މިދިޔަ މާރިޗު މަހު ރީޑިން ނެގުމުގައްޔާއި ކަރަންޓު ބިލު ތައްޔާރު ކުރުުމުގައި އެ ކުންފުނިން އަމަލުކޮށްފައިވަނީ އާންމު އެހެން މަސްމަހުގައިވެސް ޢަމަލު ކުރަމުންދާ އުޞޫލުން ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.
މާރިޗު މަހުގެ ފެނަކަ ބައެއް ކަސްޓަމަރުންގެ ކަރަންޓް ބިލު އާދަޔާ ޚިލާފަށް ބޮޑުކަމަށް ބުނެ ބައެއް ފަރާތްތަކުން މީސްމީޑިއާގައި ކަންބޮޑުވުން ފާޅުކުރަމުންދާތީ، އެކަމާ ގުޅިގެން ފެނަކައިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އުޞޫލާ ޚިލާފަށް އެއްވެސް ބިލެއް ތައްޔާރުކޮށް ބިލަށް އުނި އިތުރެއް ގެނެސްފައި ނުވާނެ ކަމަށެވެ.
ފެނަކައިން ފާހަގަކުރި ގޮތުގައި އެ ކުންފުނިން ޢަމަލު ކުރަމުންދާ އުޞޫލަކީ ޤާނޫނާއި ޤަވާއިދުތަކުން ކަނޑައެޅި އާންމުކޮށްފައިވާ އުޞޫލެކެވެ. އަދި އެ ކުންފުނިން ޚިދުމަތްދެމުންދާ އެއްވެސް ފަރާތެއްގެ ބިލެއް ތައްޔާރުކުރުމުގައި ކަނޑައެޅިފައިވާ އުސޫލުން ބޭރުން އެއްވެސް ބަދަލެއް ގެނެސްފައި ނުވާނެ ކަމުގެ ޔަގީންކަން އެ ކުންފުނިން ވަނީ ދީފައެވެ.
މީގެ އިތުރުން، އެ ކުންފުނިން ތައްޔާރުކޮށްފައިވާ އެއްވެސް ބިލެއްގައި މައްސަލައެއް އުޅޭކަމަށް ޝައްކު ކުރެވިގެން ރީޑިން އިތުރަށް ޗެކް ކުރަން ބޭނުންވެއްޖެނަމަ، އެ އެހީތެރިކަން ކަސްޓަމަރުންނަށް ފޯރުކޮށްދޭނެ ކަމަށްވެސް ފެނަކައިން ވިދާޅުވިއެވެ.
ފެނަކައިން އިތުރަށް ބުނީ، ކޮންމެ އަހަރެއްގެވެސް މާރިޗު މަހާއި އޭޕްރީލް އަދި މެއި މަސް ހިމެނޭ ދުވަސްވަރަކީ ރާއްޖެއަށް އެންމެ ހޫނުގަދަވެ، އެންމެ ގިނަ ޢަދަދަކަށް ކަރަންޓު ބޭނުން ކުރެވޭ ދުވަސްވަރު ކަމަށެވެ. އެހެންކަމުން މި ދުވަސްވަރު ކަރަންޓު ބޭނުން ކުރުމުގައި އިތުރަށް ސަމާލުވުމަށް އެ ކުންފުނިން ވަނީ އިލްތިމާސް ކުރައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!