިން އެއްވަރުކޮށް މުޅި ދުނިޔެ ހައިރާންކޮށްލައިފިއެވެ. މިއީ މި މުބާރާތުގައި ކޭޕް ވާޑުން ވަރުގަދަ ސްޕެއިން ހިފެހެއްޓުމަށްފަހު ހޯދި ދެވަނަ ތާރީޚީ ނަތީޖާއެވެ.

މި މެޗުގައި ކޭޕް ވާޑުން ވަނީ އެ ގައުމުގެ ވޯލްޑް ކަޕް ތާރީޚުގައި ޖެހި ފުރަތަމަ ލަނޑު ކާމިޔާބުކޮށްފައެވެ. މެޗުގެ 21 ވަނަ މިނެޓުގައި ލިބުނު ހިލޭ ޖެހުމަކުން މި ލަނޑު ކާމިޔާބުކޮށްދިނީ ކެވިން ޕީނާއެވެ.

Ad
rt

އުރުގުއޭއިން ފުރަތަމަ ހާފު ނިމުމުގެ ކުރިން މެކްސީ އަރައޫޖޯ އަދި އަގުސްޓިން ކަނޯބިއޯގެ ލަނޑުތަކުން ލީޑު ނެގި ނަމަވެސް، ދެވަނަ ހާފުގައި ކޭޕް ވާޑުގެ ހީލިއޯ ވަރޭލާ ވަނީ ލަނޑެއް ޖަހައި ނަތީޖާ އެއްވަރުކޮށްފައެވެ.

އުރުގުއޭގެ ހަމަލާއެއް ކޭޕް ވާޑުގެ ކީޕަރ ވޮޒީނިއާ ދިފާއު ކުރަނީ، ފޮޓޯ: ނިއުޔޯކް ޓައިމްސް/ގެޓީ އިމޭޖްސް

މެޗަށްފަހު ވާހަކަ ދައްކަމުން ކޭޕް ވާޑުގެ ކޯޗު ޕެޑްރޯ ލެއިޓާއޯ ބްރިޓޯ ބުނީ މިއީ ކުދި ގައުމުތަކަށް ދެއްކުނު ނަމޫނާއެއް ކަމަށެވެ.

"އަހަރެމެން މިތިބީ ގައުމެއް ކިތަންމެ ކުޑަވި ނަމަވެސް، އަދި މާލީ ގޮތުން ދަތިތަކެއް ހުރި ނަމަވެސް، ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ބޮޑެތި ޓީމުތަކާ އެއްވަރަކަށް ވާދަކުރެވޭނެކަން ސާބިތުކޮށްދޭން" ކަމަށް އޭނާ ބުންޏެވެ.

ކޭޕް ވާޑަކީ ވޯލްޑް ކަޕަށް ކޮލިފައިވި އާބާދީގެ ގޮތުން ތިންވަނައަށް އެންމެ ކުޑަ ގައުމެވެ.

އުރުގުއޭގެ ކޯޗު މާސެލޯ ބިއެލްސާ މެޗަށްފަހު ވާހަކަދައްކަމުން ބުނީ މިއީ ހައްގު ނަތީޖާއެއް ކަމަށާއި، ޓީމަށް ހެދުނު ގޯސްތަކުގެ ޒިންމާ އޭނާ އުފުލާ ކަމަށެވެ. މި ނަތީޖާއާއެކު ގްރޫޕް އެޗްގައި އުރުގުއޭ އާއި ކޭޕް ވާޑަށް ވެސް ލިބިފައިވަނީ ދެ ޕޮއިންޓެވެ. އުރުގުއޭ ދެން ބައްދަލުކުރާނީ ސްޕެއިންއާއެވެ. ކޭޕް ވާޑު ބައްދަލުކުރާނީ ސައުދީ އަރަބިއްޔާއާއެވެ.

މި މެޗަކީ ވޯލްޑް ކަޕް ތާރީޚުގައި 40 އަހަރުން މަތީގެ ދެ ގޯލްކީޕަރުން ފެށި ފުރަތަމަ މެޗެވެ. ކޭޕް ވާޑުގެ ކީޕަރު ވޮޒީނިއާ އާއި އުރުގުއޭގެ މުސްލޭރާ އަކީ ވެސް 40 އަހަރުގެ ދެ ކުޅުންތެރިންނެވެ. މެޗަށްފަހު ކޭޕް ވާޑުގެ ސަޕޯޓަރުން ވަނީ ދަނޑު ތެރޭގައި ވަރަށް ބޮޑަށް އުފާފާޅުކޮށްފައެވެ.