ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ކުރީގެ ޗެއާޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޟު އިސްމާއިލް އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ޢިއުލާން ކުރަށްވާފައިވާ "ބޮޑު ބަދަލު" އާއިއެކު 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ކުރިމަތިލައިފިނަމަ، އެމްޑީޕީ އަށް އަންނަ ރިޔާސީ އިންތިހާބު ގެއްލުމުގެ ފުރުސަތު ބޮޑުވާނެ ކަމަށް ހުޅުމާލޭ ދެކުނު ދާއިރާގެ މެމްބަރު ޑރ. އަހްމަދު ޝަމްހީދު މިއަދު ވިދާޅުވެއްޖެއެވެ.

ޝަމްހީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ''އިއްޔެ ހިތުޖެހުނު ލައްކަ ބަޔަކު ޕާޓީގައި އެބަތިބި ކަމީ'' ގަބޫލުކުރަންޖެހޭ ހަގީގަތެއް ކަމަށެވެ. އަދި އެދުވަހު ހިތުގައި ޖެއްސި މީހުންގެ ފަރާތުން ބަދަލު ހިފުމަކީ ރާއްޖޭގެ ސިޔާސީ އާދަކާދަ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

Ad
rt

ޝަމްހީދު ވިދާޅުވި ގޮތުގައި، "ބޮޑު ބަދަލު" އާއިއެކު 2028 އަށް ކުރިމަތިލައިފިނަމަ 2023 ވަނަ އަހަރުގެ ނަތީޖާ ތަކުރާރުވެ، އިންތިހާބު ގެއްލުމުގެ ފުރުސަތު ބޮޑުވާނެއެވެ. އިންތިހާބެއް ކާމިޔާބު ކުރެވޭނީ ހުރިހާ ލީޑަރުން އެކީގައި މަސައްކަތް ކޮށްގެން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޕާޓީގެ އެތެރޭގެ ހިންގުމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ޝަމްހީދު ވިދާޅުވީ، ވޭތުވެދިޔަ ދެ އަހަރާއި ބައިގެ ތެރޭގައި ކާމިޔާބު ހޯދި ފޯމިއުލާ ދޫކޮށްނުލުމަށް އެދޭތީ، މީގެ ހަތަރު މަސް ކުރިން އެމްޑީޕީގެ ޗެއާޕާސަންް ކަމަށް ވާދަކުރަށްވާ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމަށް ތާއީދުކޮށް މަސައްކަތް ފެށި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޝަމްހީދު އިތުރަށް ވިދާޅުވީ، ޕާޓީގެ ލީޑަރުން މަޝްވަރާކޮށް، ޕާޓީ އިތުރަށް ބައިބައި ނުވާނެހެން ދާއިމީ ޗެއަރޕާސަނެއްގެ މައްސަލައަށް ހައްލު ހޯދަން އަދިވެސް ލަސްނުވާ ކަމަށެވެ. "ޕާޓީގެ އާންމު މެމްބަރުން އެދެނީ އެއްބައިވަންތަކަމަށް،" ޝަމްހީދު ވިދާޅުވިއެވެ.

އަންނަ ޖޫން މަހުގެ ތެރޭގައި ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި ކުރީގެ ރައީސް އަދި އެމްޑީޕީގެ ވެސް ކުރީގެ ރައީސް ނަޝީދުގެ އިތުރުން ދެން ވާދަކުރަށްވަނީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް އަދި ކުރީގެ މަޖިލިސް މެމްބަރު އަލްހާން ފަހުމީއެވެ.

''ބޮޑު ބަދަލަކީ'' ފައްޔާޟާއި، ރައީސް ނަޝީދުގެ ޓީމުން ޢިއުލާންކޮށް، ޗެއާ ޕާސަން އިންތިޚާބުގައި ވެސް ބޭނުންކުރާ ޝިއާރެވެ. މީކާއީލްގެ ޝިއާރަކީ ''އިތުބާރު'' އެވެ.