އެތައް ސަބަބުތަކަކާހުރެ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަކީ ކޮންމެހެން ކުރަންޖެހިފައިވާ ކަމެއް ކަމަށް މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޝަލް ޕެލަސް އިޤްބާލް އާދަމް މިއަދު ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިޚާބާއި، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބިލް ރައީސުލް ޖުމްހޫރިއްޔާ ތަސްދީގުކުރަން ފެނޭތޯ އަންނަ އޭޕްރިލް މަހުގެ 4 ވަނަ ދުވަހު ރައްޔިތުންގެ ވޯޓެއް ނަގާނެއެވެ.
ހއ. ވަށަފަރުގައި ހުންނަވައި، މި ވޯޓާއި ގުޅިގެން މިނިސްޓަރު އިޤްބާލު އާންމުކުރެއްވި ކުރު މެސެޖެއްގައި ވިދާޅުވީ، ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަކީ ދައުލަތުން ހޭދަވާ ފައިސާ އާއި، ވަގުތާއި، އިންސާނީ ވަސީލަތްތައް ސަލާމަތްކުރުމަށް މުހިންމު ކަމެއް ކަމަށެވެ. އަދި މީގެ އިތުރުން އިޖުތިމާއީ ހަމަޖެހުމާއި، ރައްޔިތުންގެ މެދުގައި އޮންނަންޖެހޭ އެކުވެރިކަމާއި އުޚުއްވަތްތެރިކަން އާލާކުރުމަށް ވެސް މި ބަދަލު ގެންނަންޖެހޭ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އިޤްބާލް އިތުރަށް ވިދާޅުވީ، މިހާތަނަށް އިންތިޚާބުތައް ވަކިވަކިން ބޭއްވުމުގެ ސަބަބުން ކުރިން ދެންނެވި ކަންކަމުން އެތައް ގުނައެއްގެ ގެއްލުން ތަޖުރިބާ ކުރަންޖެހިފައިވާ ކަމަށެވެ. އެހެންކަމުން މި ބަދަލަކީ ގައުމުގެ މަސްލަހަތަށްޓަކައި ކޮންމެހެން ގެންނަންޖެހޭ ބަދަލެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.
''ދެ އިންތިޚާބު އެއް ދުވަހެއްގައި މި ޤައުމުގައި ބޭއްވުމަކީ ކޮންމެހެން ވެސް ކުރަންޖެހިފައިވާ ކަމެއް، އެތައް ސަބަބުތަކަކާހުރެ، ހޭދަވާ އެތައް ފައިސާ އާއި، ވަގުތާއި، އިންސާނީ ވަސީލަތައި، އެނޫންވެސް އެތައް ވަސީލަތްތަކާއި، އިޖުތިމާއީ ހަމަޖެހުމާއި، އަޅުގަނޑުމެންގެ އެކަކު އަނެކަކުގެ މެދުގައި އޮންނަންޖެހޭ އެކުވެރިކަމާއި އުޚުއްވަތްތެރިކަމާއި، އަޚުވަންތަކަމުގެ ރޫޙް އާލާކުރުމަށް ވެސް މިކަން ކުރަންޖެހޭނީ،'' އިގްބާލް ވިދާޅުވެފަވެއެވެ.
މި ބަދަލަށް އިދިކޮޅު އެމްޑީޕީ ފިޔަވައި ރާއްޖޭގެ މައި ހުރިހާ މައިގަނޑު ސިޔާސީ ޕާޓީތަކުން ވަނީ ތާއީދުކޮށްފައެވެ. އޭގެ ތެރޭގައި ޖުމްހޫރީ ޕާޓީ، އެމްޑީއޭ އަދި އަދާލަތު ޕާޓީ ހިމެނެއެވެ. މީގެ އިތުރުން ސިޔާސީ ދާއިރާގެ އިސް ބޭފުޅުން ކަމަށްވާ ޤާސިމް އިބްރާހީމާއި، ކުރީގެ މަޖިލީހުގެ ރައީސް މުހައްމަދު ޝިހާބާއި، ކުރީގެ ބަންޑާރަނައިބު ދިޔާނާ ސައީދާއި، ކުރީގެ މާލޭގެ މޭޔަރު ސަރަނގު އާދަމް މަނިކު އަދި އެމްޑީޕީގެ މިދިޔަ ސަރުކާރުގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވެސް ވަނީ މި ބަދަލަށް ތާއީދުކުރައްވާކަން ހާމަކުރައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!