ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ޓަވަރުތަކުގައި އިތުރު ލިފްޓް ހަރުކުރުމަށް ކުރިއަށްގެންދާ މަޝްރޫއުގެ ދަށުން، އިތުރު ތިން ޓަވަރެއްގައި އިތުރު ލިފްޓް ހަރުކޮށް އާންމުންނަށް ބޭނުންކުރަން ހުޅުވާލައިފިއެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހާމަކޮށްފައިވާ ގޮތުގައި، އަލަށް ލިފްޓް ހަރުކޮށް ނިންމާފައިވަނީ H13، H14 އަދި H15 ޓަވަރުގައެވެ.

Ad
rt

މި މަޝްރޫއުގެ ދަށުން މިހާތަނަށް ޖުމްލަ 15 ޓަވަރެއްގައި އިތުރު ލިފްޓް ހަރުކޮށް، މިހާރު ވަނީ ބޭނުންކުރަން ފަށާފައެވެ.

ހިޔާގެ ކޮންމެ ޓަވަރަކަށް އިތުރު ދެ ލިފްޓް ހަރުކޮށްދެއްވުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ހިޔާގެ ރައްޔިތުންނަށް ވެވަޑައިގެންފައިވާ މުހިންމު ވަޢުދުފުޅެކެވެ. މި މަޝްރޫއުގެ ދަށުން 16 ޓަވަރުގައި ޖުމްލަ 32 ލިފްޓް ހަރުކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. ކުރިން މި ޓަވަރުތަކުގައި ހުންނަނީ 3 ނުވަތަ 4 ލިފްޓެވެ.

އަލަށް ބަހައްޓާ ލިފްޓްތަކަކީ ބަލި މީހުން އުފުލުމަށް ފަސޭހަވާނެހެން ސްޓްރެޗަރ އެރުވޭ ގޮތަށް ފަރުމާކޮށްފައިވާ ލިފްޓްތަކެކެވެ. މީގެ އިތުރުން، ލޮލުގެ ފެނުމުން މަހުރޫމްވެފައިވާ ފަރާތްތަކަށް ފަސޭހަކޮށްދިނުމުގެ ގޮތުން، ލިފްޓްތަކުގެ ފްލޯ ނަމްބަރުތައް ވަނީ ބްރެއިލް އަކުރުން ހިމަނާފައެވެ.

މި މަސައްކަތް ކުރިއަށްގެންދަނީ ޗައިނާގެ ޝެންޔަންގް ޔުއާން އިންޓަލެކްޗުއަލް ގްރޫޕާ ހަވާލުކޮށްގެންނެވެ. ހިޔާ މަޝްރޫއުގެ ދަށުން ބިނާކޮށްފައިވާ 6،720 ހައުސިން ޔުނިޓްގައި، ކޮންމެ ޓަވަރެއްގައި ގާތްގަނޑަކަށް 400 އެޕާޓްމަންޓް ހިމެނޭއިރު، ކޮންމެ ޓަވަރެއްގައި ގާތްގަނޑަކަށް 2،000 މީހުން ދިރިއުޅެއެވެ.