އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރް.ޖީ.ސީ) އިން ބުދަ ދުވަހު ހޮރްމުޒް ކަނޑުއޮޅިން އިޒްރޭލާ ގުޅުން އޮތް ދެ އުޅަނދެއް ހިފަހައްޓައިފިއެވެ.

އައި.އާރް.ޖީ.ސީ ނޭވީން ބުނި ގޮތުގައި މި އުޅަނދުތައް ހިފެހެއްޓީ ގަވާއިދާ ހިލާފު އަމަލުތަކެއް ހިންގި ކަމުގެ ތުހުމަތުގައެވެ.

Ad
rt

އީރާނުން ހިފަހައްޓާފައިވަނީ 'އެމް.އެސް.ސީ ފްރެންޗެސްކާ' އާއި 'އެޕަމިނޯޑްސް' ނަމަކަށް ކިޔާ ދެ އުޅަނދެވެ. މި އުޅަނދުތަކުގެ މައްޗަށް ތަކުރާރުކޮށް ގަވާއިދާ ހިލާފުވުމާއި، ހުއްދަނެތި ދަތުރުކުރުމުގެ އިތުރުން، ނެވިގޭޝަން ސިސްޓަމްތަކަށް ބަދަލު ގެނައި ކަމުގެ ތުހުމަތު ވަނީ ކުރެވިފައެވެ.

އައި.އާރް.ޖީ.ސީ އިން ބުނީ މި އުޅަނދުތައް މަސައްކަތް ކުރަމުންދިޔައީ ސިއްރުވެރި ގޮތަކަށް ކަނޑުއޮޅިން ބޭރުވުމަށް ކަމަށާއި، މިހާރު އެ އުޅަނދުތައް ހުރީ އީރާނުގެ ކަނޑުގެ ސަރަހައްދުގައި ބަލައި ފާސްކުރުމަށް މަޑުކުރުވައިފައެވެ.

މި ހާދިސާއާ ގުޅިގެން ޔޫކޭ މެރިޓައިމް ޓްރޭޑް އޮޕަރޭޝަންސް (ޔޫ.ކޭ.އެމް.ޓީ.އޯ) އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ބުދަ ދުވަހުގެ ކުރީކޮޅު އީރާނުގެ އައްސޭރިފަށާ ކައިރިން މުދާ އުފުލާ ބޯޓަކަށް ބަޑީގެ ހަމަލާތަކެއް ވެސް ވަނީ އަމާޒުވެފައެވެ. މީގެ އިތުރުން، ކޮންޓެއިނަރު އުފުލާ ބޯޓަކުން ވަނީ އައި.އާރް.ޖީ.ސީ އާ ގުޅުން އޮތް ބަޑި ހަރުކޮށްފައިވާ ކުޑަ ބޯޓެއް އެ އުޅަނދާ ކައިރިކުރި ކަމަށް ވެސް މައުލޫމާތު ދީފައެވެ.

މި ސަރަހައްދުގެ މަސްރަހު ނުތަނަވަސްވެފައިވަނީ މިދިޔަ ފެބްރުއަރީ 28 ގައި އީރާނާއި، އެމެރިކާ އަދި އިޒްރޭލާ ދެމެދު ހަނގުރާމަ ފެށުނު ފަހުންނެވެ. އޭޕްރީލް މަހުގެ ކުރީކޮޅު ދެ ހަފުތާގެ މުއްދަތަށް ހަމަލާބަދަލުކުރުން ހުއްޓާލުމަށް އިއުލާނުކޮށް، ޕާކިސްތާނުގެ އިސްލާމްއާބާދުގައި އެމެރިކާ އާއި އީރާނުން ސީދާ މަޝްވަރާތަކެއް ބޭއްވި ނަމަވެސް، އެއްވެސް އެއްބަސްވުމަކަށް ނާދެވި މަޝްވަރާތައް ވަނީ ނިމިފައެވެ.

އައި.އާރް.ޖީ.ސީ ނޭވީން ވަނީ އީރާނުގެ ކަނޑުދަތުރުފަތުރުގެ ގަވާއިދުތަކާ ހިލާފުވާ ނުވަތަ ކަނޑުގެ ސަލާމަތަށް ނުރައްކާވާ ކޮންމެ އަމަލަކަށް "ހަރުކަށި އަދި ގާނޫނީ ފިޔަވަޅު" އަޅާނެ ކަމުގެ އިންޒާރު ދީފައެވެ. މިއީ ކަނޑުގެ ސަލާމަތާއި ދަތިކުރުމުގެ ފިޔަވަޅުތަކާ ގުޅޭ ގޮތުން އުފެދިފައިވާ ހިޔާލުތަފާތުވުންތަކުގެ ތެރެއިން އީރާނުން ކަނޑުއޮޅީގެ ކޮންޓްރޯލް އަލުން ވަރުގަދަކުރި ދަނޑިވަޅެކެވެ.

މި ހާދިސާތައް ހިނގާފައި މިވަނީ، ހަމަލާބަދަލުކުރުން ހުއްޓާލުމުގެ މުއްދަތު ހަމަވާން އެއް ދުވަހަށް ވެފައި ވަނިކޮށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އީރާނާއެކު އޮތް ސުލްހައިގެ މުއްދަތު ވަކި މުއްދަތެއް ނެތް ގޮތަށް އިތުރުކުރައްވާފައިވާ ދަނޑިވަޅެއްގައެވެ.