ރާއްޖެއަށް ޑޮލަރުގެ ތާށިކަމެއް ނެތް ކަމަށާއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުފުޅެއް ނަމަ އެކަން އެގޮތަށް ކުރިއަށްދާނެކަމުގެ ޔަގީން އިގްތިސާދީ ތަރައްގީއާ ވިޔާފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ރާއްޖެއިން ބޭރަށް ފުރާ ކޮންމެ ދިވެއްސަކަށް އެއާޕޯޓުން ދޫކުރަމުންދާ 500 ޑޮލަރު 1،000 ޑޮލަރަށް އިތުރުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ 2024 ވަނަ އަހަރު ސަރުކާރަށް އެއް އަހަރު ފުރުން ފާހަގަކުރަން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނެވެ. ރައީސް ވިދާޅުވީ ޑޮލަރު މާރުކުރުމުގެ ގަވާއިދު ރަނގަޅަށް ތަންފީޒުކުރެވޭނަމަ މި އަހަރުގެ ފުރަތަމަ ކުއާޓަރުން ފެށިގެން ބޭރަށް ފުރާ ކޮންމެ ދިވެއްސަކަށް 1،000 ޑޮލަރު ދޫކުރެވޭނެ ކަމަށެވެ.

Ad
rt

އިގްތިސާދީ ތަރައްގީއާ ވިޔާފާރިއާ ބެހޭ ވުޒާރާއިން އިއްޔެ ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި މިކަމާ ގުޅޭގޮތުން ކުރެއްވި ސުވާލަކަށް ދެއްވި ޖަވާބުގައި ވަޒީރު މުޙައްމަދު ސައީދު ވިދާޅުވީ މި ރަމަޟާން މަހު މުދާ އިމްޕޯޓު ކުރާ ފަރާތްކުން ޓީޓީ ހިފައިގެން ދިއުމުން ހަފްތާއަކު 1.2 މިލިއަން ޑޮލަރާ ހަމައަށް 15.42 ގެ ރޭޓުން ޑޮލަރު ދޫކުރަމުން އަންނަ ކަމަށެވެ.

"ރައީސް ވިދާޅުވި ގޮތަށް އެރެއިންޖުމަންޓުތައް ބޭންކު އޮފް މޯލްޑިވްސް އިން ވާނީ ހަމަޖައްސާދީފައި. އަދި ހަމަނުޖެހޭ ކަމެއް މުސްތަގުބަލުގަައި ހަމަޖެހެން އޮތް ކަމެއް އެ ވިދާޅުވާ ގޮތަކަށް ހަމަޖެހެމުން ދާނެ. އެ އޮތް ޑެޑްލައިންތަކަށް އިނގޭތޯ. އެއަކު ނެތް އެއްވެސް އިތުރު ކަންބޮޑުވުމެއް." ސައީދު ވިދާޅުވި އެވެ.

އިއްޔެއާ ހަމައަށް މި ސަރުކާރުން ވައުދު ނުފުއްދާ ނޯންނާނެކަމަށް ސައީދު ވިދާޅުވި އެވެ.

ބޭރުފައިސާގެ ތާށިކަމާއެކު، ސަރުކާރުން ނިޒާމީ ގޮތެއްގައި ދޫކޮށްލެއްވިފައި އޮތް ބޭރުފައިސާގެ ކަޅު ބާޒާރުގެ މައްސަލަ ހައްލުކުރުމަށް ވަނީ ފަށާފަ އެވެ. މީގެ ސަބަބުން ސަރުކާރު ހިއްސާވާ ކުންފުނިތައްވެސް މި ބާޒާރަށް ބާރޯސާވުން ހުއްޓުވުމަކީ ސަރުކާރުގެ އަމާޒެކެވެ. ސަރުކާރުން އަލަށް ތައާރަފުކުރި ބޭރު ފައިސާގެ ގާނޫނު ތަންފީޒު ކުރަން ފަށާފައިވަނީ މި ދިޔަ އަހަރު އެވެ.