އިސްރާއީލުން ލުބުނާނަށް ދެމުންދާ ހަމަލާތައް ހުއްޓުވުމަށް އެމެރިކާއިން ނަތަންޔާހޫއަށް ފިއްތުންތައް ކުރިމަތިކުރުވުމުގައި ނުކުޅެދުމާ ގުޅިގެން، ދުނިޔޭގެ އެންމެ މުހިންމު އެއް ކަނޑުގެ މަގު ކަމަށްވާ ހޯރްމޫޒް ކަނޑުއޮޅި ރަސްމީކޮށް ބަންދުކޮށްފިކަން އީރާނުން އިއުލާންކޮށްފިއެވެ.

އީރާނުގެ މަރުކަޒީ އަސްކަރީ ކޮމާންޑް (ޚާތަމް އަލް-އަންބިޔާ ސެންޓްރަލް ހެޑްކުއާޓާސް) އިން ނެރުނު މި އިއުލާނާއެކު ސަރަހައްދީ މަސްލަހަތު ވަނީ ނުތަނަވަސްވެ، އެމެރިކާއާއި އީރާނާ ދެމެދު ދާދިފަހުން ގާއިމުކުރި ފަހުމުނާމާއަށް ބޮޑު ގޮންޖެހުމެއް ކުރިމަތިވެފައެވެ.

Ad
rt

އީރާނުން މި ނިންމުން ނިންމާފައިވަނީ ލުބުނާނުގެ ދެކުނުގައި ހިނގަމުންދާ ހަމަލާތަކާ ގުޅިގެންނެވެ. އީރާނުން ބުނާ ގޮތުގައި އެމެރިކާއިން ވަނީ ދެ ގައުމުގެ ދެމެދުގައި އޮތް ފަހުމުނާމާގެ އެއްވަނަ މާއްދާއާ ހިލާފުވެފައެވެ. އެ މާއްދާގައި ބުނާ ގޮތުން އިސްރާއީލުގެ އަސްކަރީ ހަރަކާތްތައް ހުއްޓުވުމުގެ ޒިންމާ އެމެރިކާއިން އުފުލަންޖެހެއެވެ. އެމެރިކާއާއި ގަތަރު މެދުވެރިވެގެން ހުކުރު ދުވަހު އިއުލާންކުރި ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމާ ހިލާފަށް ހޮނިހިރު ދުވަހު އަނެއްކާވެސް ވަނީ ވަރުގަދަ ހަމަލާތަކެއް ބަދަލުކުރަން ފަށާފައެވެ.

"އެމެރިކާއިން ވެފައިވާ ވައުދާ ހިލާފުވެ، ހަނގުރާމަ ހުއްޓުވުމަށް އެއްބަސްވި ފަހުމުނާމާގެ އެއްވަނަ މާއްދާ ތަންފީޒުކުރުމަށް ނުކުޅެދުމާ ގުޅިގެންނާއި، ޒަޔަނިސްޓް ރެޖީމުން ލުބުނާނުގެ ދެކުނުގައި ހިންގަމުންދާ ލާއިންސާނީ އަމަލުތަކަށް ރައްދު ދިނުމުގެ ގޮތުން ހޯރްމޫޒް ކަނޑުއޮޅި ހުރިހާ އުޅަނދުފަހަރަކަށް ބަންދުކޮށްފިން" އީރާނުގެ އަސްކަރިއްޔާއިން ނެރުނު ބަޔާނުގައި ބުނެފަވެއެވެ.

އީރާނުން މިހެން ބުނި ނަމަވެސް، އެމެރިކާގެ ނައިބު ރައީސް ޖޭ.ޑީ ވެންސް ވިދާޅުވީ ކަނޑުއޮޅި ބަންދުކޮށްފައިވާ ކަމުގެ އެއްވެސް ހެއްކެއް ފެންނަން ނެތް ކަމަށެވެ. އަދި އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ހޮނިހިރު ދުވަހު އެ ސަރަހައްދުން ދަތުރުކުރި ވިޔަފާރި އުޅަނދުފަހަރުގެ އަދަދު ވަނީ އިތުރުވެފައެވެ. އެމެރިކާގެ އަސްކަރިއްޔާއިން ބުނީ ކަނޑުދަތުރުފަތުރުގެ މިނިވަންކަން ކަށަވަރުކުރުމަށް އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ.

މި ހާދިސާއާ ގުޅިގެން، އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާއި ދަތިކުރުމުގެ ފިޔަވަޅުތަކާ ގުޅޭގޮތުން ސްވިޒަލޭންޑްގައި ބޭއްވުމަށް ހަމަޖެހިފައިވާ މަޝްވަރާތަކަށް ވަނީ ހުރަސް އެޅިފައެވެ. އީރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އިސްމާއިލް ބަގާއީ ވިދާޅުވީ، އީރާނުގެ ވަފުދެއް ސްވިޒަލޭންޑަށް ދަތުރުކުރަމުންދާ ކަމަށާއި، ނަމަވެސް އެމެރިކާއިން ކުރީގެ އެއްބަސްވުންތަކަށް އިހުތިރާމް ނުކުރާނަމަ އެއްވެސް ކުރިއެރުމެއް ނުލިބޭނެ ކަމަށެވެ.