ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ އަމަލުތަކާއި ނަފްރަތު އުފެދޭ ގޮތަށް ދައްކަމުންދާ ވާހަކަތަކާ ގުޅިގެން، އިޒްރޭލުގެ ހަރުކަށި ފިކުރުގެ ދެ ވަޒީރަކު އަޔަލޭންޑަށް އެތެރެވުން އެ ގައުމުން މަނާކޮށްފިއެވެ.
މި ނިންމުން ނިންމާފައިވަނީ 5 ޖޫން 2026 ގައެވެ. އަޔަލޭންޑަށް އެތެރެވުން މަނާކޮށްފައިވަނީ އިޒްރޭލުގެ ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރު ޖައްބާރު އިތަމާރު ބެން-ގްވީރު އާއި ފައިނޭންސް މިނިސްޓަރު ޖައްބާރު ބެޒަލްލް ސްމޮޓްރިޗް އެވެ.
މިކަން ކަށަވަރުކޮށްދެއްވަމުން އަޔަލޭންޑުގެ ބޮޑުވަޒީރު މިޝޭލް މާޓިން ވިދާޅުވީ، މި ދެ ވަޒީރުން އަޔަލޭންޑަށް އެތެރެވާން މަސައްކަތްކޮށްފިނަމަ އެކަން ހުއްޓުވުމަށް އިމިގްރޭޝަން އޮފިސަރުންނަށް މިހާރު އަންގާފައިވާ ކަމަށެވެ.
ބޮޑުވަޒީރު މާޓިން ވިދާޅުވި ގޮތުގައި މި ދެ ވަޒީރުންގެ އަމަލުތަކާއި ވާހަކަތަކުން ފެންނަނީ ފަލަސްތީނުގެ ބިމުން ފަލަސްތީނު މީހުން ނައްތާލުމަށް ބޭނުންވާ މިންވަރެވެ. އަދި ހުޅަނގު އައްސޭރީގައި ޔަހޫދީން ވަޒަންވެރިކުރުވުމަށް ގެންގުޅޭ ސިޔާސަތުތަކާއި، ގާޒާއަށް އެހީ ހިފައިގެންދާ ފަރާތްތަކާ މެދު އަމަލުކުރާ ގޮތް އޭނާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، މުޅި ޔޫރަޕް އިއްތިހާދު (އީޔޫ) ފެންވަރުގައި މި ދެ ވަޒީރުންނާ ދެކޮޅަށް ފިޔަވަޅު އެޅުމަށްވެސް މާޓިން ވަނީ ގޮވާލައްވާފައެވެ.
މީގެ ކުރިން އިނގިރޭސިވިލާތާއި އޮސްޓްރޭލިއާ ފަދަ ގައުމުތަކުންވެސް ވަނީ މީގެ ކުރިން މި ދެ ވަޒީރުންނާ މެދު މިފަދަ ފިޔަވަޅުތަކެއް އަޅާފައެވެ.
މި ނިންމުމަށް ފަލަސްތީނަށް ތާއީދުކުރާ ފަރާތްތަކުން މަރުހަބާ ކިޔަމުންދާއިރު، އިޒްރޭލުން ވަނީ މިއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ބުނެފައެވެ. ނަމަވެސް އަޔަލޭންޑަކީ ފަލަސްތީނުގެ މިނިވަން ދައުލަތް ގަބޫލުކޮށް، ފަލަސްތީނުގެ ހައްގުގައި ޔޫރަޕްގައި އެންމެ ބޮޑަށް އަޑުއުފުލާ އެއް ގައުމެވެ.
މިއީ އިޒްރޭލުގެ ހުރިހާ ރައްޔިތުންނަށް އަމާޒުކޮށްފައިވާ ބޭންއެއް ނޫން ކަމަށާއި، މިއީ ހަމައެކަނި ފަލަސްތީނާ ދެކޮޅަށް ހަރުކަށި ފިކުރު ފަތުރާ ދެ ވަޒީރުންނާ ދެކޮޅަށް އެޅި ސިޔާސީ ފިޔަވަޅެއް ކަމަށް އަޔަލޭންޑް ސަރުކާރުން ބުނެއެވެ.
އިތަމާރު ބެން-ގްވީރު އާއި ބެޒަލްލް ސްމޮޓްރިޗް އަކީ އިޒްރޭލުގެ ކޯލިޝަން ސަރުކާރުގައި ހިމެނޭ އެންމެ ހަރުކަށި ދެ ވަޒީރުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!