ނޯވޭގެ ވަލީއަހުދު ހާކޮންގެ އަނބިކަނބަލުން ކްރައުން ޕްރިންސެސް މެޓޭ-މާރިޓްގެ ދަރިކަލުން މާރިއަސް ބޯގް ހޮއިބީގެ މައްޗަށް ރޭޕްގެ ދެ ދައުވާ ސާބިތުވެ، ހަތަރު އަހަރުގެ ޖަލު ހުކުމެއް އޮސްލޯ ޑިސްޓްރިކްޓް ކޯޓުން މިއަދު އިއްވައިފިއެވެ.

އުމުރުން 29 އަހަރުގެ ހޮއިބީގެ މައްޗަށް އުފުލި ރޭޕްގެ ހަތަރު ދައުވާގެ ތެރެއިން ދެ ދައުވާއެއް ސާބިތުނުވާ ކަމަށް ކޯޓުން ވަނީ ކަނޑައަޅާފައެވެ.

Ad
rt

އޮސްލޯ ޑިސްޓްރިކްޓް ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން އިއްވި މި ހުކުމުގައި ބުނެފައިވަނީ، 2018 ވަނަ އަހަރު ޝާހީ ގަނޑުވަރުގެ އެސްޓޭޓެއްގައި އަންހެނަކު ރޭޕްކުރި މައްސަލައާއި، 2024 ވަނަ އަހަރު އޮސްލޯގައި ހިނގި ރޭޕްގެ މައްސަލައެއް ހޮއިބީގެ މައްޗަށް ސާބިތުވާ ކަމަށެވެ. މީގެ އިތުރުން ކުރީގެ ލޯބިވެރިޔާއަށް އަނިޔާކުރުމާއި، ޖިސްމާނީ ބޮޑެތި ގެއްލުންތަކެއް ދިނުމުގެ ކުށްވެސް އޭނާގެ މައްޗަށް ވަނީ ސާބިތުވެފައެވެ.

ޝާހީ އާއިލާއަށް ކުރިމަތިވި ހިޔަނި

ހޮއިބީއަކީ ނޯވޭގެ ޝާހީ އާއިލާގެ ރަސްމީ މެންބަރަކަށް ނުވި ނަމަވެސް، އޭނާ ބޮޑުވީ ޝާހީ އާއިލާގެ ތެރޭގައެވެ. މި މައްސަލައިގެ ސަބަބުން ނޯވޭގެ ޝާހީ އާއިލާއަށް ވަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައެވެ. ނަމަވެސް، މި ހުކުމާ ގުޅޭގޮތުން އެއްވެސް އެއްޗެއް ބުނަން ބޭނުންނުވާ ކަމަށް ގަނޑުވަރުން ވަނީ ހާމަކޮށްފައެވެ. ހޮއިބީގެ މަންމަ، ކްރައުން ޕްރިންސެސް މެޓޭ-މާރިޓް މިވަގުތު އުޅުއްވަނީ ފުއްޕާމޭގެ ބައްޔެއްގައި ވަރަށް ބޮޑަށް ބަލިވެއެވެ.

ދައުލަތުގެ ވަކީލުން އެދިފައިވަނީ ހޮއިބީ ހަތް އަހަރާއި ހަތް މަހަށް ޖަލަށްލުމަށެވެ. ނަމަވެސް ކޯޓުން ހަތަރު އަހަރުގެ ހުކުމެއް އިއްވުމުން، ހޮއިބީގެ ވަކީލުން ބުނެފައިވަނީ މި ހުކުމް އިސްތިއުނާފު ކުރާނެ ކަމަށެވެ. ހޮއިބީ ކޯޓަށް ހާޒިރުވެފައިވަނީ ސިއްހީ ސަބަބުތަކަށްޓަކައި ވީޑިއޯ ލިންކް މެދުވެރިކޮށެވެ.

ހެކީގެ ގޮތުގައި ފޯނުން ފެނުނު ވީޑިއޯތައް

މި މައްސަލައިގައި ހިމެނޭ ހަތަރު ރޭޕްގެ ދައުވާގައިވެސް ބުނެފައިވަނީ އަންހެނުން ނިދާފައި ނުވަތަ ހޭނެތިފައި ތިއްބާ ހޮއިބީ އެމީހުން ރޭޕްކޮށްފައިވާ ކަމަށެވެ. މިކަން ފަޅާއެރީ ހޮއިބީ ހައްޔަރުކުރުމަށްފަހު އޭނާގެ ފޯނު ބެލިއިރު، އެ މަންޒަރުތައް ފެންނަ ވީޑިއޯތައް ފޯނުން ފެނުމުންނެވެ. އަނިޔާ ލިބުނު ބައެއް އަންހެނުންނަށް އެމީހުން ރޭޕްކުރިކަން އެނގުނީވެސް ފުލުހުން އެ ވީޑިއޯތައް ދެއްކުމުންނެވެ.

ކޯޓުން ވަނީ އަނިޔާ ލިބުނު ހަތަރު އަންހެނަކަށް ބަދަލުގެ ގޮތުގައި ޖުމްލަ 640،000 ނޯވޭޖިއަން ކްރޯނާ ދެއްކުމަށްވެސް ހޮއިބީގެ މައްޗަށް އަމުރުކޮށްފައެވެ. މީގެ ތެރޭގައި ހިމެނެނީ ނޯވޭގެ މަޝްހޫރު އިންފްލުއެންސަރެއް ކަމަށްވާ ނޯރާ ހޯކްލޭންޑްވެސް ހިމެނެއެވެ.