ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތަކާއި މަޝްރޫއުތައް ކުރިއަށްގެންދިއުމުގައި، އިންތިޚާބުތަކުގައި ރައްޔިތުން ވޯޓު ދިން ގޮތަކަށް ނުބަލާނެ ކަމަށް މިނިސްޓަރ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް ޑޮކްޓަރ ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.
މި މަހުގެ 4 ވަނަ ދުވަހު ބޭއްވި ބައި-އިލެކްޝަންތަކުގައި އިދިކޮޅު ކައުންސިލަރުން އިންތިޚާބުވި ރަށްރަށުގެ މަޝްރޫއުތައް ސަރުކާރުން ކުރިއަށްގެންދާނެތޯ މެންބަރުން ވަނީ ސުވާލުކުރައްވާފައެވެ.
މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރު މުއްޠަލިބް ވިދާޅުވީ، އިދިކޮޅު ކައުންސިލަރުން އިންތިޚާބުވި ރަށްރަށުގައިވެސް ސަރުކާރުން ފަށާފައިވާ މަސައްކަތްތައް ހުއްޓުމެއް ނެތި ކުރިއަށްދާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ. އަދި ސަރުކާރުގެ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ސިޔާސީ ނަތީޖާތަކަށް ރިއާޔަތް ނުކުރާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން، ސަރުކާރުން ވެފައިވާ ކޮމިޓްމަންޓްތަކާ އެއްގޮތަށް މަޝްރޫއުތައް ނިންމުމަކީ މި ސަރުކާރުގެ މުހިންމު އަމާޒެއް ކަމަށްވެސް ވިދާޅުވިއެވެ.
ނަމަވެސް، ބައެއް މަޝްރޫއުތައް ކުރިއަށްގެންދިއުމުގައި ކައުންސިލްތަކުގެ ފަރާތުން ލިބެންޖެހޭ އެއްބާރުލުން ނުލިބުމުގެ ސަބަބުން ދަތިތަކާ ކުރިމަތިވާކަން މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ރައްޔިތުންނަށް ބޭނުންވާ ތަރައްގީގެ މަޝްރޫއުތައް އެއްވެސް ތަފާތުކުރުމެއް ނެތި ހަލުވިކަމާއެކު ކުރިއަށް ގެންދިއުން ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!