ވޯލްޑް ކަޕް 2026ގައި ހުކުރު ދުވަހު ކުޅުނު މެޗުގައި އިސްމާއިލް ސައިބާރީ ޖެހި ލަނޑާއެކު 1-0 އިން ސްކޮޓްލޭންޑް ބަލިކޮށް، ޖެހިޖެހިގެން ދެވަނަ ފަހަރަށް މުބާރާތުގެ ނޮކައުޓް ބުރަށް ދިއުމުގެ އުންމީދު މޮރޮކޯއިން ދަމަހައްޓައިފިއެވެ.
ސްކޮޓްލޭންޑްގެ ދެ ޑިފެންޑަރުންގެ ފަހަތުން ސައިބާރީ ދެމިގަތް ވަގުތު، ބްރަހީމް ޑިއާޒް ވަނީ ދިފާއީ ކުޅުންތެރިންގެ ބޯމަތިން އޭނާއަށް ބޯޅަ ފޯރުކޮށްދީފައެވެ. ސައިބާރީ އެ ބޯޅަ ކޮންޓްރޯލް ކުރުމަށްފަހު ގޯލުގެ މަތީ ވާތް ފަރާތު ކަނަށް ފޮނުވާލީ ކީޕަރު އެންގަސް ގަންއަށް އަތްނުފޯރާ ފަށަށެވެ.
ގަތަރުގައި ބޭއްވި އެންމެ ފަހުގެ ވޯލްޑް ކަޕްގެ ސެމީ ފައިނަލަށް ދަތުރުކުރި މޮރޮކޯ، ގްރޫޕް ސީގެ ފުރަތަމަ މެޗުގައި ބްރެޒިލްއާ ބައްދަލުކޮށް ވަނީ 1-1 އިން އެއްވަރުވެފައެވެ. މީގެ ކުރިން ވޯލްޑް ކަޕްގައި ވާދަކުރި އަށް ފަހަރުވެސް ގްރޫޕް ސްޓޭޖުން ކަޓާފައިވާ ސްކޮޓްލޭންޑް ވަނީ އެޓީމުގެ ފުރަތަމަ މެޗުގައި 1-0 އިން ހައިޓީ ބަލިކޮށްފައެވެ.
ބްރެޒިލް ކޮޅަށް މޮރޮކޯއިން ޖެހި ހަމައެކަނި ލަނޑުވެސް ކާމިޔާބުކޮށްދިނީ ސައިބާރީއެވެ.
މެޗުގެ 52 ވަނަ މިނެޓުގައި މޮރޮކޯއަށް ވަނީ އިތުރު ލަނޑެއް ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިފައެވެ. އަޝްރަފް ހަކީމީ ނެގި ކޯނަރަކުން ބިލާލް އަލް ޚަންނޫސް ބޮލުން ފޮނުވާލި ބޯޅަ ކީޕަރު ގަން ވަނީ ދިފާއުކޮށްފައެވެ.
ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ސްކޮޓްލޭންޑަށް ވެސް ފުރުސަތެއް ލިބުނެވެ. އެންޑީ ރޮބަޓްސަން ހުރަސްކޮށްލި ބޯޅަ، ގޯލުގެ ފަހަތު ދަނޑި ކައިރީގައި ހުރި ޖޯން މެކްގިންގެ ފައިގައި ލައްވާލާ ގޮތެއް ނުވިއެވެ.
މެޗުގެ ފަހު މިނެޓުތަކުގައި ނަތީޖާ އެއްވަރުކުރުމަށް ސްކޮޓްލޭންޑުން ބާރުބޮޑުކުރި ނަމަވެސް، ލީޑު ފުޅާކުރުމަށް މޮރޮކޯއަށް ލިބުނު ދެ ފުރުސަތެއްގައި ފޮނުވާލި ބޯޅަވެސް އަމާޒުވީ ގޯލުން ބޭރަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!