މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޭޖެންޓްސް އެންޑް ޓުއަރ އޮޕަރޭޓާސް (މަޓާޓޯ) އާއި ނޭޝަނަލް ހޮޓެލްސް އެންޑް ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންއެޗްޖީއޭއެމް) ގުޅިގެން، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ސަރުކާރުގެ އަވަސް އެހީތެރިކަމަށް އެދިއްޖެއެވެ.
މަޓާޓޯ އިން ހާމަކޮށްފައިވާ ގޮތުގައި، 2026 ވަނަ އަހަރުގެ މާރިޗު މަހުން ފެށިގެން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު މަދުވުމާއި، ބުކިންތައް ކެންސަލްވުމުގެ ސަބަބުން މިހާތަނަށް ފަތުރުވެރިކަމުގެ ސިނާއަތަށް 500 މިލިއަން އެމެރިކާ ޑޮލަރަށްވުރެ ބޮޑު ގެއްލުމެއް ވަނީ ލިބިފައެވެ. މި ހީނަރުކަމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދީ ދުވެއްޔަށާއި، ބޭރު ފައިސާ ލިބޭ މިންވަރަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކުރަމުންދާކަން އެ ޖަމިއްޔާތަކުން ފާހަގަކުރެއެވެ.
ތަފާސްހިސާބުތަކުން ދައްކާގޮތުގައި 2026 ވަނަ އަހަރުގެ މާރިޗު އަދި އޭޕްރީލް މަހު ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. އަދި މެއި މަހުގެ ތެރޭގައިވެސް މި ހާލަތަށް މާބޮޑު ބަދަލެއް އައިސްފައެއް ނުވެއެވެ. މިކަމުގެ ސަބަބުން އެންމެ ބޮޑު ނުރައްކަލަކާ ކުރިމަތިލާން ޖެހިފައިވަނީ ރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއި، ގެސްޓްހައުސްތަކާއި، ލޯކަލް ޓްރެވަލް އެޖެންސީތަކަށެވެ. މި ހާލަތަށް އަވަސް ހައްލެއް ނުލިބިއްޖެނަމަ، ގިނަ އަދަދެއްގެ ލޯކަލް ވިޔަފާރިތައް ހުއްޓުމަކަށް އަތުވެދާނެކަމުގެ ބިރު ވަނީ ހީވެފައެވެ.
މި ކްރައިސިސްއިން އަރައިގަތުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރަށާއި މާލީ އިދާރާތަކަށް ހުށަހަޅާފައިވާ މުހިންމު ކަންތައްތަކުގެ ތެރޭގައި ހިމެނެނީ:
- ގެސްޓްހައުސްތަކާއި ކުދި ވިޔަފާރިތަކަށް ޚާއްޞަ ކުއްލި އެހީގެ ލޯނު ފެސިލިޓީތައް ތައާރަފްކުރުން.
- ލޯނުތައް އަނބުރާ ދެއްކުމުގައި އިންޓްރެސްޓް ނުހިމެނޭ ގޮތަށް މޮރަޓޯރިއަމް ދިނުމާއި، ޓެކުހާއި ފީތައް ދެއްކުން ފަސްކޮށްދިނުން.
- އެއާޕޯޓް ފިއުލްގެ އަގު ހިމެނޭހެން، ހިންގުމުގެ ޚަރަދުތައް ކުޑަކުރުމަށް ސަރުކާރުން މެދުވެރިއަކަށް ވުން.
- އިމާރާތްކުރުމުގެ ސާމާނުގެ އަގު އުފުލުމުގެ ސަބަބުން ހުއްޓިފައިވާ ގެސްޓްހައުސް މަޝްރޫއުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން.
މަޓާޓޯ އަދި އެން.އެޗް.ޖީ.އޭ.އެމް އިން ބުނެފައިވަނީ، ރާއްޖޭގެ ފަތުރުވެރިކަމަކީ މީގެ ކުރިންވެސް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާފައިވާ ސިނާއަތެއް ކަމަށާއި، ނަމަވެސް މިފަހަރުގެ ހާލަތުން އަރައިގަތުމަށް ސަރުކާރާއި މާލީ އިދާރާތަކުގެ ފުރިހަމަ އެއްބާރުލުން އިންތިހާއަށް ބޭނުންވާ ކަމަށެވެ. އަދި މި ސިނާއަތުގައި މަސައްކަތްކުރާ މުވައްޒަފުންގެ ވަޒީފާ ރައްކާތެރިކުރުމަކީ މިވަގުތު އެންމެ އިސްކަންދޭންޖެހޭ އެއް ކަންތައް ކަމުގައިވެސް އެ ޖަމިއްޔާތަކުން ފާހަގަކުރެއެވެ.
މެދުއިރުމަތީގެ ހަނގުރާމައާއި ގުޅިގެން ދުނިޔެއަށް ކުރިމަތިވެފައިވާ ބަނަކަމުގެ ތެރެއިން ރާއްޖޭގެ ފަތުރުވެރިކަމަށް 500 މިލިއަނެއްހާ ޑޮލަރު ގެއްލުންވެފައިވާކަމަށް އެ ދެ ޖަމިއްޔާއިން އަންދާޒާ ކުރެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!