ސަރުކާރުގެ ފެން ކުންފުނި، މާލޭ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް، ހުސެއިން ފަހުމީ މިއަދު އައްޔަންކުރައްވައިފި އެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ބުނީ، އެމްޑަބްލިއުއެސްސީގެ ބޯޑު މެމްބަރުކަމަށާއި މެނޭޖިން ޑިރެކްޓަރުގެ މަގާމަށް މ. ފަތަހަ، ހުސެއިން ފަހުމީ އައްޔަންކޮށްފައިވާ ކަމަށެވެ.
އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު ހުސްވީ، ކުރިން އެ މަގާމުގައި ހުންނެވި އަބްދުލްމަތީން މުހައްމަދު 12 އޭޕްރިލް 2025 ގައި މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
ފަހުމީ އެންމެފަހުން އަދާކުރެއްވީ މިނިސްޓަރެއްގެ ފެންވަރުގައި ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕޮލިސީ އެންޑް މެނިފެސްޓޯގެ މަގާމެވެ. އެއީ ރައީސް އޮފީގެ މަގާމެކެވެ.
އެއިގެ ކުރިން ފަހުމީ ހުންނެވީ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައެވެ. މި ސަރުކާރު ވެރިކަމާ ހަވާލުވެ، ނޮވެމްބަރު 2023ގައި ސްޓެލްކޯގެ އެމްޑީކަމާއި ހަވާލުކުރި ފަހުމީ ރައީސް އޮފީހުގެ މަގާމަށް ބަދަލުކުރުމަށް ސްޓެލްކޯގެ އެމްޑީކަމުން ވަކިކުރީ 7 ސެޕްޓެމްބަރު 2025 ގައެވެ.
ފަހުމީ އަކީ 27 އަހަރަށްވުރެ ގިނަ ދުވަހު ސްޓެލްކޯގައި ޚިދުމަތް ކުރަށްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ އެ ކުންފުނީގެ އެކި ފަންތީގެ މަގާމުތަކުގައި ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރައްވާފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!