އެމެރިކާއާއި އިޒްރޭލުން ފޮނުވާފައިވާ ގިނަ އަދަދެއްގެ ސްޓާލިންކް ސެޓެލައިޓް ސިސްޓަމްތަކެއް އީރާނުގެ އިންޓެލިޖެންސް މިނިސްޓްރީން ހޯދައި، ދައުލަތުގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އެ މިނިސްޓްރީން އަންގާރަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ކުރިއަރާފައިވާ ޓެކްނޮލޮޖީގެ އެހީގައި މި ސެޓެލައިޓްތައް ހުރި ތަންތަން ދެނެގަނެވިފައިވާ ކަމަށެވެ. އަދި ދުޝްމަނުންގެ ބޭނުންތަކަށް ފޯރުކޮށްދީފައިވާ މިފަދަ ހުރިހާ ސެޓެލައިޓް ޓާމިނަލްތަކެއް ހޯދައި ނިމެންދެން، މިނިސްޓްރީގެ އޮޕަރޭޝަންތައް ކުރިއަށްދާނެ ކަމަށްވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

Ad
rt

މީގެ އިތުރުން، ޣައިރުގާނޫނީ ގޮތެއްގައި ސްޓާލިންކް ސެޓެލައިޓް ފޯރުކޮށްދިނުމާއި ބޭނުންކުރުމަކީ ކުށެއް ކަމަށާއި، ހަނގުރާމައިގެ ވަގުތުތަކުގައި މިފަދަ ވަސީލަތްތައް ބޭނުންކުރާ ފަރާތްތަކަށް، ހާއްސަކޮށް ދުޝްމަނުންގެ އެޖެންޓުންނަށް، އެންމެ ހަރުކަށި އަދަބު ދެވޭނެ ކަމަށް މިނިސްޓްރީން ވަނީ އިންޒާރު ދީފައެވެ.

އެމެރިކާއާއި އިޒްރޭލުން ވައިގެ މަގުން އީރާނަށް ހަމަލާދޭން ފަށާފައިވަނީ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހުއެވެ. މީގެ ކުރިން 2025 ވަނަ އަހަރުގެ ޖޫން މަހުވެސް މި ދެ ގައުމުން އީރާނަށް ހަމަލާދީފައިވާއިރު، އީރާނުގެ އިސްލާމީ ޖުމްހޫރިއްޔާގެ އަސްކަރިއްޔާއިން ދިން ވަރުގަދަ ރައްދާއެކު، އެ ފަހަރު ވަނީ ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް އެ ގައުމުތަކަށް މަޖުބޫރުވެފައެވެ.

އީރާނުން މިހާރުވެސް ދަނީ ދުޝްމަނުންނަށް ވަރުގަދަ ރައްދެއް ދެމުންނެވެ. އެގޮތުން، އިޒްރޭލުން ހިފާފައިވާ ބިންތަކަށާއި، މި އުދުވާނުގައި ބައިވެރިވާ ސަރަހައްދީ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް، ގިނަ އަދަދެއްގެ މިސައިލާއި ޑްރޯން ހަމަލާތައް ދަނީ ފޮނުވަމުންނެވެ.