އިންހޭލާ ބޭނުންކުރުމާ މެދު މުޖުތަމައުގައި އޮންނަ ނުރަނގަޅު ތަސައްވަރުތަކާއި ދޮގު މައުލޫމާތުތައް ނައްތާލުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ގޮވާލައްވައިފިއެވެ.
އެކަމަނާ މިކަމަށް ގޮވާލެއްވީ "ވޯލްޑް އެސްތްމާ ޑޭ 2026 ސިމްޕޯސިއަމް" ހުޅުވުމުގެ ރަސްމިއްޔާތުގައި ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިއަހަރުގެ ބައިނަލްއަގުވާމީ ނޭވާހިއްލާ ބަލީގެ ދުވަހުގެ ޝިއާރު ކަމަށްވާ "އެކްސެސް ޓު އެންޓި-އިންފްލަމޭޓަރީ އިންހޭލާރސް ފޮރ އެވްރިވަން ވިތު އެސްތްމާ – ސްޓިލް އެން އަރޖަންޓް ނީޑް" އާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން، އިންހޭލާއަކީ ރައްކާތެރި، ނަތީޖާ ފެންނަ، އަދި އެއަށް ދެވިހިފާ އެއްޗެއް ނޫންކަން އެކަމަނާ ކަށަވަރުކޮށްދެއްވިއެވެ. އަދި އިންހޭލާގެ ސަބަބުން ބަލި ކޮންޓްރޯލްކޮށް، ބަލި ބޮޑުވުން ކުޑަކޮށްދީ، ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށްދޭކަންވެސް ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ ޞިއްޙީ ދާއިރާއިން ހޯދާފައިވާ ކުރިއެރުންތަކަށް އަލިއަޅުއްވާލައްވަމުން، ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމަށް އެހީތެރިވެދޭ ކްލިނިކްތަކާއި ފުއްޕާމޭގެ ބަލިތައް ދެނެގަތުމަށް ކުރެވޭ ތަޙްލީލްތައް ގާއިމުކުރުމަކީ މުހިންމު ފިޔަވަޅެއްކަމަށް އެކަމަނާ ވިދާޅުވިއެވެ. ނަމަވެސް، ރަށްރަށުގައި ނޭވާލާ ނިޒާމުގެ ފަރުވާ އެންމެ އެދެވޭ ގޮތުގައި ނުދެވޭކަމަށާއި، ބަލި ދެނެގަތުން ލަސްވުމުގެ ސަބަބުން ކުއްލި ޙާލަތުގައި ފަރުވާދޭންޖެހުމަކީ އަދިވެސް އޮތް ބޮޑު ގޮންޖެހުމެއްކަން ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ތަޣައްޔަރުވުމާއި، ވައިގެ ނުސާފުކަމާއި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ނޭވާލާ ނިޒާމުގެ ދުޅަހެޔޮކަމަށް ކުރާ ނޭދެވޭ އަސަރުތަކުގެ މައްޗަށްވެސް އެކަމަނާ އަލިއަޅުއްވާލެއްވިއެވެ. ރާއްޖޭގައި ވާރުތަވާ އެލާޖީގެ ހާލަތްތަކާއި އެގްޒީމާ ފަދަ ބަލިތައް އާންމުކަން ފާހަގަކުރައްވައި، ތިމާވެށީގެ ސަބަބުތަކާ ގުޅިގެން ނޭވާހިއްލުމުގެ ބަލި އިތުރުވުމަށް ބާރުލިބޭކަމަށް ވިދާޅުވިއެވެ.
އެކަމަނާގެ ވާހަކަފުޅުގައި ރާއްޖޭގައި ނޭވާހިއްލުމުގެ ބަލި ތަހައްމަލުކުރާ މިންވަރު އިތުރުވަމުންދާކަމުގެ ކަންބޮޑުވުން ފާޅުކުރެއްވިއެވެ. ޚާއްޞަކޮށް، ކުޑަކުދިންގެ މެދުގައި މި ބަލި އިތުރުވުމާއި، ބައްޔާ ގުޅިގެން ހޮސްޕިޓަލަށް ދައްކާ މިންވަރު ނިސްބަތުން މަތިވަމުންދާކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!