އިނގިރޭސިވިލާތުގެ ޕާލަމަންޓުން "ޓޮބެކޯ އެންޑް ވޭޕްސް ބިލް" ފާސްކުރުމާ ގުޅިގެން، 2008 ވަނަ އަހަރުގެ ފަހުން އުފަންވި އެއްވެސް މީހަކަށް އެ ގައުމުގައި އުމުރަށް ސިނގިރޭޓު ގަތުން މަނާވާނެ ގޮތް ހަމަޖެހިއްޖެއެވެ. މިއީ ދުންފަތުގެ އިސްތިއުމާލުން ސަލާމަތްވެފައިވާ ޖީލެއް ބިނާކުރުމަށް އެ ގައުމުން ފެށި ވަރުގަދަ މަސައްކަތެކެވެ.
އިނގިރޭސިވިލާތުގެ ގާނޫނު ހަދާ މަޖިލީހުގެ ދެ ގެ، ހައުސް އޮފް ކޮމަންސް އަދި ހައުސް އޮފް ލޯޑްސް އިން ވަނީ މި ތާރީޚީ ގާނޫނުގެ ފަހު ދެލިކޮޕީއަށް އެއްބަސްވެފައެވެ. މި ގާނޫނުގެ ދަށުން، 1 ޖެނުއަރީ 2009 ގެ ފަހުން އުފަންވި އެއްވެސް މީހަކަށް ފިހާރަތަކުން ދުންފަތުގެ އިސްތިއުމާލުކުރާ ތަކެތި ވިއްކުން ގާނޫނީ ގޮތުން މަނާވާނެއެވެ. މީގެ މާނައަކީ މިހާރު އުމުރުން 17 އަހަރުން ދަށުގެ ކުދިންނަށް، އެކުދިން ބޮޑުވުމުންވެސް ގާނޫނީ ގޮތުން ސިނގިރޭޓެއް ނުގަނެވޭނެއެވެ.
މި ބިލަށް ރަސްގެފާނުގެ ތަސްދީގު ލިބުމާއެކު، ދުންފަތާއި ވޭޕް އަދި ނިކޮޓިން އެކުލެވޭ ތަކެތީގެ ރަހަތަކާއި، އެ ތަކެތި ބަންދުކޮށްފައި ހުންނަ ގޮތް (ޕެކޭޖިންގް) ކޮންޓްރޯލް ކުރުމުގެ ފުޅާ ބާރުތަކެއް ސަރުކާރުގެ މިނިސްޓަރުންނަށް ލިބިގެންދާނެއެވެ. މިއީ ޔޫކޭގައި މަރުވުމާއި، ނުކުޅެދުންތެރިކަން ކުރިމަތިވުމުގެ އެންމެ ބޮޑު ސަބަބު ކަމަށްވާ ދުންފަތުގެ އިސްތިއުމާލުކުރުމުން ކުރާ ސިއްހީ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް އެޅި ފިޔަވަޅެކެވެ.
އާ ގާނޫނުގެ ދަށުން ދުންފަތުގެ އިސްތިއުމާލުކުރުން މަނާ ސަރަހައްދުތައް ވެސް ވަނީ ފުޅާކޮށްފައެވެ. އެގޮތުން ކުޑަކުދިން ގޮވައިގެން ދަތުރުކުރާ ކާރުތަކުގައާއި، ކުޅޭ ބިންތަކުގައާއި، ސްކޫލްތަކުގެ ބޭރުގައާއި ހޮސްޕިޓަލްތަކުގައި ވޭޕްކުރުން މަނާވާނެއެވެ. ނަމަވެސް، ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލަން މަސައްކަތްކުރާ މީހުންނަށް އެހީތެރިވުމުގެ ގޮތުން ހޮސްޕިޓަލްތަކުގެ ބޭރުގެ ވަކި ސަރަހައްދުތަކެއްގައި ވޭޕްކުރުމުގެ ހުއްދަ އޮންނާނެއެވެ. މީގެ އިތުރުން ޕަބްތަކުގެ ބަގީޗާތަކާއި، ގޮނޑުދޮށްތަކާއި، އަމިއްލަ ގޯތިގެދޮރުގައި ދުންފަތުގެ އިސްތިއުމާލުކުރުން މި ބިލަކުން މަނައެއް ނުކުރެއެވެ.
ޔޫކޭގެ ސެކްރެޓަރީ އޮފް ސްޓޭޓް ފޯ ހެލްތު އެންޑް ސޯޝަލް ކެއާ، ވެސް ސްޓްރީޓިންގް ވިދާޅުވީ މިއީ ގައުމުގެ ސިއްހަތަށް ލިބުނު ތާރީޚީ ވަގުތެއް ކަމަށެވެ.
"ބަލިވުމުގެ ކުރިން ރައްކާތެރިވުން މާ ރަނގަޅު. މި އިސްލާހުގެ ސަބަބުން ފުރާނަތައް ސަލާމަތްވެ، އެން.އެޗް.އެސް އަށް އޮތް ބާރު ކުޑަވެ، ސިއްހަތު ސަލާމަތުން އޮތް ބްރިޓަންއެއް ބިނާވެގެންދާނެ،" އޭނާ ވިދާޅުވިއެވެ.
ހެލްތު މިނިސްޓަރު ބެރޮނެސް މެރޮން ވެސް ވަނީ މިއީ މި ޖީލުގައި ސިއްހީ ދާއިރާއިން އެޅޭ އެންމެ ބޮޑު ފިޔަވަޅުކަން ފާހަގަކުރައްވާފައެވެ.
ކަންބޮޑުވުންތަކަށް ރައްދު ދެއްވަމުން ލޭޑީ މެރޮން ވިދާޅުވީ، ވިޔަފާރިވެރިންނާ ގާތުން މަސައްކަތް ކުރަމުންދާ ކަމަށެވެ. މީގެ އިތުރުން، "އެސްތުމާ + ލަންގް ޔޫކޭ" ގެ ސާރާ ސްލީޓް ވަނީ މި ބިލަށް މަރުހަބާ ކިޔައި، ދުންފަތުގެ އިސްތިއުމާލުކުރާ މީހުންނަށް އެކަން ހުއްޓާލުމަށް ބޭނުންވާ އެހީތެރިކަން އިތުރުކުރުމަށް ސަރުކާރަށް ގޮވާލައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!