ވޯލްޑް ކަޕްގައި އާދީއްތަ ދުވަހު ސައުދީ އަރަބިއްޔާއާ ދެކޮޅަށް ސްޕެއިން ކުޅޭ މެޗުގައި، މުޅި މެޗު ކުޅެވޭވަރަށް އަދި ފިޓް ނޫން ކަމަށް އެ ޓީމުގެ ޒުވާން ފޯވާޑް ލަމީން ޔަމާލް ބުނެފިއެވެ.
ހޭމްސްޓްރިންގް އަނިޔާއަކުން ރަނގަޅުވަމުން އަންނަ 18 އަހަރުގެ ޔަމާލް ބުނީ މި މެޗުގައި އޭނާ ފުރަތަމަ އެގާރައިގައި ހިމެނުމުގެ ފުރުސަތު ކުޑަ ކަމަށެވެ.
ޔަމާލް މި މުބާރާތަށް އައީ ވައަތު ފައިގެ ހޭމްސްޓްރިންގް މައްސަލައަކާ އެކުގައެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި ކޭޕް ވާޑްއާ ދެކޮޅަށް ސްޕެއިން 0-0 އިން އެއްވަރުވި މެޗުގައި އޭނާ ކުޅެން އެރީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައެވެ. "އަހަރެންގެ ހާލު ރަނގަޅު، އެކަމަކު މުޅި މެޗު ކުޅެން އަދި މާ އަވަސް،" ސްޕެއިންގެ އާރު.ޓީ.ވީ.އީ އަށް ދިން އިންޓަވިއުއެއްގައި ޔަމާލް ބުންޏެވެ. އޭނާ އިތުރަށް ބުނީ ކޯޗު ބޭނުންވާ ކޮންމެ ވަގުތަކު ކުޅެން ތައްޔާރު ކަމަށާއި، ނަމަވެސް މިވަގުތު ބޭކާރު ރިސްކެއް ނަގަން ބޭނުންނުވާ ކަމަށެވެ.
ކޭޕް ވާޑް މެޗުގެ 71 ވަނަ މިނެޓުގައި ޔަމާލް ކުޅެން އެރި ނަމަވެސް، އެ މެޗުގައި ސްޕެއިން މޮޅުކޮށްދެވޭ ގޮތެއް ނުވިއެވެ. ބާސެލޯނާގެ ތަރި ފާހަގަކުރި ގޮތުގައި އޭނާއާ އެކު އަނިޔާގައި ހުރި ނިކޯ ވިލިއަމްސްގެ ހާލަތު މިހާރު އޭނާއަށް ވުރެ ރަނގަޅެވެ. "ޖިސްމާނީ ގޮތުން އޭނާ އަހަންނަށް ވުރެ މާ ފިޓް. އަހަރެމެން އަވަސް އަރުވާލާކަށް ބޭނުމެއް ނޫން. އަހަރެމެންގެ ޓީމުގައި މޮޅު ކުޅުންތެރިން އެބަތިބި،" ޔަމާލް ބުންޏެވެ.
2024 ވަނަ އަހަރުގެ ޔޫރޯ ކާމިޔާބު ކުރުމުގައި ސްޕެއިންއަށް މުހިންމު ދައުރެއް އަދާކުރި ޔަމާލް އަކީ މިފަހަރުގެ ވޯލްޑް ކަޕްގައި އެންމެ ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފައިވާ އެއް ކުޅުންތެރިޔާއެވެ. އެމެރިކާގެ އެޓްލާންޓާގައި އޭނާގެ މަގުބޫލުކަން ވަރަށް ބޮޑަށް ފެންނަން ހުރިއިރު، އޭނާ ބުނީ ސަޕޯޓަރުން ބޭނުންވާ ފަދަ މޮޅު ކުޅުމެއް ދެއްކުމަށް އަބަދުވެސް މަސައްކަތް ކުރާނެ ކަމަށެވެ.
ގްރޫޕް އެޗްގައި ސްޕެއިން އާއި ސައުދީ އަރަބިއްޔާ ބައްދަލުކުރާއިރު، ދެ ޓީމަށްވެސް ވަނީ ފުރަތަމަ މެޗުން އެއް ޕޮއިންޓް ލިބިފައެވެ. ސްޕެއިން ކޭޕް ވާޑްއާ އެއްވަރުވިއިރު، ސައުދީ އެއްވަރުވީ އުރުގުއާއީއާ ދެކޮޅަށް ކުޅުނު މެޗުންނެވެ. މި ގްރޫޕްގެ ފަހު މެޗުގައި ސްޕެއިން ނުކުންނާނީ އުރުގުއާއީއާ ދެކޮޅަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!