އެމެރިކާއިން ވެފައިވާ އެއްބަސްވުންތަކަށް ހުރުމަތްތެރިކޮށް ނުހިތާ ކަމަށް ބުނެ، އީރާނުން އަނެއްކާވެސް ދުނިޔޭގެ ތެލުގެ ވިޔަފާރީގެ މުހިންމު ރާސްތާއެއް ކަމަށްވާ ހޯރްމޫޒް ކަނޑުއޮޅި މިއަދު ބަންދުކޮށްފިއެވެ.
މިއަދު ހޮނިހިރު ދުވަހުގެ ހެނދުނު (18 އެޕްރީލް 2026) އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރް.ޖީ.ސީ) އިން މި ކަނޑުއޮޅި ބަންދުކުރީ، ހުކުރު ދުވަހު އެ ސަރަހައްދު "މުޅިން ހުޅުވާލެވިފައިވާ" ކަމަށް އިއުލާންކޮށް ދުނިޔޭގެ ބާޒާރުތަކަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބިފައި ވަނިކޮށެވެ.
އީރާނުގެ ސެންޓްރަލް މިލިޓަރީ ކޮމާންޑްގެ ތަރުޖަމާނު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ހޯރްމޫޒް ކަނޑުއޮޅި މިހާރު ވަނީ ހަނގުރާމަ ހުއްޓާލުމުގެ ކުރިން އޮތް "ހަރުކަށި ކޮންޓްރޯލް" ގެ ހާލަތަށް ރުޖޫޢަވެފައި ކަމަށެވެ.
"އަހަރެމެން ތިޔަބައިމީހުންނަށް އިންޒާރު ދިނީމެވެ. ނަމަވެސް ތިޔަބައިމީހުން އެކަމަށް ފަރުވާލެއް ނުބެހެއްޓިއެވެ. މިހާރު ހޯރްމޫޒް އޭގެ ކުރީގެ ހާލަތަށް ރުޖޫޢަވުމުގެ އުފާ ލިބިގަންނާށެވެ،" އޭނާ ވިދާޅުވިއެވެ.
އީރާނުން މި ފިޔަވަޅު އަޅާފައި މިވަނީ، ލުބުނާނުގެ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ގުޅިގެން "ހެޔޮ ނިޔަތެއް" ދެއްކުމުގެ ގޮތުން ހުކުރު ދުވަހު ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީ ކަނޑުއޮޅި ހުޅުވާލިކަން އިއުލާން ކުރައްވާފައި ވަނިކޮށެވެ. އެ އިއުލާނާއެކު އިންޑިއާ އާއި ޗައިނާގެ ގިނަ އަދަދެއްގެ ތެޔޮ ބޯޓުފަހަރު އެ ސަރަހައްދު ހުރަސްކުރަން ފެށިއެވެ.
ނަމަވެސް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް 'ޓްރުތް ސޯޝަލް' ގައި ބުނީ އީރާނުގެ ބަނދަރުތަކަށް އެމެރިކާގެ ކަނޑުގެ ސިފައިން ކުރަމުންދާ ބްލޮކޭޑް، ވަކި އެއްބަސްވުމެއްގައި ސޮއިކުރަންދެން "ފުރިހަމަ ބާރާއެކު" ދެމިއޮންނާނެ ކަމަށެވެ. މި ވާހަކަތަކާ ގުޅިގެން އީރާނުން ވަނީ އެމެރިކާއިން "ކަނޑުފޭރުމުގެ" އަމަލުތައް ހިންގާ ކަމަށް ތުހުމަތުކޮށްފައެވެ. އީރާނުން ބުނާ ގޮތުގައި އެގައުމުގެ ބޯޓުފަހަރު ހިފަހައްޓާނަމަ، ދުނިޔޭގެ އެހެން ގައުމުތަކަށް ދަތުރުފަތުރުގެ މިނިވަންކަން ދިނުމުގެ އެއްވެސް މަޖުބޫރުކަމެއް އެގައުމަށް ނެތެވެ.
އަލުން ގާއިމުކުރި "ހަރުކަށި ކޮންޓްރޯލް" ގެ ދަށުން، ފެބްރުއަރީ 28 ގައި އޮތް އުސޫލަށް އަމަލުކުރަން ވަނީ ފަށާފައެވެ. އެއީ ހަމައެކަނި އީރާނުގެ ސީދާ ހުއްދަ ލިބިގެން ކަނޑައެޅިފައިވާ ވަކި މަގުތަކަކުން ދަތުރުކުރުމެވެ.
މި ބަދަލާއެކު މަސްރަހު ނުތަނަވަސްވެ، މިއަދު މެންދުރުފަހު 3:00 އާ ހަމައަށް ލިބުނު މައުލޫމާތަށް ބަލާއިރު، އިންޑިއާއަށް ދަތުރުކުރި މަދުވެގެން ދެ ތެޔޮ ބޯޓެއް ވަނީ ގަލްފް އޮފް އޯމާން ސަރަހައްދުން އަނބުރާލާފައެވެ. މި ހާލަތަކީ ޖިއޯޕޮލިޓިކަލް ގޮތުން އައި ވަރަށް ބޮޑު ބަދަލެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!