ޤައުމެއްގެ އާބާދީ ވަކި މިންވަރެއްގައި ހިފެހެއްޓިދާނެތޯ ކުރެވޭ ސުވާލަށް ސްވިޒަލެންޑުގެ ރައްޔިތުން މި އަންނަ އާދީއްތަ ދުވަހު ވޯޓަކުން ޖަވާބު ދޭނެއެވެ. މި ވޯޓަކީ އެ ޤައުމުގެ އާބާދީ 10 މިލިއަނަށް ވުރެ އިތުރުވިޔަ ނުދިނުމަށް ހުށަހަޅާފައިވާ ހުށަހެޅުމަކަށް ރައްޔިތުންގެ ފެންނަ ނުފެންނަ ގޮތް ބެލުމަށް ބާއްވާ ވޯޓެކެވެ.

މި އިސްނެގުމަށް ތާއީދުކުރަނީ އެ ގައުމުގެ ކަނާތު ފިޔަވަހީގެ ސްވިސް ޕީޕަލްސް ޕާޓީންނެވެ. އެ ޕާޓީން މި ހުށަހެޅުން ސިފަކުރަނީ ބޯހިޔާވަހިކަމާއި، އާންމު ޚިދުމަތްތަކާއި، އަދި ތިމާވެއްޓަށް ކުރިމަތިވެފައިވާ ބުރަ ކުޑަކުރުމަށްޓަކައި ގެނެވޭ "ދެމެހެއްޓެނިވި އިސްނެގުމެއް" ގެ ގޮތުގައެވެ. ނަމަވެސް ސަރުކާރާއި، އެހެން ސިޔާސީ ޕާޓީތަކާއި، ވިޔަފާރިވެރިން މިކަން ސިފަކުރަނީ "ބަލިކަށި އިސްނެގުމެއް" ގެ ގޮތުގައެވެ. އެފަރާތްތަކުން ބުނާ ގޮތުގައި މިކަމުގެ ސަބަބުން ހޮސްޕިޓަލްތަކާއި ހޮޓާތަކަށް ބޭނުންވާ މުވައްޒަފުން މަދުވެ، ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާއެކު އޮންނަ ގުޅުމަށް ބުރޫއަރާނެއެވެ.

Ad
rt

ސްވިޒަލެންޑުގެ އާބާދީ ވަނީ 2002 ވަނަ އަހަރުން ފެށިގެން ވަރަށް ބޮޑަށް އިތުރުވެފައެވެ. އެ އަހަރު 7.3 މިލިއަނުގައި އޮތް އާބާދީ މިހާރު ވަނީ 9.1 މިލިއަނަށް އަރާފައެވެ. މީގެ ތެރެއިން 27 އިންސައްތައަކީ ބޭރު ޤައުމުތަކަށް އުފަންވެފައިވާ މީހުންނެވެ. ސްވިޒަލެންޑުގެ ސީދާ ޑިމޮކްރަސީ ނިޒާމުގެ ދަށުން، 100,000 ސޮއި ހަމަކުރުމުން ކޮންމެ މުހިންމު ކަމެއްގައި މުޅި ޤައުމުގެ ފެންނަ ނުފެންނަ ވޯޓެއް ނެގިދާނެއެވެ.

"އަހަރެމެންގެ ކޮންޓްރޯލް މިވަނީ ގެއްލިފައި. ހިފެހެއްޓުމެއް ނެތް އިމިގްރޭޝަނުގެ ސަބަބުން ސްވިޒަލެންޑަކީ މިހާރު ސްވިޒަލެންޑެއް ނޫން." އޭނާ ގަބޫލުކުރާ ގޮތުގައި ބޯހިޔާވަހިކަމުގެ ދަތިކަމާއި މަގުތައް ތޮއްޖެހުމުގެ އަސްލަކީ އިމިގްރޭޝަނެވެ. ނަމަވެސް ސޯޝަލް ޑިމޮކްރެޓް ހެލިން ޖެނިސް މި ވާހަކަތައް ދޮގުކުރެއެވެ. އޭނާ ބުނާ ގޮތުގައި "ކުލި ބޮޑުވަނީ ނުވަތަ ސިއްހީ އިންޝުއަރެންސް އަގުބޮޑުވަނީ ހިޖުރަވެރިންގެ ސަބަބަކުން ނޫން." މި ހުށަހެޅުމަށް ތާއީދުކުރާ ނިލްސް ފިއެކްޓާ ބުނެފަވެއެވެ.

މި ހުށަހެޅުމުގައިވާ ގޮތުން 2050 ވަނަ އަހަރުގެ ކުރިން އާބާދީ 10 މިލިއަނަށް ވުރެ އިތުރުވެގެން ނުވާނެއެވެ. އަދި އާބާދީ 9.5 މިލިއަނަށް އެރުމުން ސަރުކާރުން ފިޔަވަޅުތައް އަޅަން ޖެހޭނެއެވެ. މީގެ ތެރޭގައި ހިމާޔަތް ހޯދާ މީހުންގެ އަދަދު މަދުކުރުމާއި، ބޭރުގެ މަސައްކަތްތެރިންގެ އާއިލާ ގެނައުމުގެ ހައްގު ކަނޑާލުން ހިމެނެއެވެ. އަދި 10 މިލިއަނަށް އާބާދީ އަރައިފިނަމަ، އީޔޫއާއެކު ވެފައިވާ މިނިވަންކަމާއެކު މީހުން ދަތުރުކުރުމުގެ އެއްބަސްވުންތައް އުވާލަން ޖެހޭނެއެވެ.

އެންމެ ފަހުގެ ހިޔާލު ހޯދުމުގެ ވޯޓުތަކުން ދައްކާ ގޮތުގައި ނަތީޖާ އުޅެނީ ވަރަށް ގާތްކޮށެވެ. 52 އިންސައްތަ މީހުން މި ހުށަހެޅުމާ ދެކޮޅު ހަދާއިރު، 45 އިންސައްތަ މީހުން ތާއީދުކުރެއެވެ. އަދި ގޮތެއް ނުނިންމާ ތިބި މީހުންގެ އަދަދުވެސް މަދެއް ނޫނެވެ.