ވޯލްޑް ކަޕްގެ ގްރޫޕް އެފްގައި ބްރަޔަން ބްރޮބީ އާއި ކޯޑީ ގަކްޕޯ ކާމިޔާބުކުރި ދެ ލަނޑާއެކު، 5-1 ގެ ބޮޑު ތަފާތަކުން ސްވިޑަން ބަލިކޮށް ނެދަލެންޑްސް އިން ގްރޫޕްގެ އެއްވަނައަށް ޖެހިލައިފިއެވެ.

މިއީ ފުރަތަމަ މެޗުގައި ޖަޕާނާ ދެކޮޅަށް ކުޅެ 2-2 އިން އެއްވަރުވުމަށްފަހު ނެދަލެންޑްސް އިން ހޯދި މުހިންމު މޮޅެކެވެ.

Ad
rt

މި މޮޅާއެކު ނެދަލެންޑްސް އަށް ވަނީ ހަތަރު ޕޮއިންޓް ލިބިފައެވެ. ދެވަނައިގައި އޮތް ސްވިޑަން އަށް ތިން ޕޮއިންޓް ލިބިފައިވާއިރު، މި ގްރޫޕްގައި ހިމެނޭ ޖަޕާނާއި ޓިއުނީޝިއާ ބައްދަލުކުރާ މެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ސްވިޑަން އަށް މިއީ 1950 ވަނަ އަހަރު ބްރެޒިލް އަތުން 7-1 އިން ބަލިވި ފަހުން ވޯލްޑް ކަޕެއްގައި ކުރިމަތިވި އެންމެ ބޮޑު ނާކާމިޔާބީއެވެ.

މެޗުގެ ފުރަތަމަ ހާފުގައި ބްރޮބީ ވަނީ ދެ ލަނޑު ޖަހައި ނެދަލެންޑްސް އަށް ކުރިހޯދައިދީފައެވެ. އޭނާގެ ފުރަތަމަ ލަނޑު ފަސްވަނަ މިނެޓުގައި ގަކްޕޯ ތަނަވަސްކޮށްދިން ފުރުސަތަކުން ކާމިޔާބުކުރިއިރު، ދެވަނަ ލަނޑު 17 ވަނަ މިނެޓުގައި ޖެހީ ޑެންޒެލް ޑަމްފްރީސް ނަގައިދިން ހުރަހަކުންނެވެ. ދެވަނަ ހާފު ފެށިގެން 47 ވަނަ މިނެޓުގައި ގަކްޕޯ ވަނީ ލީޑު 3-0 އަށް ފުޅާކޮށްދީފައެވެ. އަދި 54 ވަނަ މިނެޓުގައި އޭނާ ވަނީ އިތުރު ލަނޑެއް ޖަހައި ބްރޮބީގެ ރެކޯޑާ އަރާ ހަމަކޮށްފައެވެ.

ނެދަލެންޑްސްގެ ރަސްގެފާނު ވިލެމް-އަލެކްސެންޑަރާއި ރާނީ މެކްސިމާ ޓީމަށް ސަޕޯޓްކުރެއްވުމަށް ދަނޑުގައި، ފޮޓޯ: އޭޕީ

ސްވިޑަންގެ ހަމައެކަނި ލަނޑު 59 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެންތަނީ އެލަންގާއެވެ. އޭގެ ކުރިން ސްވިޑަންގެ ގުސްޓާފް ލަގަބިއެލްކޭ ބޮލުން ޖެހި ލަނޑެއް އޮފްސައިޑް ކަމަށް ނިންމާފައިވާއިރު، ނެދަލެންޑްސްގެ ކީޕަރު ބާޓް ވާބްރޫގެން ވަނީ ފުރަތަމަ ހާފުގައި ނުރައްކާތެރި ހަތަރު ހަމަލާއެއް ދިފާއުކޮށްފައެވެ. މެޗުގެ ފަހު ލަނޑު 89 ވަނަ މިނެޓުގައި ކާމިޔާބުކުރީ ކްރިސެންސިއޯ ސަމަވިލްއެވެ.

މި މެޗު ބަލާލުމަށް ނެދަލެންޑްސްގެ ރަސްގެފާނު ވިލެމް-އަލެކްސެންޑަރާއި ރާނީ މެކްސިމާ ސްޓޭޑިއަމްއަށް ވަޑައިގެންނެވިއެވެ. 68,777 މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގައި ގިނައީ ނެދަލެންޑްސްގެ ސަޕޯޓަރުންނެވެ.

ގްރޫޕް ސްޓޭޖުގެ ފަހު މެޗުތަކުގައި ބުރާސްފަތި ދުވަހުގެ ރޭ ސްވިޑަން ނުކުންނާނީ ޖަޕާނާ ދެކޮޅަށެވެ. އަދި ނެދަލެންޑްސް ބައްދަލުކުރާނީ ޓިއުނީޝިއާއާއެވެ.