އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގެ ޓީޗަރުންނަށް އިރުމަތީ ގުދުސްއަށް ވަނުން މަނާކުރުމާ ގުޅިގެން، އެ ސިޓީގެ މަދުވެގެން 25,000 ދަރިވަރުން ކިޔެވުން ހުއްޓާލައި އިހުތިޖާޖުގައި ބައިވެރިވާން ފަށައިފިއެވެ.
މި އިހުތިޖާޖަށް ގޮވާލާފައިވަނީ ގުދުސްގައި ހުންނަ ނަސާރާ ތައުލީމީ މުއައްސަސާތަކުގެ ޖެނެރަލް ސެކްރެޓޭރިއަޓުންނެވެ. އަދި ފަހުން އިރުމަތީ ގުދުސްގެ ހުރިހާ އަމިއްލަ ސްކޫލްތަކަކުން ވަނީ މި ހަރަކާތުގައި ބައިވެރިވެފައެވެ.
މި ހަރަކާތް ފެށުނީ ހުޅަނގު އައްސޭރީގެ ޓީޗަރުންނަށް މަސައްކަތް ކުރުމުގެ ހުއްދަ ދޭ ދުވަސްތަކުގެ އަދަދު މަދުކުރުމަށް އިސްރާއީލުން ނިންމި ނިންމުމާ ގުޅިގެންނެވެ. އިސްރާއީލުގެ ގަވާއިދުތައް ބުނާގޮތުން، ހުޅަނގު އައްސޭރިއާއި އިރުމަތީ ގުދުސް ވަކިކުރާ ފާސްތަކުން ހުރަސްކުރުމަށް ފަލަސްތީނު މީހުން އިސްރާއީލުގެ އަސްކަރިއްޔާގެ ހުއްދަ ހޯދަންޖެހެއެވެ.
ފަލަސްތީނިއަން ނޭޝަނަލް އިނީޝިއޭޓިވް ޕާޓީގެ ސެކްރެޓަރީ ޖެނެރަލް މުސްތަފާ ބަރްޣޫތީ ބުދަ ދުވަހު ވިދާޅުވީ، ނަސާރާ ދީނުގެ 13 ސްކޫލަކުން މިހާރުވެސް އިހުތިޖާޖުގައި ބައިވެރިވަމުންދާ ކަމަށާއި، އިތުރު ސްކޫލްތަކުންވެސް އެކަމަށް ތައްޔާރުވަމުންދާ ކަމަށެވެ.
"މީގެ ސަބަބު ހަމައެކަނި ޓީޗަރުންގެ މައްސަލައަށްވުރެ މާ ފުން. މިއީ އިސްރާއީލުން މަޖުބޫރުކޮށްގެން އަމަލުކުރަމުންދާ ޣައިރު ގާނޫނީ ގަވާއިދުތަކާ މެދު އޮތް ނުރުހުން ހާމަކޮށްދޭ ކަމެއް،" އިތުރު ތަފްސީލެއް ދެއްވުމެއް ނެތި އޭނާ އެކްސްގައި ލިޔުއްވާފައިވެއެވެ.
ޓައިމްސް އޮފް އިސްރާއީލުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އަމިއްލަ ސްކޫލެއް ކަމަށްވާ ސެއިންޓް ޖޯޖްސް ސްކޫލްގެ ޑައިރެކްޓަރު ރިޗަޑް ޒަނާނީރީ ވިދާޅުވީ، މި ހުރަސްތަކުގެ ސަބަބުން އެ ސިޓީގެ ހުރިހާ އަމިއްލަ ސްކޫލްތަކެއްގައި މަސައްކަތްކުރާ ގާތްގަނޑަކަށް 300 ޓީޗަރުންގެ ތެރެއިން ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މީހުންނަށް އަސަރުކުރާ ކަމަށެވެ.
"ކުދިން ގޭގައި ތިބެން ޖެހުމަކީ އަހަރެމެން އުފާވާ ކަމެއް ނޫން،" ޒަނާނީރީ ވިދާޅުވިއެވެ. އަދި ސްކޫލްތަކުގެ ހަރަކާތްތައް އަލުން ފެށޭތޯ އިސްރާއީލުގެ ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާ ކުރަމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ފަލަސްތީނުގެ ނިއުސް އެޖެންސީ 'ވަފާ' އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ފަލަސްތީނުގެ މިނިސްޓްރީ އޮފް އެޑިއުކޭޝަން އެންޑް ހަޔަރ އެޑިއުކޭޝަނުން ވަނީ އިސްރާއީލުގެ މި ފިޔަވަޅަކީ ތައުލީމު އުނގެނުމުގެ ހައްގަށް އަރައިގަތުން ކަމަށް ބުނެ އެކަން ވަރަށް ބޮޑަށް ކުށްވެރިކޮށްފައެވެ. އެ ރިޕޯޓުގައިވާ ގޮތުން، މިނިސްޓްރީން ތުހުމަތުކުރާ ގޮތުގައި އިސްރާއީލުގެ މި އަމަލުތަކަކީ އިރުމަތީ ގުދުސްގައިވާ ފަލަސްތީނުގެ ވަންތަކަން ނައްތާލުމަށް ހިންގާ ސިލްސިލާ ސިޔާސަތެއްގެ ބައެކެވެ.
އިސްރާއީލުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ފަލަސްތީނު ރެފިއުޖީންނަށް އެހީތެރިވާ އދ. ގެ އެޖެންސީ (އުންރުވާ) އިން ހިންގާ ހަ ސްކޫލެއްވެސް ވަނީ ބަންދުކޮށްފައެވެ. އޮކްޓޯބަރު 7، 2023 ގައި އިސްރާއީލަށް ދިން ހަމަލާތަކުގައި އުންރުވާ ބައިވެރިވި ކަމަށް އެއްވެސް ހެއްކެއް ނެތި އިސްރާއީލުން ތަކުރާރުކޮށް ދަނީ ތުހުމަތު ކުރަމުންނެވެ.
މިދިޔަ އޮކްޓޯބަރު މަހު އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައި.ސީ.ޖޭ) އިން ނެރުނު ލަފާގައި ބުނެފައިވަނީ، އުންރުވާ އިން ހިންގާ ހަރަކާތްތައް ހިމެނޭހެން، ގައްޒާގައި އދ. އިން ކުރިއަށްގެންދާ އެހީގެ މަސައްކަތްތަކަށް އިސްރާއީލުން އެއްބާރުލުން ދޭންޖެހޭނެ ކަމަށެވެ. އަދި އުންރުވާއާ ދެކޮޅަށް އިސްރާއީލުން ކުރާ ތުހުމަތުތަކަކީ އެއްވެސް އަސާސެއް ނެތް ތުހުމަތުތަކެއް ކަމަށްވެސް ކޯޓުން ވަނީ ކަނޑައަޅާފައެވެ.
މީގެ އިތުރުން، ގައްޒާ ހިފާފައިވާ ބާރުގެ ހައިސިއްޔަތުން، އެތަނުގެ ރައްޔިތުންގެ "އަސާސީ ބޭނުންތައް" ކަމަށްވާ ކާބޯތަކެއްޗާއި، ފެނާއި، ބޯހިޔާވަހިކަމާއި، ތެލާއި ބޭސް ފަދަ ދިރިހުރުމަށް ކޮންމެހެން ބޭނުންވާ ތަކެތި ލިބޭނެކަން އިސްރާއީލުން ކަށަވަރުކޮށްދޭން ޖެހޭނެ ކަމަށްވެސް ކޯޓުން ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!