ޖަރުމަނުގެ ބާލިންގައި، އީރާނުގެ އެންމެ ފަހުގެ ރަސްގެފާނުގެ ދަރިކަލުން، އަދި އަރުވާލެވިގެން ހުންނެވި ވަލީއަހުދު ރިޒާ ޕަހްލަވީގެ ގަޔަށް މުޒާހަރާގެ ބައިވެރިއަކު ރަތް ކުލައިގެ އެއްޗެއް (ޓޮމާޓޯ ކެޗަޕް) އުކައިފިއެވެ.
މި ހާދިސާ ހިނގާފައިވަނީ މިއަދު، 23 އެޕްރީލް 2026 ވާ ބުރާސްފަތި ދުވަހުގެ ކުރީކޮޅު، ޕަހްލަވީ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަކަށްފަހު އެ ސަރަހައްދުން ނުކުމެވަޑައިގަންނަވަނިކޮށެވެ.
ޕަހްލަވީ ފެޑަރަލް ޕްރެސް ކޮންފަރެންސް (ބީޕީކޭ) އިމާރާތުން ނުކުމެވަޑައިގަންނަވަނިކޮށް، ނަން ހާމަނުކުރާ މީހަކު ވަނީ އޭނާގެ ގަޔަށް ރަތް ކުލައިގެ ދިޔާ އެއްޗެއް އުކާފައެވެ. ފުލުހުން ފަހުން ބުނި ގޮތުގައި އެއީ ޓޮމާޓޯ ޖޫހެވެ. ނަމަވެސް ބައެއް ރިޕޯޓްތަކުގައި އެއީ ކެޗަޕް ކަމަށް ބުނެފައިވެއެވެ. މި ތަކެތި އެޅުނީ އޭނާގެ ކޯޓުގެ ފަހަތަށާއި ކަރުގެ ބަޔަށެވެ. މި ހާދިސާގައި ޕަހްލަވީއަށް އެއްވެސް އަނިޔާއެއް ލިބިފައި ނުވާއިރު، އޭނާ ހުންނެވީ ވަރަށް ހަމަޖެހިވަޑައިގެންނެވެ. ސެކިއުރިޓީ ޓީމުން އޭނާ ކާރަށް އެރުވުމުގެ ކުރިން، އޭނާއަށް ތާއީދުކުރާ މީހުންނަށް އަތުން އިޝާރާތް ކުރެއްވިއެވެ.
ޖަރުމަނު ފުލުހުން ވަނީ އެ ވަގުތުން ވަގުތަށް އެ ހަމަލާދިން މީހާ ހައްޔަރުކޮށްފައެވެ. ޖަރުމަނުގެ ޕްރައިވެސީ ގާނޫނުތައް އޮންނަ ގޮތުން، ހައްޔަރުކުރި މީހާގެ ވަނަވަރެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
JUST IN: IRANIAN PROTESTOR THROWS PAINT ON REZA PAHLAVI BEFORE HIS FEDERAL PRESS CONFERENCE IN BERLIN TODAY pic.twitter.com/7ESN2KLR3E
— Sulaiman Ahmed (@ShaykhSulaiman) April 23, 2026
މި ހަމަލާ ދީފައިވަނީ އީރާނާ މެދު މިހާރު ކުރިއަށްދާ ޑިޕްލޮމެޓިކް މަސައްކަތްތަކާ ދެކޮޅަށް ޕަހްލަވީ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއް ނިމުނުތާ މަދު މިނެޓްކޮޅެއްގެ ތެރޭގައެވެ. އެމެރިކާއާއި އީރާނާ ދެމެދު މިހާރު އޮތް ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް ޕަހްލަވީ ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އޭނާ ވިދާޅުވީ "ޑިޕްލޮމެސީއަށް ފުދޭވަރަށް ފުރުސަތު ދެވިއްޖެ" ކަމަށާއި، އީރާނުގެ ވެރިންނަކީ އުސޫލުތަކަށް ތަބާވާނެ ބައެއް ކަމަށް ގަބޫލުނުކުރެވޭނެ ކަމަށެވެ.
ޕަހްލަވީ ވަނީ ޔޫރަޕްގެ ސަރުކާރުތަކަށް، ހާއްސަކޮށް ޖަރުމަނުގެ ޗާންސެލަރ ފްރީޑްރިކް މާރޒްއަށް، ތެހެރާނާއެކު ކުރާ މަޝްވަރާތައް ހުއްޓާލުމަށާއި، އޭގެ ބަދަލުގައި އީރާނުގެ ވެރިކަން ބަދަލުކުރަން ބޭނުންވާ ރައްޔިތުންނަށް އެހީތެރިވުމަށް ގޮވާލައްވާފައެވެ. އަދި އީރާނުގެ ސިޔާސީ ކުށްވެރިންގެ ހާލަތާ ބެހޭގޮތުން ވާހަކަ ދައްކަވަމުން، ވޭތުވެދިޔަ ދެ ހަފުތާގެ ތެރޭގައި 19 މީހަކަށް މަރުގެ އަދަބު ދީފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޖަރުމަނު ސަރުކާރުން ބުނެފައިވަނީ ޕަހްލަވީގެ މި ޒިޔާރަތަކީ އަމިއްލަ ދަތުރެއް ކަމަށާއި، ސަރުކާރުގެ އިސް ވަޒީރުންނާއެކު ރަސްމީ ބައްދަލުވުންތަކެއް ތާވަލުކުރެވިފައި ނުވާ ކަމަށެވެ. ނަމަވެސް، އޭނާގެ މި ޒިޔާރަތަށް އީރާނުގެ ޑަޔަސްޕޯރާ އާއި ޖަރުމަނު ޕާލަމެންޓުގެ އެކި ސިޔާސީ ފަރާތްތަކުގެ ބޮޑު ސަމާލުކަމެއް ވަނީ ލިބިފައެވެ.
މި ހާދިސާ ހިނގާފައިވަނީ އެމެރިކާގެ ރައީސް ޓްރަމްޕް ދާދި ފަހުން އިއުލާން ކުރި ހަނގުރާމަ ހުއްޓާލުމުގެ މުއްދަތު އިތުރުކުރުމުގެ މުހިންމު ދަނޑިވަޅެއްގައެވެ. އަދި ކުރިއަށް އޮތް ހުކުރު ދުވަހު އިސްލާމްއާބާދުގައި އާ ބުރުގެ މަޝްވަރާތަކެއް ފެށުމަށް ދަނީ ތައްޔާރުވަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!