ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕެއިން އިފްތިތާހުކުރުމަށް އެމްޑީޕީން ބޭއްވި "ރަށްވެހި ފަތިސް" ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، ވަށަފަރުން ނަމަވެސް ވަޑައިގެން މުއިއްޒު، މާލޭގެ ރައްޔިތުންގެ ގާތު ވޯޓެއް ހޯދަން އެދިވަޑައިގަތަސް އެ މީހުން ވޯޓު ނުދޭނެ ކަަމަށާއި ވަޒީރު ކަމުގައި މާލެ އަށް ހެއްދެވި ގޮތް އެންމެންނަށް އެނގޭ ކަމަށެވެ.
ރައީސް ނަޝީދު ގެ މިވާހަކައަށް ރައްދު ދެއްވަމުން ޑރ މުއިއްޒު ވިދާޅުވީ ހއ. ވަށަފަރަށް އޭނާ ނިސްބަތް ކުރައްވައި، މާލޭގެ ރައްޔިތުންގެ ވޯޓެއް ނުލިބޭނެ ކަމަށް ވިދާޅުވެ، ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅުތަކުގައި ހަގީގަތެއް ނެތް ކަމަށާއި އެއީ އެންޓި ކެމްޕޭން ކަމަށެވެ.
ޕީޕީއެމުން ރޭ ބޭއްވި ޖަލްސާގައި މުއިއްޒު ވިދާޅުވީ، ނަޝީދުގެ އެ ވާހަކަފުޅު ހަގީގަތާ ޚިލާފު ކަމަށާއި ބައްޕައަކީ ފަޚުރުވެރިކަމާ އެކު ހއ. ވަށަފަރުގެ ދަރިއެއް ކަމަށާއި އެކަމަށް ވަރަށް ފަޚުރުވެރިވާކަމަށެވެ.
"އަޅުގަނޑުގެ މަންމަ އަކީ މާލޭ މީހެއް. މާލޭ ރައްޔިތެއް، ރަށްވެއްސެއް. އަޅުގަނޑުގެ މަންމަގެ އާއިލާ އަކީ މާލޭގެ އާއިލާއެއް. މުނިކާފައިން ފެށިގެން އެ އަށް ވުރެން ވެސް ދުރަށް މާލޭގެ ރައްޔިތުން އަޅުގަނޑުގެ މަންމަގެ އާއިލާ އަކީ."
ޕީޕީއެމްގެ ނައިބު ރައީސް މުއިއްޒު ވިދާޅުވި އެެވެ.
މުއިއްޒު، ރައީސް ނަޝީދުގެ ވާހަކަފުޅު ސިފަކުރެއްވީ މާލެ އާއި އަތޮޅުތައް ތަފާތު ކުރެއްވުން ކަމުގައެވެ.
މުއިއްޒު މިހެން މި ވިދާޅުވީ ހުކުރު ދުވަހުގެ ރޭ ކާނިވާ ސަރަހައްދުގައި އެމްޑީޕީން ބޭއްވި ޖަލްސާގައި މަޖިލީހުގެ ރައީސް، އަދި އެމްޑީޕީގެ ވެސް ރައީސް ނަޝީދު މުއިއްޒަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައި އޮއްވަ އެވެ. އެމަނިކުފާނު އެ ޖަލްސާގައި ވަނީ މުއިއްޒަށް "ހޮޅި މުއިއްޒު"ގެ ނަމުން ވަނަމެއް ވެސް ދެއްވައިފަ އެވެ.
"މި މާލެ މިފަހުން ހަލާކުކޮށްލުމުގައި އެންމެ އިސްކޮށް ހުރީ އެ ހޮޅިމުއިއްޒު. އެންމެ އިސްކޮށް ހުރީ އެ ހޮޅި މުއިއްޒު،" ކޯފާވެ ހުންނަވައި ދެއްކެވި ވާހަކަފުޅުގައި ނަޝީދު ވިދާޅުވެފައި ވެ އެވެ.
މާލެ އާއި ރަށްރަށާއި ރާއްޖޭގެ އެއް ރަށާއި އަނެއް ރަށުގެ ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެދޭ ގޮތަށް އެއްވެސް ބޭފުޅަކު ވާހަކަ ނުދެއްކެވުމަށް މަޖިލިސް ރައީސް ވަނީ މީގެކުރިން އެދިވަޑައިގެންފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!