އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ހޯރްމޫޒް ކަނޑުއޮޅި ބަންދުކޮށް، އެމެރިކާގެ ކަނޑުގެ ސިފައިން އެ ސަރަހައްދު ހިސާރުކުރި ފަހުން އީރާނުން އަންނަނީ ގަލްފް އޮފް އޮމާން މެދުވެރިކޮށް ސިއްރިއްޔާތުގައި ތެޔޮ އެކްސްޕޯޓް ކުރަމުންކަމަށް ރިޕޯޓްތައް ބުނެފިއެވެ.

އެމެރިކާއިން ވަނީ ޕާކިސްތާނުގައި ބޭއްވި މަޝްވަރާތައް ނާކާމިޔާބުވުމާ ގުޅިގެން، އީރާނުގެ ހުރިހާ ބަނދަރުތަކެއް ބަންދުކޮށް އެއްވެސް އުޅަނދަކަށް ވަދެ ނުނިކުމެވޭ ގޮތަށް ހަދާފައިވާކަމަށް ބުނެފައެވެ.

Ad
rt

ނަމަވެސް، ތެޔޮ އުފުލާ އުޅަނދުފަހަރުގެ ހަރަކާތްތައް ބަލާ ''ޓޭންކަރްޓްރެކާސް'' އިން ހާމަކޮށްފައިވާ ގޮތުގައި، މި ހިސާރުގެ ފަހުން ވެސް އީރާނުން ވަނީ ގަލްފް އޮފް އޮމާންގެ މަގުން 9 މިލިއަން ފީފާގެ ސާފުނުކުރާ ތެޔޮ އެކްސްޕޯޓްކޮށްފައެވެ.

މިދިޔަ ހޯމަ ދުވަހު (13 އެޕްރީލް 2026) އެމެރިކާއިން ހޯރްމޫޒް ކަނޑުއޮޅި ބަންދުކުރުމާ ގުޅިގެން، އީރާނުން ވަނީ ހިސާރުން ސަލާމަތްވުމަށްޓަކައި ހޯރްމޫޒް ކަނޑުއޮޅިން ބޭރުގައި އޮންނަ ޖާސްކް އެކްސްޕޯޓް ޓާމިނަލް ބޭނުންކުރަން ފަށާފައެވެ. ޓޭންކަރްޓްރެކާސްގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، އީރާނުން ވަނީ ގާތްގަނޑަކަށް 21 މިލިއަން ފީފާގެ ސާފުނުކުރާ ތެޔޮ އޮމާން ކަނޑުގައި ހުރި އުޅަނދުފަހަރުގައި ރައްކާކޮށްފައެވެ. މީގެ ތެރޭގައި ކޮންމެ އުޅަނދަކަށް 2 މިލިއަން ފީފާ އުފުލޭ ފަދަ 10 ވީ.އެލް.ސީ.ސީ އާއި އެއް ސުއޭޒްމެކްސް ޓޭންކަރު ހިމެނެއެވެ.

މީގެ ތިން ދުވަސް ކުރިން، އެމެރިކާގެ ހިސާރު ފެށުނު ވަގުތާ ދިމާކޮށް އީރާނުން ވަނީ 2 މިލިއަން ފީފާގެ ތެޔޮ ބަރުކޮށްފައިވާ ވީ.އެލް.ސީ.ސީ އެއް އިންޑިއާއަށް ފޮނުވާފައެވެ. ޓޭންކަރްޓްރެކާސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި އުޅަނދު އެއްވެސް އެންގުމަކާ ނުލައި އިންޑިއާއަށް ދަތުރުކުރީ އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކުން އިސްތިސްނާވާ މުއްދަތުގެ ބޭނުން ހިފުމަށެވެ. ނަމަވެސް، އެމެރިކާގެ އާ ހިސާރުގެ އުސޫލުތަކާ ހިލާފުނުވުމަށްޓަކައި، އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ އެ ތެޔޮ ބަލައިގަތުމަށް އިންކާރު ކުރަމުންނެވެ.

އީރާނުގެ ޖާސްކް ޓާމިނަލަކީ ދުވާލަކު ގާތްގަނޑަކަށް 1 މިލިއަން ފީފާ ތެޔޮ އެކްސްޕޯޓް ކުރުމުގެ ގާބިލުކަން ހުރި ތަނެކެވެ. ނަމަވެސް، އެމެރިކާގެ ހިސާރު ފެށިތާ އެންމެ 72 ގަޑިއިރުގެ ތެރޭގައި 9 މިލިއަން ފީފާ އެކްސްޕޯޓް ކުރުމުން، އީރާނުން ވަރަށް އާދަޔާ ހިލާފު އުކުޅުތަކެއް ބޭނުންކޮށްގެން ކޮށްފައިވާ ކަމެއް ކަމަށް ބެލެވެއެވެ.

މީގެ އިތުރުން، އީރާނުން ވަނީ އެމެރިކާގެ ފިޔަވަޅުތަކަށް ބަދަލުހިފުމުގެ ގޮތުން، ދުވާލަކު 9 މިލިއަން ފީފާގެ ތެޔޮ ދަތުރުކުރާ ބާބުލް މަންދަބް (ރަތްކަނޑު) ގެ މަގު ބަންދުކޮށްފާނެ ކަމުގެ އިންޒާރުވެސް ދީފައެވެ. މިހާރު އުފެދިފައިވާ އަސްކަރީ ހަމަނުޖެހުންތަކުގެ ތެރޭގައި އީރާނުން މަސައްކަތް ކުރަމުންދަނީ ހޯރްމޫޒް ކަނޑުއޮޅި ބޭނުންނުކޮށް ތެޔޮ އެކްސްޕޯޓް ކުރެވޭނެ ގޮތްތައް ހޯދުމަށެވެ.