އިސްރާއީލުގެ ބައެއް ސަރަހައްދުތަކަށް ކުއްލިއަކަށް އެތައް ހާސް ކުޅަނދުރު ފެތުރިގަތުމާ ގުޅިގެން، އެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން ކުއްލި ނުރައްކަލުގެ އިންޒާރު ނެރެފިއެވެ.

މި ހާދިސާއާ ގުޅިގެން ރައްޔިތުންނާއި ފިހާރަތަކުގެ ވެރިން ގޭގޭގެ ދޮރުތަކާއި ކުޑަދޮރުތައް ބާރަށް ލައްޕައިގެން ތިބުމަށް ވަނީ އަންގާފައެވެ.

Ad
rt

މިދިޔަ ބުދަ ދުވަސް ކަމަށްވާ 15 އެޕްރީލް 2026 ގައި ހިނގި މި ހާދިސާއަކީ އިސްރާއީލުގެ ތާރީޚުގައި ވެސް ފެނުނު އެންމެ ބޮޑު އެއް ކުޅަނދުރު އައިން އެ ގައުމަށް އެރި ފަހަރެވެ.

މި ކުޅަނދުރުތައް ބޮޑަށް ޖަމާވެފައިވަނީ އިސްރާއީލުގެ ދެކުނުގެ ސިޓީއެއް ކަމަށްވާ ނެޓިވޮޓަށެވެ. އެ ސިޓީގެ ވިޔަފާރި މަރުކަޒުތަކަށާއި މީހުން ދިރިއުޅޭ އަވަށްތަކަށް ކުޅަނދުރުތައް އަރައިގަތުމުގެ ސަބަބުން އާންމު ދިރިއުޅުމަށް ވަނީ ބޮޑެތި ދަތިތަކެއް ކުރިމަތިވެފައެވެ.

އިސްރާއީލުގެ އަސްކަރީ އުޅަނދަކަށް މެހީގެ މުސީބާތް ކުރިމަތިވެފައި

ނެޓިވޮޓް މުނިސިޕަލިޓީން ނެރުނު ކުއްލި ނުރައްކަލުގެ އެލާޓްގައި ވަނީ، ކުޅަނދުރުތައް ގިނަކަމުން އެލާޖިކްވުމުގެ ނުރައްކާ ބޮޑުވުމާއި، މެހިތަކަށް އުނދަގޫވެއްޖެ ނަމަ އާންމުންނަށް ހަމަލާދީފާނެ ކަމުގެ އިންޒާރު ދީފައެވެ.

މި ހާދިސާގެ އަސަރު އިސްރާއީލުގެ ސިފައިންނަށް ވެސް ވަނީ ވަރަށް ބޮޑަށް ކޮށްފައެވެ. ރިޕޯޓްތައް ބުނާ ގޮތުގައި އިސްރާއީލް އެއާ ފޯސް (އައިއޭއެފް) ގެ މަދުވެގެން އެއް ހަނގުރާމަމަތީ ބޯޓު ވަނީ ގްރައުންޑް ކުރަން ޖެހިފައެވެ. އެއީ ބޯޓުގެ އިންޖީނުގެ ތެރެއަށް ކުޅަނދުރުތައް ވަދެ ފުރޭގޮތް ނުވުމުންނެވެ. ނާޒުކު އަސްކަރީ ސާމާނުތަކަށް ލިބިދާނެ ގެއްލުމަކުން ސަލަމާތްވުމަށާއި ޕައިލެޓުންގެ ރައްކާތެރިކަމަށްޓަކައި ބައެއް ފްލައިޓްތައް މިހާރު ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފައެވެ.

މި އާދަޔާ ހިލާފު ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި ބައެއް (މުސްލިމުންނޫން) މީހުން ބުނެފައި ވަނީ މިއީ ބައިބަލް ( މަންސޫޚުވެފައިވާ ފޮތެއް) ގައި ބަޔާންކޮށްފައިވާ "އިލާހީ އަޒާބެއް" ކަމަށް ބުނަމުންނެވެ. ހާއްސަކޮށް އައިޒަޔާ 7:18 ގައި ބަޔާންކޮށްފައިވާ "އައްސީރިއާގެ ބިމުގައިވާ ކުޅަނދުރު" އާ މި ހާދިސާއާ ގުޅުވައިގެން އެމީހުންގެ ގިނަ ބަޔަކު ދަނީ ބަހުސް ކުރަމުންނެވެ. ބައެއް މީހުން މިއީ 2026 ވަނަ އަހަރު ދުނިޔެ ނިމުމުގެ ނިޝާނެއް ކަމަށް ބުނެ މަލާމާތުގެ ރާގަކަށް ވެސް ވާހަކަ ދައްކާފައިވެއެވެ.

ކުޅަނދުރުތަކާ ބެހޭ މާހިރުން ލަފާކުރާ ގޮތުގައި މިކަން މެދުވެރިވީ މޫސުމަށް އައި ކުއްލި ބަދަލުތަކުގެ ސަބަބުން ނުވަތަ ފަހަކަށް އައިސް ހިނގި ހަނގުރާމަތަކުގެ ސަބަބުން ތިމާވެއްޓަށް އައި ބަދަލުތަކެއްގެ ސަބަބުންނެވެ. މި ބަދަލުތަކުގެ ސަބަބުން ކުޅަނދުރުތަކުގެ ގުދުރަތީ މާހައުލަށް ބުރޫއަރައި، ސިޓީތަކަށް ވަންނަން މަޖުބޫރުވީ ކަމަށް އެމީހުން ބުނެއެވެ.

މިހާރު އެ ސަރަހައްދުގައި "ޔެލޯ އެލާޓް" ނެރެފައިވާއިރު، މާހިރުންގެ ޓީމުތަކުން ދަނީ އާންމު އިމާރާތްތަކާއި ސިފައިންގެ މަރުކަޒުތަކުން ކުޅަނދުރުތައް ނައްތާލުމުގެ މަސައްކަތް ކުރަމުންނެވެ.

އިސްރާއީލަށް ކުޅަނދުރުގެ މުސީބާތަކާއި ކުރިމަތިވެފައިވާއިރު، އިސްރާއީލަކީ އެތައް ހާސް މުސްލިމުންނެއްގެ ގާތިލުންނެވެ. އެމީހުންނަކީ މުސްލިމުންގެ ބިންތައް ފޭރި ގޯތި ގެދޮރުންނެރެ، ޝަހީދުކުރުމުގައި އުފެދުނީއްސުރެ އުޅެމުން އަންނަ ޖައްބާރު ބަޔެކެވެ.

ނޯޓު: މި ޚަބަރުގައި ''ބައިބަލް''ގެ ވާހަކަ ގެނެސްފައި ވަނީ އެ ޚަބަރު ގެނެސްދީފައިވާ މަސްދަރުތަކުގެ ރިޕޯޓުތަކުގައި ބުނެފައިވާ ގޮތް ގެނެސްދިނުމަށެވެ. ހަމަކަށަވަރުން މާތް ﷲ، މި އުންމަތުގެ ނަބިއްޔާ، މާތް ރަސޫލާ މުޙައްމަދު ﷺ މެދުވެރިކުރަށްވައި މި އުންމަތަށް ކީރިތި ގުރްއާން ބާވާލެއްވުމުން އެހެން ހުރިހާ ފޮތްތަކެއް މަންސޫޚުވެގެން ވަނީ ގޮސްފައެވެ. ޒުޚްރުފް ސޫރަތުގެ 4 ވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވާފައިވެއެވެ. (وَإِنَّهُ فِي أُمِّ الْكِتَابِ لَدَيْنَا لَعَلِيٌّ حَكِيمٌ ) މާނައަކީ: "އަދި ހަމަކަށަވަރުން ތިމަން ﷲ ގެ ޙަޟްރަތުގައިވާ މައިފޮތުގައި (ލައުޙުލް މަޙްފޫޡުގައި) އެފޮތްވަނީ މަތިވެރިވެގެންވާ ޙިކްމަތްތެރި ފޮތެއްކަމުގައެވެ". އަލްމާއިދާ ސޫރަތުގެ 48 ވަނަ އާޔަތުގައި ވަޙީ ކުރައްވައެވެ. (وَأَنْزَلْنَا إِلَيْكَ الْكِتَابَ بِالْحَقِّ مُصَدِّقًا لِمَا بَيْنَ يَدَيْهِ مِنَ الْكِتَابِ وَمُهَيْمِنًا عَلَيْهِ) މާނައަކީ: "އަދި ތިމަން ﷲ ޙައްގުގޮތުގައި ކަލޭގެފާނަށް ފޮތް ބާވާލެއްވީމެވެ. އޭގެ ކުރިން ބާވައިލެއްވި ފޮތްތަކުގައިވާ ތަކެތި ތެދުކުރުވަނިވި ގޮތުގައެވެ. އަދި އެފޮތްތަކުގެ މައްޗަށް ހެކިވަނިވި ފޮތެއްކަމުގައެވެ".