މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބާއްވާ ތިންވަނަ އަހަރީ ދިރާސާ ކޮންފަރެންސް، "އެމްއެމްއޭ ރިސާޗް ކޮންފަރެންސް 2026" އަށް ކަރުދާސް ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.

މި އަހަރުގެ ކޮންފަރެންސް ބޭއްވުމަށް ހަމަޖެހިފައިވަނީ "މެކްރޯ އިކޮނޮމިކް އެންޑް ފައިނޭންޝަލް ސްޓެބިލިޓީ ފޯ ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް އަމިޑް ސްޓްރަކްޗަރަލް އެންޑް ގްލޯބަލް ޓްރާންސިޝަންސް" މި ތީމްގެ ދަށުންނެވެ.

Ad
rt

އެމްއެމްއޭ ރިސާޗް ކޮންފަރެންސަކީ ރާއްޖެއާއި ރާއްޖޭން ބޭރުގެ އިގްތިސާދީ މާހިރުންނާއި ދިރާސާވެރިން އެއްތަނަކުން ބައްދަލުވެ، މިހާރުގެ އިގްތިސާދީ އަދި ސިޔާސީ މައްސަލަތަކާ ގުޅޭގޮތުން އާ ދިރާސާތައް ހުށަހަޅައި މަޝްވަރާކުރުމަށް ހުޅުވާލެވޭ މުހިންމު ޕްލެޓްފޯމެކެވެ. މި ކޮންފަރެންސްގެ މަގްސަދަކީ ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި، ސިނާއީ މާހިރުން އަދި އެކަޑަމިކް ދާއިރާގެ ބޭފުޅުންގެ މެދުގައި ގުޅުން ބަދަހިކޮށް، ރާއްޖެއާ ގުޅުންހުރި ދިރާސާތައް ކުރުމަށް ބާރުއެޅުމެވެ.

މި އަހަރުގެ ކޮންފަރެންސްގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާނީ ދުނިޔޭގެ އިގްތިސާދަށް އަންނަ ބަދަލުތަކާއި ގޮންޖެހުންތަކުގެ ތެރޭގައި، ރާއްޖޭގެ އިގްތިސާދީ އަދި މާލީ ހަމަޖެހުން ދެމެހެއްޓުމަށް ކުރެވިދާނެ ކަންކަމުގެ މައްޗަށެވެ. މީގެ ތެރޭގައި މަނިޓަރީ ޕޮލިސީ، އިސްލާމިކް ފައިނޭންސް، ފައިނޭންޝަލް އިންކްލޫޝަން، ޑިޖިޓަލް ފައިނޭންސް، ކްލައިމެޓް ރިސްކް، އަދި ހެލްތު އިކޮނޮމިކްސް ފަދަ ދާއިރާތަކުން ކަރުދާސް ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

ދިރާސާ ކަރުދާސްތަކުގެ އެބްސްޓްރެކްޓް ހުށަހެޅުމުގެ ފުރުސަތު ދިރާސާވެރިންނާއި، މަރުކަޒީ ބޭންކުތަކުގެ މުވައްޒަފުންނާއި، ބައިނަލްއަގުވާމީ އިދާރާތަކުގެ މާހިރުންގެ އިތުރުން މަތީ ތައުލީމު ހާސިލުކުރަމުންދާ ދަރިވަރުންނަށް ވެސް ވަނީ ހުޅުވާލާފައެވެ. އެބްސްޓްރެކްޓް ހުންނަންވާނީ އިނގިރޭސި ބަހުން، 150 އާއި 250 ބަހުގެ ދެމެދުގައެވެ.

ކޮންފަރެންސަށް އެބްސްޓްރެކްޓް ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ 20 މެއި 2026 އެވެ. ހޮވޭ އެބްސްޓްރެކްޓްތަކުގެ ވެރިފަރާތްތަކަށް 3 ޖޫން 2026 ގައި އެކަން އަންގާނެ ކަމަށާއި، ފުރިހަމަ ކަރުދާސް ހުށަހަޅަންޖެހޭ އެންމެ ފަހު ތާރީޚަކީ 3 ސެޕްޓެމްބަރު 2026 ކަމަށް އެމްއެމްއޭ އިން މައުލޫމާތު ދެއެވެ.

މި ކޮންފަރެންސާ ގުޅޭ އިތުރު މައުލޫމާތާއި ކަރުދާސް ހުށަހަޅާނެ ގޮތުގެ އިރުޝާދުތައް researchconference.mma.gov.mv ވެބްސައިޓުން ލިބެން ހުންނާނެއެވެ.