އީރާނުގެ ވެރިރަށް ތެހެރާނަށް އަމާޒުކޮށް އިސްރާއީލުން ދިން ވަރުގަދަ ހަމަލާއެއްގައި، އެ ގައުމުގެ އިންޓެލިޖެންސް މިނިސްޓަރު އިސްމާއިލް ޚަތީބު އަވަހާރަކޮށްލާފައިވާ ކަމަށް އިސްރާއީލުގެ ޑިފެންސް މިނިސްޓަރު ބުނެފިއެވެ.
އިސްރާއީލުގެ ޑިފެންސް މިނިސްޓަރު މިހެން ބުނެފައިވާއިރު، އިސްރާއީލް ޑިފެންސް ފޯސަސް (އައި.ޑީ.އެފް) އިން ވެސް ވަނީ ޚަތީބު އަވަހާރަކޮށްލާފައިވާ ކަމަށް ބުނެފައެވެ.
އައި.ޑީ.އެފް އިން ބުނި ގޮތުގައި، ޚަތީބުގެ ބެލުމުގެ ދަށުން ހިންގާ އިންޓެލިޖެންސް މިނިސްޓްރީއަކީ އީރާނު ސަރުކާރުގެ ހަރަކާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރާ އިދާރާއެކެވެ. އަދި ފަހަކަށް އައިސް އީރާނުގައި ކުރިއަށްދިޔަ މުޒާހަރާތައް ހުއްޓުވުމަށް ޚަތީބު އިސް ދައުރެއް އަދާކޮށްފައިވާ ކަމަށްވެސް އިސްރާއީލުން ތުހުމަތުކުރެއެވެ.
ޚަތީބު އަވަހާރަވި ކަމަށް ފެތުރޭ ޚަބަރުތަކާ ގުޅޭގޮތުން އީރާނުން އަދި ރަސްމީކޮށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.
އިސްރާއީލުގެ ދިފާއީ ވަޒީރު އިސްރާއީލް ކަޓްޒް ވިދާޅުވި ގޮތުގައި، ރޭ ދިން ހަމަލާގައި ޚަތީބުގެ އިތުރުން އެ މިނިސްޓްރީގެ އިސް ބައެއް ބޭފުޅުންވެސް ވަނީ އަވަހާރަކޮށްލާފައެވެ.
މި ފަހަކަށް އައިސް އިސްރާއީލުން އީރާނާއި ލުބުނާނަށް ދެމުންގެންދާ ހަމަލާތައް ވަނީ ވަރަށް ބޮޑަށް ވަރުގަދަކޮށްފައެވެ. މި ހަމަލާތަކުގައި އެތައް ބަޔަކު މަރުވެ، ގިނަ ބަޔަކު ޒަޚަމްވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
އީރާނުގެ ސަލާމަތީ ކަންކަމާ ބެހޭ އިސްވެރިޔާ އަލީ ލާރިޖާނީ އާއި ބަސީޖް ފޯސްގެ ކޮމާންޑަރު ޣުލާމްރިޒާ ސުލައިމާނީ އަވަހާރަކޮށްލުމާ ގުޅިގެން، އޭގެ ބަދަލުހިފުމުގެ ގޮތުން އީރާނުން ވެސް ދަނީ އިސްރާއީލަށް ހަމަލާތައް ދެމުންނެވެ. މި ހަމަލާތަކުގައި އިސްރާއީލުން މަދުވެގެން ދެ މީހަކު މަރުވެފައިވާ ކަމަށްވެއެވެ.
އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީ ވިދާޅުވީ، ތެހެރާނުގެ ސިޔާސީ ނިޒާމަކީ ވަރުގަދަ ނިޒާމެއް ކަމަށާއި، އިސްވެރިން އަވަހާރަކޮށްލުމަކީ ގައުމުގެ ކުރިއެރުމަށް ހުރަސް އެޅޭނެ ކަމެއް ނޫން ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!