ސައުދީ އަރަބިއްޔާގެ ޚާއްޞަ މެޑިކަލް ޓީމަކުން ފިލިޕީންސްގެ ގުޅިފައިވާ ދެބެން ކަމަށްވާ އޮލިވިއާ އަދި ޖިއާނާ މެނުއަލް ވަކިކުރުމުގެ އޮޕަރޭޝަން ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
18 ޖޫން 2026 ގައި ރިޔާޟްގެ ކިންގް އަބްދުﷲ ސްޕެޝަލިސްޓް ޗިލްޑްރަންސް ހޮސްޕިޓަލުގައި ކުރިއަށްދިޔަ މި އޮޕަރޭޝަނަކީ ސައުދީގެ 'ކޮންޖޮއިންޑް ޓްވިންސް ޕްރޮގްރާމް' ގެ ދަށުން ކުރެވުނު 72 ވަނަ އޮޕަރޭޝަނެވެ.
މި އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވަނީ މަޝްހޫރު ޕީޑިއަޓްރިކް ސާޖަން ޑރ. އަބްދުﷲ އަލް ރާބިއާގެ އިރުޝާދުގެ ދަށުން 22 މެންބަރުންގެ މައްޗަށް އެކުލެވޭ މެޑިކަލް ޓީމަކުންނެވެ. އޮޕަރޭޝަންގެ ކަންތައްތައް ކުރިން އުންމީދު ކުރިވަރަށްވުރެ އަވަހަށް އަދި އޮމާންކަމާއެކު ކުރިއަށް ގޮސްފައިވާއިރު، ޖުމްލަ ހަ ގަޑިއިރުގެ ތެރޭގައި ހަ މަރުހަލާއަކަށް ބަހާލައިގެން ކުރިއަށްދިޔަ މި އޮޕަރޭޝަން ވަނީ ނިންމާލާފައެވެ.
އުމުރުން ދެ އަހަރުގެ މި ދެބެން ގުޅިފައިވަނީ މޭމައްޗާއި ބަނޑުގެ ސަރަހައްދުންނެވެ. މި ދެބެންގެ މެދުގައި ފުރަމޭ (ލިވަރ) ހިއްސާކުރަމުންދާއިރު، ގޮހޮރުގެ ބައެއްވެސް ހިއްސާކުރާ ކަމަށް މެޑިކަލް ރިޕޯޓްތަކުން ދައްކައެވެ. މީގެ އިތުރުން ޖިއާނާގެ ހިތުގެ ބައެއް އުނިކަންތައްތައް ހުރުމުގެ ސަބަބުން، އެނބުރި ގައުމަށް ދިއުމުގެ ކުރިން އޭނާ އިތުރު ހިތުގެ އޮޕަރޭޝަނަކަށް ފަހު މެޑިކަލް ޓީމުގެ ބެލުމުގެ ދަށުގައި މަޑުކުރަން ޖެހޭނެއެވެ.
ސައުދީ ޕްރެސް އެޖެންސީ (އެސްޕީއޭ) އާއި ކިންގް ސަލްމާން ހިއުމެނިޓޭރިއަން އެއިޑް އެންޑް ރިލީފް ސެންޓަރު (ކޭސްރީފް) އިން ހާމަކޮށްފައިވާ ގޮތުގައި، މިއީ 1990 ވަނަ އަހަރުން ފެށިގެން ހިންގަމުންދާ މި ޕްރޮގްރާމުގެ ދަށުން ފިލިޕީންސަށް ނިސްބަތްވާ ދެބެން ވަކިކުރި ހަތަރުވަނަ ފަހަރެވެ. އެންމެ ފަހުން މިފަދަ އޮޕަރޭޝަނެއް ފިލިޕީންސްގެ ކުދިންތަކަކަށް ކޮށްފައިވަނީ މިއަހަރުގެ އޭޕްރީލް މަހުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!