ދިވެހި ފުލުހުންގެ ޚިދުމަތުގައި ރަސްމީ ވާޖިބު އަދާކުރަމުން ގެންދަނިކޮށް ނިޔާވި ސީނިއާ ސާޖަންޓް އަޙްމަދު އާސިފްގެ ޖަނާޒާ މިރޭ އިޝާނަމާދަށްފަހު ރަސްމީ ޢިއްޒަތުގައި ބާއްވައިފިއެވެ.

އާސިފް، ހއ. އުލިގަމު/ވާދީ ނިޔާވެފައި ވަނީ ފުލުހުންގެ އޮޕަރޭޝަނެއްގައި އުޅެނިކޮށް 2026 ޖޫން 11 ވަނަ ދުވަހުގެ ރެއެވެ. އާސިފްގެ މައްޗަށް ކުރެވުނު ކަށުނަމާދު އޮތީ މިރޭ އިޝާނަމާދަށްފަހު އިސްލާމީ މަރުކަޒުގައެވެ. އަދި ވަޅުލާފައި ވަނީ އާސަހަރާގައެވެ.

Ad
rt

ފުލުހުން ބުނިގޮތުގައި މަރުޙޫމަށް އެންމެ ފަހުގެ އިޙްތިރާމް އަދާކުރުމަށްޓަކައި، މަރުހޫމްގެ ޢާއިލާގެ މެންބަރުންނާއި، ރަޙްމަތްތެރިންނާއި، ގިނަ އަދަދެއްގެ ފުލުހުންނާއި އާންމުން ވަނީ ބައިވެރިވެފައެވެ.

ޖަނާޒާގައި ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދާއި، ފުލުހުންގެ އިސް އޮފިސަރުންނާއި، ޚިދުމަތުގައި ތިއްބެވި އަދި ޚިދުމަތުން ރިޓަޔާ ކުރައްވާފައިވާ ފުލުހުން ބައިވެރިވެވަޑައިގެންނެވިއެވެ.

ޕޮލިސް ކޮމިޝަނަރ އަހްމަދު މުހައްމަދު އާސިފަށް ފަހުގެ އިހްތިރާމް އަދާކުރަށްވަނީ، ފޮޓޯ: ޕޮލިސް

''މަރުހޫމް އަޙްމަދު އާސިފް ގައުމަށްޓަކައި ކޮށްދެއްވި އަގުހުރި ހިދުމަތްތައް އަބަދުވެސް ހަނދާންކުރާނީ ޝުކުރުވެރިކަމާ އެކު، މާތްﷲ މަރުޙޫމްގެ ފުރާނައަށް ރަޙްމަތްލައްވައި، ކުށްފާފަތައް ފުއްސަވައި، ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރުކުރައްވާށި! އަދި މި ހިތާމަވެރި ދަނޑިވަޅުގައި މަރުޙޫމްގެ ޢާއިލާއަށް ކެތްތެރިކަން ދެއްވާށި!'' އާސިފްގެ ޖަނާޒާއަށްފަހު ފުލުހުން ކުރި ޕޯސްޓެއްގައި ބުނެފަވެއެވެ.

އޮޕަރޭޝަނެއްގައި އުޅުނު އުލިގަމަށް ނިސްބަތްވާ ފުލުހަކު ނިޔާވެއްޖެ

އާސިފް ނިޔާވިއިރު އުމުރަކީ 33 އަހަރެވެ. އޭނާ ނިޔާވި ހާދިސާ އާއި ގުޅިގެން ބުރާސްފަތި ދުވަހު ހެނދުނު ފުލުހުން ބުނިގޮތުގައި، ބުރާސްފަތި ވިލޭރޭ "ޕޮލިސް ލޯންޗް 57" ގައި ޑިއުޓީގައި ތިބި ފުލުހުންގެ ތެރެއިން އާސިފް ގެއްލިފައިވާކަން ސަމާލުކަމަށް އައުމާއެކު، އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ވަނީ ވަގުތުން ފަށާފައެވެ. އަދި ފުލުހުން ހިންގި ހޯދުމުގެ އޮޕަރޭޝަންގެ ތެރެއިން އާސިފް ފެނިފައިވަނީ މޫދު އަޑިންނެވެ. އޭނާ ފެނުމާއެކު ވަގުތުން އއ. މަތިވެރި ސިއްހީ މަރުކަޒަށް ގެންދެވުނު ނަމަވެސް، ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް އޭނާ ނިޔާވެފައިވާކަމަށް އެ މަރުކަޒާއި ހަވާލާދީ ފުލުހުން ވަނީ ބުނެފައެވެ.

އާސިފަކީ އިޚްލާސްތެރި ނަމޫނާ ފުލުހެއް، މަގާމުގެ ކުރިއެރުން ދީފި

އާސިފް ނިޔާވުމާއި ގުޅިގެން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވި ތައުޒިޔާގެ މެސެޖުގައި ވިދާޅުވެފައި ވަނީ މަޤާމުގެ ވާޖިބު އަދާކުރެއްވުމަށް ޑިއުޓީގައި ކަނޑުމަތީގައި މަސައްކަތްކުރައްވަނިކޮށް، ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ޢާޞިފް ނިޔާވި ޚަބަރު އަޑުއެހީ ފުންހިތާމައާއެކުގައި ކަމަށެވެ.

"މަރްޙޫމުގެ ޢާއިލާއަށް ކެތްތެެރިކަން ދެއްވުން އެދި ދުޢާކޮށް، އެ ޢާއިލާއަށާއި ދިވެހި ފުލުހުންނަށް ތަޢުޒިޔާ ދަންނަވަން. މާތްﷲގެ ތަނަވަސް ރަޙްމަތުގައި، ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި މަރްޙޫމް އަޙްމަދު ޢާޞިފް ލަހައްޓަވާށި،" ރައީސް ވިދާޅުވެފަވެއެވެ.

އާސިފްގެ ޖަނާޒާގެ ތެރެއިން، ފޮޓޯ: ޕޮލިސް

މީގެ އިތުރުން އާސިފް ނިޔާވުމާ ގުޅިގެން، އޭނާގެ އާއިލާއަށާއި، ލޯބިވާ ފަރާތްތަކަށް، އަދި އެކުގައި މަސައްކަތްކުރެއްވި އެންމެހާ މުވައްޒަފުންނަށް ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ވަނީ އިހުލާސްތެރިކަމާއެކު ތަޢުޒިޔާ ކިޔާފައެވެ.

އާސިފް ވަކިވެ ދިޔުމާއި ގުޅިގެން ކޮމިޝަނަރ އޮފް ޕޮލިސް އަހްމަދު މުހައްމަދުގެ ފަރާތުން މީސްމީޑިއާގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނީ ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު އާސިފަކީ އޭނާގެ ފުލުހުންގެ ޚިދުމަތުގެ މުއްދަތުގައި، އިޚްލާޞްތެރިކަމާއި، ސާބިތުކަމާއެކު ޚިދުމަތް ކުރެއްވި ނަމޫނާ ފުލުހެއްކަމަށެވެ.

''ފުލުހެއްގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި އޭނާ ދެއްކެވި މަތިވެރި އަޚްލާޤާއި ހިތްވަރަކީ، މި މުއައްސަސާގެ މަޤްޞަދުތައް ފުރިހަމައަށް ރަމްޒުކޮށްދޭ މިސާލެކެވެ. ޚިދުމަތުގައި ހުންނަވަނިކޮށް އޭނާ ވަކިވެދިޔަ ދިއުމަކީ، އާއިލާއަށާއި ލޯބިވާ ފަރާތްތަކުގެ އިތުރުން، މުޅި ދިވެހި ފުލުހުންގެ މުއައްސަސާއަށް ލިބުނު ބޮޑު ހިތާމައެކެވެ.'' ކޮމިޝަނަރގެ ޕޯސްޓްގައި ވިދާޅުވެފަވެއެވެ.

އާސިފަކީ އއ. އަތޮޅުގައި މަސްތުވާތަކެތީގެ ހާއްސަ އޮޕަރޭޝަން ހިންގަން މާލެ އިން ދިޔަ ފުލުހުންގެ ހާއްސަ ޓީމުގައި ހިމެނުނު ފުލުހެއްކެވެ.