އީރާނުގެ ކުރީގެ ސުޕްރީމް ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީގެ ޖަނާޒާގެ ރަސްމިއްޔާތުތައް ޖުލައި މަހުގެ ހަތަރު ވަނަ ދުވަހު ތެހެރާނުގައި ފެށުމަށް ހަމަޖެހިފައިވާ ކަމަށާއި، އޭނާގެ ޖަނާޒާ އޮންނާނީ ޖުލައިމަހު ވަނަ ދުވަހު އޭނާގެ އުފަން ރަށް ކަމަށްވާ މަޝްހަދުގައި ކަމަށް އެ ގައުމުގެ ދައުލަތުގެ މީޑިއާއިން ހާމަކޮށްފިއެވެ.
ޚާމަނާއީ ފަސްދާނުލުން ކުރިން މާރިޗު މަހަށް ތާވަލުކުރި ނަމަވެސް، އެމެރިކާ އާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުންދިޔަ ހަނގުރާމަ ދިގުލައިގެން ދިއުމުގެ ސަބަބުން އެކަން އޮތީ ފަސްކޮށްފައެވެ. އައު ތާވަލުގައިވާ ގޮތުން ޖުލައި ހަތަރަކުން ފެށިގެން ތިން ދުވަހުގެ މުއްދަތަށް ތެހެރާނުގައި ޖަނާޒާގެ ރަސްމިއްޔާތުތައް ކުރިއަށްދާނެއެވެ. އަދި ޖުލައި ހަތް ވަނަ ދުވަހު މުގައްދަސް ސިޓީއެއް ކަމަށްވާ ގުމްގައި ވެސް ޚާއްސަ ރަސްމިއްޔާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
އުމުރުފުޅުން 86 އަހަރުގެ ޚާމަނާއީ އަވަހާރަވީ މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އެމެރިކާ އާއި އިސްރާއީލުން އޭނާ ދިރިއުޅުއްވާ ކޮމްޕައުންޑަށް ދިން ވައިގެ ހަމަލާއެއްގައެވެ. އިސްލާމީ ޝަރީއަތުގައި މައްޔިތާ ވީހާވެސް އަވަހަށް ވަޅުލުމަށް ބާރުއަޅާފައިވީ ނަމަވެސް، ހަނގުރާމައިގެ ހާލަތްތަކުގައި އެކަމަށް އިސްތިސްނާ ހާލަތްތަކެއް އޮވެއެވެ.
ޚާމަނާއީ އަކީ 1989 ވަނަ އަހަރު އާޔަތުﷲ ރުހުﷲ ޚުމައިނީ އަވަހާރަވުމާ ގުޅިގެން އީރާނުގެ ލީޑަރުކަމާ ހަވާލުވެވަޑައިގެންނެވި ބޭފުޅެކެވެ. ޚުމައިނީ އަކީ އިސްލާމީ އިންގިލާބުގެ ފިކުރީ ބާނީ ކަމުގައި ވީނަމަވެސް، ޚާމަނާއީ ވަނީ އީރާނުގެ އަސްކަރީ އަދި ޕެރާމިލިޓަރީ ނިޒާމު ވަރުގަދަކޮށް، މެދުއިރުމަތީގައި އީރާނުގެ ނުފޫޒު ފަތުރާފައެވެ. އޭނާގެ ވެރިކަމުގައި އީރާނަކީ އެމެރިކާއާ ދެކޮޅު ވަރުގަދަ ބާރަކަށް ހެއްދެވިއެވެ.
ޚާމަނާއީގެ ވަލީއަހުދު، އޭނާގެ ދަރިކަލުން މުޖުތަބާ ޚާމަނާއީ މިހާރު ވަނީ ސުޕްރީމް ލީޑަރުގެ މަގާމާ ހަވާލުވެވަޑައިގެންފައެވެ. ނަމަވެސް ހަނގުރާމަ ފެށުނީއްސުރެ އޭނާ އާންމުންގެ ތެރެއަށް ފެނިފައެއް ނުވެއެވެ. އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވިދާޅުވި ގޮތުގައި، އޭޕްރީލް 8 ގައި ގާއިމުކުރި ސުލްހައިގެ އެއްބަސްވުމަށްފަހު ކުރިއަށްދާ މަޝްވަރާތަކުގައި މުޖުތަބާ ޚާމަނާއީ މިހާރު އިސް ދައުރެއް އަދާކުރައްވަމުން ގެންދަވާ ކަމަށް ބެލެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!