އީރާނުން ފައްކާކޮށްފައިވާ ޔުރޭނިއަމްތައް ދޫކޮށްލުމުގެ ބަދަލުގައި، އެމެރިކާއިން ހިފަހައްޓާފައިވާ އީރާނުގެ 20 ބިލިއަން ޑޮލަރުގެ އެސެޓްތައް ދޫކޮށްލުމަށް އެމެރިކާ ސަރުކާރުން ވިސްނަމުންދާ ކަމަށް އެމެރިކާގެ އޮފިޝަލުންނާ ހަވާލާދީ އެކްސިއޯސް ނިއުސް އައުޓްލެޓުން ރިޕޯޓްކޮށްފިއެވެ.

މި މަޝްވަރާތަކަކީ ފެބްރުއަރީ 28 ގައި ފެށުނު ހަމަނުޖެހުންތަކަށް ހައްލެއް ހޯދުމަށް ތިން ސަފުހާގެ ފްރޭމްވޯކެއްގެ ދަށުން ކުރިއަށްދާ މަޝްވަރާތަކެކެވެ.

Ad
rt

މި ހަފްތާގައި ވޮޝިންޓަނާއި ތެހެރާނާ ދެމެދު ކުރެވުނު މަޝްވަރާތަކުގައި ކުރިއެރުންތަކެއް ލިބިފައިވީ ނަމަވެސް، ދެ ގައުމުގެ ދެމެދުގައި އަދިވެސް ބޮޑެތި ފަރަގުތަކެއް ހުރިކަން ރިޕޯޓްތަކުން ފާހަގަކުރެއެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުރާސްފަތި ދުވަހު ބުނީ، ދެ ގައުމުގެ ދެމެދުގައި އޮތް ހަނގުރާމަ ހުއްޓާލުމުގެ މުއްދަތު އޭޕްރީލް 22 އަށް ހަމަވާން ގާތްވެފައިވަނިކޮށް، އީރާނާއެކު އެއްބަސްވުމަކަށް އައުމާ "ވަރަށް ގާތްވެފައިވާ" ކަމަށެވެ.

ޓްރަމްޕްގެ ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެނީ އީރާނުގެ ބިމުގެ އަޑީގައި ހުރި ނިއުކްލިއާ މަރުކަޒުތަކުގައި ރައްކާކޮށްފައިވާ ގާތްގަނޑަކަށް 2,000 ކިލޯގްރާމްގެ ފައްކާކުރި ޔުރޭނިއަމް ބޭނުންކުރުމުގެ ފުރުސަތު އީރާނަށް ނުދިނުމަށެވެ. މީގެ ތެރޭގައި 60 އިންސައްތައަށް ފައްކާކޮށްފައިވާ 450 ކިލޯގްރާމްގެ ޔުރޭނިއަމް ހިމެނެއެވެ. އީރާނުން މި އެއްބަސްވުމުގެ ބަދަލުގައި އެދެނީ އެގައުމަށް ކުރިމަތިވެފައިވާ މާލީ ދަތިތަކުން ސަލާމަތްވުމަށް މާލީ ލުއިތަކެއް ހޯދުމަށެވެ.

މަޝްވަރާ ކުރާ ފަރާތްތަކުން މިހާރު މަސައްކަތް ކުރަމުންދަނީ އީރާނުގެ ހިފަހައްޓާފައިވާ އެސެޓްތަކުގެ ތެރެއިން ދޫކޮށްލާނެ މިންވަރަކާއި، ނިއުކްލިއާ މާއްދާތަކާ މެދު އަމަލުކުރާނެ ގޮތެއް ކަނޑައެޅުމަށެވެ. އެމެރިކާއިން ބޭނުންވަނީ ޔުރޭނިއަމްތައް އީރާނުން ބޭރަށް ގެންދިއުމަށެވެ. ނަމަވެސް އީރާނުން ހުށަހަޅަނީ ގައުމުގެ ތެރޭގައި އެތަކެތީގެ ބާރު ދަށްކުރުމަށެވެ. މިހާރު ވިސްނަމުންދާ ހައްލަކީ ބައެއް ތަކެތި ތިންވަނަ ގައުމަކަށް ފޮނުވާލުމާއި، ބާކީ ހުރި ބައި ބައިނަލްއަގުވާމީ ބެލުމުގެ ދަށުން އީރާނުގައި ބެހެއްޓުމެވެ.

އެކުލަވާލަމުންދާ އެމް.އޯ.ޔޫގައި އީރާނުން ޔުރޭނިއަމް ފައްކާކުރުން މެދުކަނޑާލުމުގެ މުއްދަތާ މެދުވެސް ހިޔާލުތަފާތުވުންތައް އެބަހުއްޓެވެ. އެމެރިކާއިން 20 އަހަރުގެ މުއްދަތަކަށް ހުށަހަޅާފައިވާއިރު، އީރާނުން ބޭނުންވަނީ ފަސް އަހަރުގެ މުއްދަތެކެވެ. މީގެ އިތުރުން، ބޭސްވެރިކަމަށް ބޭނުންވާ އައިސޯޓޯޕް އުފެއްދުމަށް ނިއުކްލިއާ ރިސާޗް ރިއެކްޓަރުތައް ހިންގުމުގެ ހުއްދަ އީރާނަށް ލިބޭނެއެވެ. ނަމަވެސް އެއީ ހުރިހާ މަރުކަޒުތަކެއް ބިމުން މަތީގައި ހުރުމާއި، ބިމުގެ އަޑީގެ ސައިޓްތައް ބޭނުންނުކުރުމުގެ ޝަރުތުގެ މަތިންނެވެ.

މި އެއްބަސްވުމުގައި ހޯރްމޫޒް ކަނޑުއޮޅިއާ ގުޅޭ ބައެއް ކަންތައްތައް ވެސް ހިމެނޭ ކަމަށް ރިޕޯޓްތައް ބުނާއިރު، އެކަމުގައި އަދިވެސް ދެ ގައުމުގެ މެދުގައި އެއްބަސްވުމަކަށް ނާދެވޭ ގިނަ ކަންތައްތަކެއް ހުރިކަން ފާހަގަކުރެވެއެވެ.