ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ކެނޑިނޭޅި މަސައްކަތް ކުރައްވަނީ ރައްޔިތުން ބޭނުންވާ ފަދަ ހެޔޮ ބަދަލުތަކެއް ގައުމަށް ގެނައުމަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެމްބަރު އަބުދުއްލަތީފް މުޙައްމަދު (ލަތީބެ) ވިދާޅުވެއްޖެއެވެ.

އެމްއެމްޓީވީގެ "ބޮޑު ޚަބަރު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މެމްބަރު ލަތީފް ވިދާޅުވީ، ގައުމުގެ ހިންގުން ހަރުދަނާކުރުމަށާއި، ގާނޫނުއަސާސީއަށް ގެންނަންޖެހޭ މުހިންމު އިސްލާހުތައް ގެނައުމުގައި ރައީސްގެ ތަޖުރިބާގެ ބޭނުން ފުރިހަމައަށް ހިއްޕަވަމުންދާ ކަމަށެވެ. އަދި ރާއްޖޭގެ މިނިވަންކަން ކަށަވަރުކޮށް، އެހެން ބައެއްގެ ބާރު ނުފޯރުވޭނެ ފަދަ ގައުމަކަށް ރާއްޖެ ހެއްދެވުމަށް ރައީސް ޚާއްސަ އިސްކަމެއް ދެއްވާކަން އޭނާ ފާހަގަކުރެއްވިއެވެ.

Ad
rt

އިންތިޚާބުތައް އެކުއެކީގައި ބޭއްވުމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ލަތީފް ވިދާޅުވީ، ކޮންމެ ނިންމުމެއް ނިންމެވުމުގައިވެސް ރައީސް އިސްކަންދެއްވަނީ ރައްޔިތުންގެ ލަފަޔާއި އިރުޝާދަށް ކަމަށެވެ.

"އެމަނިކުފާނު ބޭނުންފުޅުވީ އިންތިޚާބު އެކުއެކީގައި ބޭއްވުމަށް ރައްޔިތުންގެ ޚިޔާލަކީ ކޮބައިތޯ. 2023ގެ ނޮވެމްބަރު 17 ގައި ވިދާޅުވެފައި މި އޮތީ ރައްޔިތުންގެ ޚިޔާލާއި ވިސްނުމާއި ރައްޔިތުންގެ ފިކުރާ ރައްޔިތުން އެދޭ ގޮތަށޭ މި އިސްލާހީ ބަދަލުތައް ގެންނާނީ،" މެންބަރު ވިދާޅުވިއެވެ.

މީގެ އިތުރުން، ރައްޔިތުން އެދޭ ގޮތަށް ކަންކަން ނިންމެވުމުގެ މުހިންމުކަން ފާހަގަކުރައްވަމުން ލަތީފް ވިދާޅުވީ، ރައްޔިތުން އެކަމަށް ނުރުހިއްޖެނަމަ ރައީސް އެކަމެއް އެގޮތަށް ނުކުރައްވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. މިއީ ރައްޔިތުންގެ ބަސް އިއްވުމަށް ރައީސް ދެއްވާ ފުރުސަތެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

ގައުމަށް ދިމާވެފައިވާ ބޮޑެތި މައްސަލަތަކަށް އަލިއަޅުއްވާލައްވަމުން، ބިދޭސީންގެ މައްސަލައާއި މަސްތުވާތަކެތީގެ ވަބާ ހައްލުކުރުމަށްޓަކައި ގާނޫނީ ނިޒާމު ހަރުދަނާކުރުމުގެ މަސައްކަތް ސަރުކާރުން ބާރުސްޕީޑުގައި ކުރަމުންދާކަންވެސް މެންބަރު ލަތީފް ވަނީ ވިދާޅުވެފައެވެ.