ފުރުސަތުދިންނަމަ އެމްޑީޕީގެ މެންބަރޝިޕް 60،000 އަށް އެރުވޭނެކަމަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ކުރީގެ ޗެއާޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޟު އިސްމާއިލް ވިދާޅުވެއްޖެއެވެ.

ސޯޝަލް މީޑިއާ ޕްލެޓްފޯމް 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޟު ވިދާޅުވީ، އިއްޔެ 44،000 މެމްބަރުން އެމްޑީޕީގައި ތިއްބާ މިއަދު އެ އަދަދު 50،000 އަށް އިތުރުވެފައިވާ ކަމަށެވެ. ނަމަވެސް ''ވިސްނުންތެރިކަމާއެކު ފުރުސަތު ދީގެން މިކަން ކުރިނަމަ'' ޕާޓީގެ މެންބަރޝިޕް 60،000 އަށް އެރުވޭނެ ފުރުސަތު މިހާރު ގެއްލިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

Ad
rt

އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގެ ފޯރި ގަދަވެފައިވާއިރު، ޕާޓީއަށް އިތުރަށް މީހުން ވަނަ ނުދިނުމަށް ވަގުތު ކުރުކޮށްލާފައިވާ ކަމުގެ ޝަކުވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ކުރައްވާފައެވެ. ރައީސް ނަޝީދަކީ ވެސް މި އިންތިހާބުގައި ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާ ކެންޑިޑޭޓެކެވެ.

އަންނަ ޖޫން މަހުގެ ތެރޭގައި ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި ރައީސް ނަޝީދުގެ އިތުރުން ދެން ވާދަކުރުމުގެ ޝައުގުވެރިކަން ފާޅުކުރައްވާފައިވަނީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް އަދި ކުރީގެ މަޖިލިސް މެމްބަރު އަލްހާން ފަހުމީއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެމްޑީޕީގެ އިންތިހާބުގައި ވޯޓުލެވޭ މީހުންގެ ދަފްތަރުގައި ހިމެނުމަށްޓަކައި ޕާޓީއަށް ވަނުމަށް ދީފައިވާ ސުންގަޑި ރޭ ވަނީ ހަމަވެފައެވެ. މި ސުންގަޑިއާ މެދު ޕާޓީގެ އިސް ބައެއް ބޭފުޅުންގެ މެދުގައި ވަނީ ހިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.