ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާއި އިސްރާއީލާ ދެމެދު އޮންނަ "އެސޯސިއޭޝަން އެގްރީމަންޓް" މުޅިން މެދުކަނޑާލުމަށް ގޮވާލައި ފެށި ޕެޓިޝަނެއްގައި، އެ މަސައްކަތް ފެށިތާ ތިން މަސް ދުވަހުގެ ތެރޭގައި އެއް މިލިއަނަށްވުރެ ގިނަ މީހުން ސޮއިކޮށްފިއެވެ.

މިއީ އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ އުދުވާނާ ގުޅިގެން ޔޫރަޕްގެ ރައްޔިތުންގެ މެދުގައި އޮތް ނުރުހުން ހާމަވެގެންދިޔަ ބޮޑު ހަރަކާތެކެވެ.

Ad
rt

ޔޫރަޕިއަން ކޮމިޝަންގެ "ސިޓިޒަންސް އިނީޝިއޭޓިވްސް" ޕްލެޓްފޯމުން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މި ޕެޓިޝަނުގައި ސޮއިކުރި މީހުންގެ އަދަދު މިހާރު ވަނީ 1,007,331 އަށް އަރާފައެވެ. މިއީ މިފަދަ މައްސަލަތަކުގައި ރަސްމީކޮށް ގޮތެއް ނިންމުމަށް ބޭނުންވާ ގާނޫނީ އަދަދަށްވުރެ އިތުރު އަދަދެކެވެ. އަދި އީޔޫގެ މަދުވެގެން ހަތް ގައުމަކުން މިކަމަށް ބޭނުންވާ ގާނޫނީ ޝަރުތުތައް ވެސް މިހާރު ވަނީ ފުރިހަމަވެފައެވެ.

މި ޕެޓިޝަނުގައި އިސްރާއީލުގެ މައްޗަށް ތުހުމަތުކޮށްފައިވަނީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފުވުމާއި، ބައިނަލްއަގުވާމީ އަދުލުގެ ކޯޓު (އައި.ސީ.ޖޭ) އިން ނެރެފައިވާ އަމުރުތަކަށް އިސްރާއީލުން އިހުތިރާމް ނުކުރާ ކަމަށެވެ. ހާއްސަކޮށް ނަސްލު ނައްތާލުމުގެ އަމަލުތައް ހުއްޓުވުމާ ގުޅޭ ނިންމުންތަކަށް އިސްރާއީލުން އަމަލުނުކުރާކަން ފާހަގަކޮށް، އިސްރާއީލާއެކު ވިޔަފާރިއާއި އިގްތިސާދީ ގުޅުންތައް ދެމެހެއްޓުމަކީ އީޔޫއިން ގަބޫލުކުރާ އަސާސްތަކާ ފުށުއަރާ ކަމެއްގެ ގޮތުގައި ވަނީ ސިފަކޮށްފައެވެ.

މި ކެމްޕޭން އިންތިޒާމުކުރާ ފަރާތްތަކުން ޔޫރަޕިއަން ކޮމިޝަނަށް ގޮވާލަނީ، މި އެއްބަސްވުން ސަސްޕެންޑް ކުރުމަށް ޔޫރަޕިއަން ކައުންސިލަށް ރަސްމީ ހުށަހެޅުމެއް ހުށަހެޅުމަށެވެ. އެފަރާތްތަކުން ބުނާ ގޮތުގައި، "ހަނގުރާމައިގެ ޖަރީމާތަކާއި އިންސާނިއްޔާތާ ހިލާފު އަމަލުތަކުގެ ތުހުމަތު އޮތް ދައުލަތަކާއެކު މިފަދަ ގުޅުމެއް ދެމެހެއްޓުމަކީ އެ ގައުމުގެ އަމަލުތަކަށް ގާނޫނީ ހައިސިއްޔަތު ދިނުން ފަދަ ކަމެކެވެ."

ބްރަސަލްސްގައި ހުންނަ ޔޫރަޕްގެ ޕާލަމެންޓްގެ ސިޔާސީ ގްރޫޕްތަކެއް ގުޅިގެން ފެށި މި ހަރަކާތުގެ މައިގަނޑު މަގްސަދަކީ، ޔޫރަޕްގެ މުއައްސަސާތަކުން އިސްރާއީލާ ދެކޮޅަށް އަމަލީ ފިޔަވަޅުތަކެއް އެޅުމަށް ގާނޫނީ އަދި ސިޔާސީ ގޮތުން ޕްރެޝަރ ކުރިމަތިކުރުވުމެވެ. މި ޕެޓިޝަނަށް ބޭނުންވާ އަދަދަށް ސޮއި ހަމަވުމާއެކު، ދެން އޮންނާނީ މިކަމާ މެދު އީޔޫގެ މުއައްސަސާތަކުން ރަސްމީކޮށް ގޮތެއް ނިންމުމުގެ މަރުހަލާއެވެ.