ރުބެއްލާ އަދި ހިމަބިހީގެ ޑޯޒް ހަމަނުކުރާ ހުރިހާ އެންމެނަށް އަމާޒުކޮށްގެން "މަވެސް ޖަހައިފިން" ނަމުގައި ގައުމީ ފެންވަރުގެ ކެމްޕެއިނެއް މިއަދު ފަށައިފި އެވެ.
މުޅި ރާއްޖެއަށް އަމާޒުކޮށްގެން މިއަދު އެ ކެމްޕެއިން ފަށާފައި ވަނީ އަމީނިއްޔާ ސްކޫލުގަ އޮތް ރަސްމިއްޔާތެއްގައިއެވެ. އެ ކެމްޕެއިން ރަސްމީކޮށް ފައްޓަވައިދެއްވާފައި ވަނީ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އެވެ.
އެ ކެމްޕެއިންގެ ދަށުން ހިމަބިހި ވެކްސިންގެ ދެ ޑޯޒް ހަމަކޮށްފައި ނުވާ މީހުންގެ ތެރެއިން މާލޭގައި ދިރިއުޅޭ ހުރިހާ އެންމެނަށް ވެކްސިން ޖެހުމުގެ ފުރުސަތު މިއަދުން ފެށިގެން ލިބިގެންދާނެ އެވެ. އަދި ކުރިއަށް އޮތްތަނުގައި އެ ކެމްޕެއިން އަތޮޅުތަކުގައި ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ކަމަށް ހެލްތު މިނިސްޓްރީއިން ބުނެ އެވެ.
Press release providing details on #mavesjahaifin campaign
Check out the MR vaccination schedule: pic.twitter.com/CSddy6MavM
— Health Protection Agency (@HPA_MV) February 24, 2020
މިއަދުގެ ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު އަމީން ދެއްކެވި ވާހަކަފުޅުގައި ވަނީ ވެކްސިން ޖެހުމުގެ ކަންކަމުގައި ފަރުވާ ކުޑަ ނުކުރުމަށް އިލްތިމާސްކުރައްވާފަ އެވެ. މިއަދު ފެށި ކެމްޕެއިން އަކީ ސްކޫލުތަކުގެ ދަރިވަރުންގެ އިތުރުން ވަޒީފާތަކުގައި އުޅުއްވާ ފަރާތްތަކުގެ އިތުރުން އެހެން ހުރިހާ ފަރާތްތަކަށް ވެސް އަމާޒުކޮށްގެން ކުރިއަށް ގެންދާ ކެމްޕެއިނެއް ކަމަށްވެސް މިނިސްޓަރު އަމީން ވިދާޅުވިއެވެ.
ހިމަބިހި ރާއްޖެއިން ނައްތާލާފައިވަނިކޮށް އެ ބަލި އަނެއްކާވެސް ފެނިފައިވަނީ މިދިޔަމަހުގެ އަށްވަނަ ދުވަހު އެވެ. އެބައްޔަށް ފުރަތަމަ ޕޮޒިޓިވް ވެފައިވަނީ ހުޅުމާލޭގައި ދިރިއުޅޭ އުމުރުން ތިން އަހަރުގެ ކުއްޖެެއްގެ ގައިންނެވެ. ހެލްތު މިނިސްޓްރީއިން ދާދިފަހުން އާންމުކުރި ގޮތުގައި އެ ބަލި ޖެހިފައިވާ މީހުންގެ އަދަދު ވަނީ 12 އަށް އަރައިފަ އެވެ.
ހިމަބިއްސަކީ ގައިންގަޔަށް އަރާ، ފަސޭހައިން ފެތުރޭ ބައްޔެކެވެ. އެބަލީގެ ސަބަބުން ލޮލުން ފެން އައުމާއި ގަދަޔަށް ހުންއައިސް ގައިގައި ބިހި ނެގުން ފަދަ ކަންތައް ދިމާވެ އެވެ. މިބަލިން ރައްކާތެރިވުމަށް މީސްލްސް ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރަންޖެހެ އެވެ.
ހިމަބިހި މިފަހުން ފެތުރެން ފެށިފަހުން ރާއްޖޭގައި މިހާތަނަށް 7900 މީހުންނަށް ވަނީ ވެކްސިން ދީފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!