ކޮވިޑް-19 ނުވަތަ ނޮވެލް ކޮރޯނާ ވައިރަސް ހުއްޓުމެއްނެތި ހަލުވިކަމާއެކު މުޅިދުނިޔެއަށް ފެތުރެމުން ގޮސް އެފްރިކާގެ ގައުމަކުންވެސް ކޮވިޑް-19 ފެނުނާ ގުޅިގެން އިތުރު މާޔޫސްކަމެއް ގެނުވައިފިއެވެ.
އެފްރިކާ ބައްރަކީ މިހާތަނަށް ވައިރަސް ފެނިފައިނުވާ ބައްރެވެ. އެބައްރުން ވައިރަސް ފެނުނީ، ސަބް ސަހަރަން އެފްރިކާގެ ގައުމެއް ކަމަށްވާ ނައިޖީރިއާއިންނެވެ.
ޑަބްލިޔޫއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް އަދަނޮމް ވިދާޅުވީ، ކޮރޯނާވައިރަސް މުޅި ދުނިޔެއަށް ފެތުރިގެން ހިނގައިދާނެކަމުގެ ރިސްކް މިހާރު ވަރަށް މަތިވެއްޖެ ކަމަށެވެ. ޑަބްލިޔޫއެޗްއޯގެ ތަރުޖަމާނު ވިދާޅުވީ، މި ވައިރަސް ދުނިޔޭގެ ގިނަ ބަޔަކަށް ފޯރާނެކަމަށް މިހާރު ބެލެވެން ފަށައިފި ކަމަށެވެ.
ދުނިޔެގެ ސިއްހަތު ޖަމްޢިއްޔާގެ ތަފާސްހުސާބުތައް ދައްކާގޮތުން ޗައިނާއާއި، ދުނިޔޭގެ އެތައް ގައުމެއްގައި މިހާރު ފެތުރެމުންދާ "ކޮވިޑް-19" ނުވަތަ ކޮރޯނާވައިރަސްގައި މިހާތަނަށް މަރުވި މީހުންގެ އަދަދު 2976 އަށްވުރެ މައްޗަށް ގޮސްފައި ވެއެވެ. އަދި މި ވައިރަސްއަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން 86993 އަށްވުރެ ގިނަމީހުން ޕޮޒިޓިވްވެފައި ވެއެވެ. މިވައިރަސް ޖެހުނު މީހުންގެ ތެރެއިން 42556 މީހުން ރަނގަޅުވެފައިވާއިރު 7568 މީހުން ވައިރަސްގެ ސަބަބުން ސީރިއަސް ހާލަތެއްގައި އެބަތިއްބެވެ. 953 މީހުންގެ ގައިން އެވައިރަސް މުޅިން އަލަށްވަނީ ފެނިފައެވެ.
ކޮރޯނާވައިރަސް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފެތުރެމުންދާ ކަމަށް ރިޕޯޓްކޮށްފައި ވާއިރު، މިހާތަނަށް ދުނިޔޭގެ 64 ގައުމަކުން މި ވައިރަސްހުރި މީހުން ފެނިފައި ވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!