ވޯލްޑް ކަޕްގައި މިހާތަނަށް ފެނިގެންދިޔަ އެންމެ އަސަރުގަދަ އެއް ވާހަކައަކީ ކޭޕް ވާޑްގެ ގޯލްކީޕަރު ވޮޒީނިއާ އާއި އޭނާގެ މަންމަގެ ވާހަކައެވެ. އުރުގުއޭއާ ދެކޮޅަށް ކޭޕް ވާޑް ކުޅޭ މެޗުގައި، ވޮޒީނިއާގެ މަންމަ އެނާ ކެންޑިޑާ އެވޯރާ އިންނާނީ ދަނޑުގެ ސަޕޯޓަރުންގެ ގޮނޑިބަރީގައެވެ. ސްޕެއިނާ ދެކޮޅަށް ކުޅުނު ފުރަތަމަ މެޗުގައި ވިސާގެ މައްސަލަތަކެއް ކުރިމަތިވުމުން އޭނާއަށް ބައިވެރިއެއް ނުވެވުނެވެ.

ފީފާއިން އާންމުކުރި ވީޑިއޯ މެސެޖެއްގައި އެވޯރާ ބުނީ، ޓީމަށް ސަޕޯޓް ދިން ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރާ ކަމަށެވެ.

Ad
rt

"އަހަރެމެން އެންމެން މިތިބީ ކޭޕް ވާޑް ރަނގަޅަށް ކުޅެ، ދަނޑުމަތީގައި ވިދާލުމަށް އެދިގެން. ކުޅުންތެރިން އީމާންތެރިކަން ބަހައްޓަންވާނެ، އޭރުން ހުރިހާ ކަމެއްވެސް ދާނީ ރަނގަޅަށް،" އެވޯރާ ބުންޏެވެ. އަދި ކުޅުންތެރިން އިސްއުފުލައިގެން ތިބެ، ލަނޑެއް ޖެހުމަށް މަސައްކަތް ކުރުމަށް އޭނާ ވަނީ ހިތްވަރު ދީފައެވެ.

އެވޯރާ އެމެރިކާއަށް ދިއުމަށް ބޭނުންވާ ފައިސާ އާއި ވިސާގެ ކަންކަން ހަމަޖެހުނީ އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓާއި، ފީފާ އަދި ކޭޕް ވާޑްގެ ފުޓްބޯޅަ ފެޑަރޭޝަން ގުޅިގެން ކުރި މަސައްކަތުންނެވެ. ކޭޕް ވާޑުން ފުރައިގެން 24 ގަޑިއިރަށްވުރެ ގިނަ އިރު ދަތުރުކުރުމަށްފަހު އޭނާ މިއާމީއަށް އައީ ހުކުރު ދުވަހުގެ މެންދުރުފަހުއެވެ. އެއާޕޯޓުން އޭނާއަށް މަރުހަބާ ކިޔާފައިވަނީ ފީފާގެ އިސް އޮފިޝަލުންނެވެ.

ސްޕެއިނާ ދެކޮޅަށް ކުޅުނު މެޗަށްފަހު ވޮޒީނިއާގެ މަގުބޫލުކަން ވަނީ އިންތިހާއަށް އުފުލިފައެވެ. މެޗު ފެށުނުއިރު އިންސްޓަގްރާމްގައި 50،000 ފޮލޯވަރުން ތިބި ނަމަވެސް، އާދީއްތަ ދުވަހުގެ ހެނދުނާ ހަމައަށް އެ އަދަދު ވަނީ 14.9 މިލިއަނަށް އަރާފައެވެ. ސްޕެއިން މެޗަށްފަހު އޭނާ ރޮމުން ދެއްކި ވާހަކަތަކުގައި، އޭނާގެ މަންމަ ދަނޑުގައި ނެތުމުން އެކަމުގެ ހިތާމަ ފާޅުކުރިއެވެ. މިއީ އޭނާގެ މަންމަ ގެނައުމުގެ މަސައްކަތް އަވަސްވެގެންދިޔަ މައިގަނޑު ސަބަބެވެ.

ކޭޕް ވާޑްގެ ފޯވާޑް ގޭރީ ރޮޑްރިގޭޒް ބުނީ، މި ހުރިހާ ކަމެއްގެ ސަބަބުން ޓީމަށް ވަރަށް ބޮޑު ސަމާލުކަމެއް ލިބިފައިވާ ކަމަށެވެ. "މިއީ ވަރަށް އަސަރުގަދަ ދުވަސްތަކެއް. އެކަމަކު އަހަރެމެންނަކީ ޕްރޮފެޝަނަލް ކުޅުންތެރިން، ސްޕެއިން މެޗަކީ މިހާރު މާޒީ. އަހަރެމެންގެ އަމާޒުތައް އަހަރެމެންނަށް އެނގޭ،" ރޮޑްރިގޭޒް ބުންޏެވެ.