ކުރީގެ ރައީސުންނަށް ދައުލަތުން ދޭ އޮފީސް ހިންގުމުގެ ޚަރަދު ކުޑަކުރުމަށްފަހު، ކުރީގެ ނައިބު ރައީސުންނަށް ޢިނާޔަތްތަކެއް ދިނުމަށްޓަކައި ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައްޔިތުންމެ މަޖިލީހުން ފާސްކޮށްފިއެވެ.
މި ބިލަކީ ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާއި އިނާޔަތްތަކާ ބެހޭ ޤާނޫނަށް ގެނައި އިސްލާހެކެވެ.
ސަރުކާރުގެ ފަރާތުން މި އިސްލާޙު ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދުއެވެ. ނޮވެންބަރު 27 ގައި މަޖިލީހަށް ހުށަހެޅި މި ބިލު ފާސްވީ، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 68 މެންބަރުންގެ އިއްތިފާޤުންނެވެ.
މި އިސްލާޙުތަކުގެ ދަށުން ކުރީގެ ރައީސުންނަށް ދެވޭ ބައެއް ޢިނާޔަތްތައް ވަނީ އުނިކޮށްފައެވެ. އެގޮތުން، ކުރީގެ ރައީސުންގެ އޮފީސް ހިންގުމަށް ދައުލަތުން ކޮންމެ މަހަކު ދެމުން އައި 175،000 ރުފިޔާ ދިނުން ހުއްޓާލުމަށް ވަނީ ނިންމާފައެވެ. މީގެ އިތުރުން ރައީސްކަން ކުރެއްވި ބޭފުޅަކު ދެވަނަ ދައުރަކަށް އިންތިޚާބުވުމުގެ އިތުރުން، ދައުލަތުގެ އެހެން މަޤާމަކަށް އައްޔަން ކުރެވިއްޖެނަމަވެސް، އެ މަޤާމެއްގައި ހުންނަ މުއްދަތުގައި ޤާނޫނުން ދޭ ޢިނާޔަތްތައް މެދުކަނޑާލުމަށް ވަނީ ބަޔާންކޮށްފައެވެ. ކުރިން ޢިނާޔަތް މެދުކަނޑާލަން ޖެހެނީ ހަމައެކަނި ދެވަނަ ދައުރަކަށް އިންތިޚާބުވުމުންނެވެ.
ކުރީގެ ރައީސުންނަށް ދޭ ޢިނާޔަތްތަކަށް ބަދަލު ގެނައުމުގެ އިތުރުން، ނައިބު ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް ވެސް ޢިނާޔަތް ދިނުމަށް މި ބިލުގައި ހިމަނާފައިވެއެވެ. ނަމަވެސް، ޢިނާޔަތް ދޭންޖެހޭނީ ހަމައެކަނި 5 އަހަރުގެ ދައުރު ފުރިހަމަ ކުރާ ނައިބު ރައީސުންނަށް ކަމަށް ބަޔާންކޮށްފައިވެއެވެ. މި އުޞޫލުން ބަލާއިރު، މިހާތަނަށް ދައުރު ފުރިހަމަ ކުރެއްވީ ހަމައެކަނި ފައިޞަލް ނަސީމެވެ. ކޮމިޓީން ވަނީ ނައިބު ރައީސުންނަށް މަހަކު 30،000 ރުފިޔާގެ ޢިނާޔަތެއް ދިނުމަށް ނިންމާފައެވެ. ކުރިން ހުށަހެޅިފައި އޮތީ މަހަކު 25،000 ރުފިޔާގެ ޢިނާޔަތެކެވެ.
މި ބަދަލުތަކުގެ ސަބަބުން ދައުލަތަށް އަންނާނެ މާލީ ބަދަލުތަކުގެ އެސްޓިމޭޓްގައިވާ ގޮތުން، ކުރީގެ ރައީސުންގެ އޮފީސް ޚަރަދު އުނިކުރުމުން އަންނަ އަހަރު 10.5 މިލިޔަން ރުފިޔާ ސަލާމަތްވެ، އެ ބޭފުޅުންނަށް ކަނޑައަޅާފައިވާ 19.7 މިލިޔަން ރުފިޔާގެ ބަޖެޓު 10.2 މިލިޔަން ރުފިޔާއަށް ކުޑަވާނެއެވެ. ނައިބުންނަށް ޢިނާޔަތް ދިނުމަށް އަންނަ އަހަރު 360،000 ރުފިޔާ އާއި ބޭސްފަރުވާއަށް 700،000 ރުފިޔާ ޚަރަދުވާނެ ކަމަށް ލަފާކުރެވެއެވެ.
މި ބިލަށް ޢަމަލުކުރަން ފަށާނީ ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރައްވައި ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރުމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!