އަތޮޅު ކައުންސިލުތަކާއި މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވޯކްސް އުވާލުމާ ގުޅިގެން އިދާރީ ދާއިރާތައް ހިންގުމަށް ގާނޫނީ ހުސްކަމެއް އަތުވެދާނެކަމަށް ބުނެ ސޯޝަލް މީޑިއާގައި ދެކެވޭ ވާހަކަތައް ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ދޮގުކޮށްފިއެވެ.

އެ އޮތޯރިޓީން ނެރުނު ބަޔާނެއްގައި ބުނީ، މި ބަދަލުތަކުގެ ސަބަބުން ގާނޫނީ އެއްވެސް ހުރަހެއް ނުވަތަ ހުސްކަމެއް ނާންނާނެކަމުގެ ޔަގީންކަން ދޭ ކަމަށެވެ.

Ad
rt

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 230 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން، ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގަންވާނީ ލާމަރުކަޒީ އުސޫލުންނެވެ. މި ގާނޫނީ އޮނިގަނޑުގެ ދަށުން ރަށު ކައުންސިލުތަކާއި ސިޓީ ކައުންސިލުތައް އުފައްދައި، އެ ތަންތަނަށް ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ދިނުމަކީ ލާމަރުކަޒީ ގާނޫނުގެ ދަށުން ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ މައްޗަށް ލާޒިމު ކަމެކެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ގެނެވުނު 17 ވަނަ އިސްލާހުގައި، އަތޮޅު ކައުންސިލުތައް އުވާލައި، އެ ކައުންސިލުތަކުން އަދާކުރަމުން އައި މަސްއޫލިއްޔަތުތައް ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ބަދަލުކުރުމަށް ވަނީ ކަނޑައަޅާފައެވެ. ހަމައެފަދައިން، އަތޮޅު ކައުންސިލުތަކުގެ މުދަލާއި ވަސީލަތްތައް ވެސް އެ އޮތޯރިޓީގެ ބެލުމުގެ ދަށަށް ބަދަލުވެގެން ދާނެކަމަށް ގާނޫނުގައި ސާފުކޮށް ބަޔާންކޮށްފައިވެއެވެ.

އިތުރަށް މައުލޫމާތު ދެމުން އެލްޖީއޭ އިން ބުނީ، އިދާރީ ދާއިރާތަކުގައި އެ އޮތޯރިޓީގެ އޮފީސްތައް ގާއިމުކުރުމުގެ އިހުތިޔާރު ވެސް ގާނޫނުން ލިބިދީފައިވާ ކަމަށެވެ.

މިނިސްޓްރީ އުވާލުމަކީ އިދާރީ ހިންގުމަށް ލިބޭނެ ހުރަހެއް ނޫން ކަމަށާއި، ކަނޑައެޅިފައިވާ އުސޫލުތަކުގެ މަތިން ހިދުމަތްތައް މެދުކެނޑުމެއްނެތި ކުރިއަށްދާނެ ކަމުގެ ޔަގީންކަން އެ އޮތޯރިޓީން ދެއެވެ.