މޮރޮކޯގައި ބޭއްވި 2025 ވަނަ އަހަރުގެ އެފްރިކާ ކަޕް އޮފް ނޭޝަންސް (އެފްކޮން) މުބާރާތުގެ ފައިނަލް މެޗުން ސެނެގާލް މޮޅުވި މޮޅުވުން ކޮންފެޑެރޭޝަން އޮފް އެފްރިކަން ފުޓްބޯލް (ކެފް) އިން ބާތިލުކޮށް، އެ މުބާރާތުގެ ޗެމްޕިއަންކަން މޮރޮކޯއަށް ދިނުމަށް ނިންމައިފިއެވެ.

ކެފްގެ އެޕީލް ބޯޑުން އަންގާރަ ދުވަހު ނެރުނު ރަސްމީ ނިންމުމުގައި ބުނެފައިވަނީ، އެފްކޮން ގަވާއިދުގެ 84 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެ މަތިން، 2025 ވަނަ އަހަރުގެ ފައިނަލް މެޗުން ސެނެގާލް ބަލިވެފައިވާ ކަމަށް ކަނޑައަޅާފައިވާ ކަމަށެވެ. ކެފްއިން މިގޮތަށް ނިންމީ ސެނެގާލުން އެ މެޗު ދޫކޮށްލާފައިވާ ކަމަށް ބަލައިފައެވެ.

Ad
rt

މި ނިންމުމާއެކު، މެޗުގެ ރަސްމީ ނަތީޖާއަކީ 3-0 އިން މޮރޮކޯ މޮޅުވުން ކަމުގައި މިހާރު ވަނީ ރެކޯޑު ކުރެވިފައެވެ.

މި މައްސަލަ އުފެދުނީ މިދިޔަ ޖެނުއަރީ 18 ވަނަ ދުވަހު މޮރޮކޯގެ ރަބާތުގައި ކުޅުނު ފައިނަލް މެޗުގައެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު އެއްވެސް ލަނޑެއް ނުޖެހި އޮއްވައި، އިތުރު ވަގުތުގެ ތެރޭގައި ސެނެގާލުން ލަނޑެއް ޖަހައި 1-0 އިން މެޗު ކާމިޔާބު ކުރިއެވެ. ނަމަވެސް އެ މެޗުގެ ފަހުކޮޅު ވަނީ ބޮޑު ހަމަނުޖެހުމެއް ހިނގާފައެވެ.

މޮރޮކޯއާ ދެކޮޅަށް ކުޅުނު ފޯރިގަދަ އަދި ހަލަބޮލި ފައިނަލަށްފަހު ސެނެގާލުން ތަށި އުފުލާލައިފި

ހަމަނުޖެހުން ހިނގަން މެދުވެރިވީ މެޗުގެ ފުރިހަމަ ވަގުތުގެ ތެރޭގައި މޮރޮކޯއަށް ޕެނަލްޓީއެއް ދިނުމާ ގުޅިގެންނެވެ. އެ ނިންމުމާ މެދު ހިތްހަމަނުޖެހުން ފާޅުކޮށް ސެނެގާލްގެ ކުޅުންތެރިން ވަނީ ދަނޑުން ފައިބާފައެވެ. ގާތްގަނޑަކަށް 15 މިނެޓުގެ މެދުކެނޑުމަކަށްފަހު އަލުން ކުޅުން ފެށި ނަމަވެސް، މޮރޮކޯއިން ފޮނުވާލި ޕެނަލްޓީ ވަނީ ނާކާމިޔާބުވެފައެވެ. ސެނެގާލުން މޮޅުވި ލަނޑު ޖެހީ އޭގެ ފަހުން ކުޅުނު އިތުރު ވަގުތުގައެވެ.

މޮރޮކޯގެ ފުޓްބޯޅަ ފެޑެރޭޝަނުން މި މައްސަލަ ކެފްއަށް އެޕީލް ކުރީ، މެޗުގެ ތެރެއިން ސެނެގާލްގެ ކުޅުންތެރިން ދަނޑުން ފޭބުމަކީ މުބާރާތުގެ ގަވާއިދާ ކަނޑައެޅިގެން ޚިލާފު ކަމެއް ކަމަށް ބުނެއެވެ. ކެފްގެ އެޕީލް ބޯޑުން މޮރޮކޯގެ ޝަކުވާ ބަލައިގަނެ، ކުރީގެ ނިންމުން ބާތިލުކޮށް، ސެނެގޯލް ބަލިވި ކަމަށް ކަނޑައަޅައި މޮރޮކޯއަށް 3-0 އިން މެޗު ކާމިޔާބުވި ކަމަށް މިހާރު ވަނީ ނިންމާފައެވެ. މިއާއެކު 2025 ވަނަ އަހަރުގެ އެފްކޮން ތަށި ސެނެގާލް އަތުން ގެއްލި، މޮރޮކޯއަށް ވަނީ ލިބިފައެވެ.