ވޯލްޑް ކަޕްގައި ބެލްޖިއަމްގެ ރޮމެލޫ ލުކާކޫ އާއި ކެވިން ޑި ބްރޭނާ އަށް ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބުނު ނަމަވެސް، މިސްރާ ވާދަކޮށް 1-1 އިން ބެލްޖިއަމް އެއްވަރުވެއްޖެއެވެ. މި މެޗުގައި ބެލްޖިއަމް ސަލާމަތްވީ ފަހަތުން އަރައި ކާމިޔާބުކުރި ލަނޑަކުންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި މިސްރުން ވަނީ މޮޅު ކުޅުމެއް ދައްކައި ލީޑު ނަގާފައެވެ. އެގޮތުން މެޗުގެ 19 ވަނަ މިނެޓުގައި މިސްރަށް ކުރިހޯދައިދިނީ އިމާމް އަޝޫރު ކާމިޔާބުކުރި ލަނޑުންނެވެ. މިއީ އޭނާ ގައުމީ ޓީމަށް ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ. ގައުމީ ޓީމަށް ކުޅުނު 30 ވަނަ މެޗުގައި އަޝޫރު މި ލަނޑު ޖެހީ ބެލްޖިއަމްގެ ޑިފެންސްލައިނަށް ހެދުނު ގޯހެއްގެ ފައިދާ ނަގައިގެންނެވެ.
ބެލްޖިއަމް އިން މެޗުގެ ނަތީޖާ ހަމަހަމަކުރީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ރޮމެލޫ ލުކާކޫ ކުޅެން އެރިތާ މަދު ސިކުންތުކޮޅެއްގެ ތެރޭގައެވެ. 66 ވަނަ މިނެޓުގައި ލުކާކޫ ކުޅެން އެރިތާ އެންމެ 23 ސިކުންތު ތެރޭގައި އޭނާ އުފެއްދި ހަމަލާއެއް ގޯލަށް ވަނީ މިސްރުގެ ޑިފެންޑަރު މުހައްމަދު ހާނީ އަތުން ބައިކޮޅަށެވެ.
މި މެޗުގައި ލީޑު ފުޅާކުރުމަށް މިސްރަށް ރަނގަޅު ފުރުސަތުތަކެއް ލިބުނު ނަމަވެސް އިތުރު ލަނޑެއް ކާމިޔާބުކުރެވޭ ގޮތެއް ނުވިއެވެ. އަނެއްކޮޅުން ބެލްޖިއަމްގެ ތަރިން ކަމަށްވާ ލުކާކޫ އާއި ޑި ބްރޭނާ އަށް ވެސް މެޗުން މޮޅުވާނެ ފުރުސަތުތައް ލިބި ވަނީ ބޭކާރުވެފައެވެ.
މި ނަތީޖާއާއެކު ބެލްޖިއަމް އެންމެ ފަހުން ކުޅުނު ތިން މެޗުން ވެސް މޮޅެއް ހޯދިފައެއް ނުވެއެވެ. އަދި ހަތަރުވަނަ ފަހަރަށް ވޯލްޑް ކަޕްގައި ވާދަކުރާ މިސްރަށް އަދިވެސް މި މުބާރާތުގެ މެޗަކުން މޮޅުވެވިފައެއް ނުވެއެވެ. ނަމަވެސް މިއީ ވޯލްޑް ކަޕްގެ ތާރީޚުގައި މިސްރުން މެޗެއްގައި ލީޑު ހޯދި ދެވަނަ ފަހަރެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!