ތިން އަހަރަށްވުރެ ގިނަ ދުވަހު ކޯމާއެއްގައި އޮންނެވުމަށްފަހު، ތައިލެންޑުގެ ޕްރިންސެސް ބަޖްރަކިތިޔާބާ އަވަހާރަވެފައިވާކަން އެ ގައުމުގެ ޝާހީ ގަނޑުވަރުން މިއަދު އިއުލާނުކޮށްފިއެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 47 އަހަރެވެ.
ޕްރިންސެސް ބަޖްރަކިތިޔާބާ ކޯމާއަކަށް ދިޔައީ 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހު ކުއްތާތަކާއެކު ކަސްރަތު ކުރައްވަން އުޅުއްވަނިކޮށް ހޭފުޅުނެތިގެން ވެއްޓުމާ ގުޅިގެންނެވެ. ޑޮކްޓަރުން ވިދާޅުވި ގޮތުގައި އެކަމުގެ ސަބަބަކީ ހިތުގެ އިންފެކްޝަނެއްގެ ސަބަބުން ހިތުގެ ވިންދު ވަރަށް ބޮޑަށް އާދަޔާ ހިލާފަށް ބަދަލުވުމެވެ. ގަނޑުވަރުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޗުލަލޮންގްކޯން ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް އެކަމަނާ އަވަހާރަވީ ބުރާސްފަތި ދުވަހުގެ ރޭ 19:48 ގައެވެ.
އެކަމަނާއަކީ ތައިލެންޑުގެ ރަސްގެފާނު ވަޖިރަލޮންގްކޯންގެ ހަތް ބޭފުޅުންގެ ތެރެއިން އެންމެ ދޮށީ ބޭފުޅާއެވެ. އެކަމަނާ އުފަންވެވަޑައިގަތީ 7 ޑިސެމްބަރު 1978 ގައެވެ. ޕްރިންސެސް ބަޖްރަކިތިޔާބާ އަކީ ގާނޫނީ ދާއިރާއިން މަތީ ތައުލީމު ހާސިލުކުރައްވައި، އެމެރިކާގެ ކޯނެލް ޔުނިވާސިޓީން ދެ ޕޯސްޓް-ގްރެޖުއޭޓް ޑިގްރީ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.
ކާމިޔާބު ހިދުމަތްތަކެއް
ޕްރިންސެސް ބަޖްރަކިތިޔާބާ ވަނީ ނިއުޔޯކްގައި ހުންނަ އދ. ގެ ތައިލެންޑް މިޝަނުގައި މަސައްކަތް ކުރެއްވުމުގެ އިތުރުން، ތައިލެންޑުގެ އެޓާނީ ޖެނެރަލްގެ އޮފީހުގައި ވެސް މަސައްކަތް ކުރައްވާފައެވެ. އަދި 2012 އިން 2014 އަށް އޮސްޓްރިއާއަށް ކަނޑައަޅާފައި ހުންނަވާ ތައިލެންޑުގެ ސަފީރުގެ މަގާމު ވެސް ފުރުއްވިއެވެ. އެކަމަނާއަކީ ޖަލުތަކުގެ އިސްލާހީ ބަދަލުތަކަށާއި، ހާއްސަކޮށް ޖަލުގައި ތިބޭ އަންހެނުންގެ ހައްގުތަކަށް ވަކާލާތު ކުރެއްވި ބޭފުޅެކެވެ.
2021 ވަނަ އަހަރު ރަސްގެފާނު ވަނީ އެކަމަނާއަށް ޖެނެރަލްގެ ރޭންކު ދެއްވައި، ރަސްގެފާނުގެ ޕްރައިވެޓް ބޮޑީގާޑްގެ ޗީފް އޮފް ސްޓާފްގެ މަގާމު ދެއްވާފައެވެ. އެކަމަނާއަކީ ކަސްރަތަށް ލޯބިކުރެއްވި، ދުރު ރާސްތާ ދުވުންތަކުގައި ގަވާއިދުން ބައިވެރިވެވަޑައިގެންނެވި ބޭފުޅެކެވެ.
ޝާހީ ތަހުތުގެ މުސްތަގުބަލު
ޕްރިންސެސް ބަޖްރަކިތިޔާބާ އަވަހާރަވުމަކީ ތައިލެންޑުގެ ޝާހީ އާއިލާއަށް ލިބުނު ބޮޑު ފަޅުކަމެކެވެ. އުމުރުފުޅުން 73 އަހަރުގެ ރަސްގެފާނު ވަޖިރަލޮންގްކޯން އަދި ވަލީއަހުދެއް ކަނޑައަޅުއްވާފައި ނުވާއިރު، ޕްރިންސެސް ބަޖްރަކިތިޔާބާ އަކީ ތަހުތަށް ވަޑައިގަންނަވާނެ ކަމަށް ބެލެވުނު އެންމެ ގާބިލު އެއް ބޭފުޅާއެވެ. ތައިލެންޑުގެ އާދަކާދަ އޮންނަ ގޮތުން ތަހުތަށް އިސްކުރަނީ ފިރިހެން ބޭފުޅުން ނަމަވެސް، 1974 ވަނަ އަހަރު ގާނޫނުއަސާސީއަށް ގެނައި ބަދަލަކާއެކު އަންހެން ބޭފުޅުންނަށް ވެސް ތަހުތަށް ވަޑައިގަތުމުގެ ފުރުސަތު އޮވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!