މި އަހަރުގެ އެމްއެލްއެސް ސީޒަން ފެށުމުގެ ކުރިން ވެންކޫވާ ވައިޓްކެޕްސް ދޫކޮށް އިނގިރޭސި ކްލަބް ނޮރިޗް ސިޓީއަށް ބަދަލުވި ނަމަވެސް، ކެނެޑާގެ މިޑްފީލްޑަރު އަލީ އަހުމަދަށް އޮތް ތަރުހީބަށް އެއްވެސް ބަދަލެއް ނާދެއެވެ. ބޮސްނިއާ-ހަރްޒެގޮވީނާއާ ދެކޮޅަށް ކެނެޑާ ކުޅުނު ފުރަތަމަ މެޗުގައި އަލީ އަހުމަދު ކުޅެން އެރި ވަގުތު، ވެންކޫވާގައި ތިބި ސަޕޯޓަރުން ވަނީ އޭނާގެ ނަމުން ގޮވައި ވަރަށް ބޮޑަށް އުފާފާޅުކޮށްފައެވެ.

މެޗުގެ 61 ވަނަ މިނެޓުގައި ކުޅެން އަރައި އަލީ އަހުމަދު ދެއްކި ކުޅުމަށް ގިނަ ބައެއްގެ ތައުރީފު ވަނީ ލިބިފައެވެ. ކެނެޑާގެ ސަޕޯޓަރުންގެ ގްރޫޕެއް ކަމަށްވާ 'ދަ ވޮޔޭޖާސް' ގެ މެންބަރެއް ކަމަށްވާ އެޑަމް ލަވަލް ބުނީ، އަލީ އަހުމަދުގެ ކުޅުމާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށާއި، އަމިއްލަ ދަނޑުގައި ކުޅޭއިރު ސަޕޯޓަރުންގެ ފަރާތުން އޭނާއަށް ބޮޑު ހިތްވަރެއް ލިބޭނެ ކަމަށެވެ.

Ad
rt
އަލީ އަހްމަދު ކެނެޑާގެ ފަރިތަކުރުންތަކުގައި، ފޮޓޯ: އޭޕީ

ގްރޫޕް ބީގެ ހާލަތު

ގްރޫޕް ބީގައި ހިމެނޭ އަނެއް ދެ ޓީމު ކަމަށްވާ ސްވިޒަލޭންޑާއި ގަތަރު ބައްދަލުކުރި މެޗުވެސް ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. މިއާއެކު ގްރޫޕްގައި ހިމެނޭ ހަތަރު ޓީމުވެސް މިވަގުތު އޮތީ އެއްވަރެއްގައެވެ. ކެނެޑާ ދެން ކުޅޭ މެޗުތައް އޮންނާނީ ވެންކޫވާގައެވެ. އެގޮތުން ބުރާސްފަތި ދުވަހު ގަތަރާ ދެކޮޅަށް ނުކުންނައިރު، ޖޫން 24 ގައި ބައްދަލުކުރާނީ ސްވިޒަލޭންޑާއެވެ.

"މިއީ އަހަރެންގެ ގެއަކީ. އަލުން މި އިމާރާތަށް ވަދެ، ތިން އަހަރު ވަންދެން އަހަރެން ބޭނުންކުރި ޗޭންޖިން ރޫމުގައި އިށީނުމުން ވަރަށް އުފާވޭ،" އަލީ އަހުމަދު ބުންޏެވެ.

އޭނާ އިތުރަށް ބުނީ ވެންކޫވާގެ ސަޕޯޓަރުންނަކީ ފުޓްބޯޅައަށް ލޯބިކުރާ ބައެއް ކަމަށާއި، ސަޕޯޓަރުން އެދޭ ފަދަ ނަތީޖާއެއް ހޯދައިދޭން މަސައްކަތް ކުރާނެ ކަމަށެވެ.

ކެނެޑާގެ ގައުމީ ޓީމުން މިހާތަނަށް ވޯލްޑް ކަޕްގައި އަށް މެޗު ކުޅެފައިވާއިރު، އަދި އެއްވެސް މެޗަކުން މޮޅެއް ލިބިފައެއް ނުވެއެވެ. ބޮސްނިއާއާ އެއްވަރުވުމަކީ ވޯލްޑް ކަޕްގެ ތާރީޚުގައި ކެނެޑާއަށް ލިބުނު ފުރަތަމަ ޕޮއިންޓެވެ. އަލީ އަހުމަދު އުންމީދު ކުރަނީ އޭނާގެ ޕްރޮފެޝަނަލް ކެރިއަރު ފެށި ދަނޑުގައި ކެނެޑާއަށް ފުރަތަމަ މޮޅު ހޯދައިދިނުމަށެވެ.

ކެނެޑާގެ ސްކޮޑުގައި ވެންކޫވާ ވައިޓްކެޕްސްއަށް ކުރިން ކުޅުނު ހަ ކުޅުންތެރިން ހިމެނެއެވެ. އޭގެ ތެރޭގައި ޓީމުގެ ތަރި އަލްފޮންސޯ ޑޭވީސް އާއި ރިޗީ ލަރިއާ ހިމެނެއެވެ. ލަރިއާ ބުނި ގޮތުގައި ވައިޓްކެޕްސް މިހާރު ދައްކަމުންދާ ރަނގަޅު ކުޅުމާއެކު، ގިނަ އަދަދެއްގެ ސަޕޯޓަރުން ދަނޑަށް ވަންނާނެ ކަމަށް ބެލެވެއެވެ