ސައުދީ އަރަބިއްޔާގެ ރިޔާޟް މެޓްރޯއިން ދުނިޔޭގެ ރެކޯޑެއް ގާއިމުކޮށް ގިނެސް ވޯލްޑް ރެކޯޑްސްއިން ޖާގައެއް ހޯދައިފިއެވެ.
މިރެކޯޑު ހޯދާފައިވަނީ، ޑްރައިވަރެއް ނެތި ހިންގާ އެންމެ ބޮޑު ރޭލު ނެޓްވޯކުގެ ގޮތުގައެވެ. މި މެޓްރޯ އަކީ 176 ކިލޯމީޓަރުގެ ބޮޑު ސަރަހައްދަކަށް ފެތުރިފައިވާ ޒަމާނީ އަދި ދެމެހެއްޓެނިވި ދަތުރުފަތުރުގެ ނިޒާމުން ގުޅާލެވިފައިވާ ވިއުގަ އެެކެވެ.
ރިޔާޟް މެޓްރޯއަކީ ސައުދީގެ ވެރިރަށުގެ އާންމު ދަތުރުފަތުރުގެ މަޝްރޫޢުގެ މުހިންމު ބައެކެވެ. މި ނިޒާމުގައި ޖުމްލަ ހަ ލައިނާއި، 85 ސްޓޭޝަން ހިމެނެއެވެ. މި ނިޒާމު ހިންގަނީ އެންމެ ފަހުގެ ޓެކްނޮލޮޖީތައް ބޭނުންކޮށްގެންނެވެ. މުޅި ނެޓްވޯކް ހިންގަނީ މުޅިން އޮޓޯމޭޓެޑް ޑްރައިވަރެއް ނެތް މޮޑެލްއެއްގެ ދަށުންނެވެ. މި ބޮޑު އޮޕަރޭޝަންތައް ބަލަހައްޓަނީ، އެންމެ މަތީ ފެންވަރުގެ ސަލާމަތާއި ކޮލިޓީ ކަށަވަރުކުރާ އެޑްވާންސްޑް ސެންޓްރަލް ކޮންޓްރޯލް ރޫމްތަކެއް މެދުވެރިކޮށެވެ.
ރިޔާޟްގައި ގާއިމުކޮށްފައިވާ މި އާންމު ދަތުރުފަތުރުގެ ނެޓްވޯކް (މެޓްރޯއާއި ބަސްތައް) އަކީ އެ ސިޓީގެ ޓްރެފިކް، އިޤްތިޞާދީ، ޢުމްރާނީ، އިޖްތިމާޢީ އަދި ތިމާވެށީގެ ކުރިއެރުމަށް އެހީތެރިވެދޭނެ ނިޒާމެކެވެ. އަދި މުޖުތަމަޢުގެ ހުރިހާ ފަރާތްތަކަށް ވެސް ފަސޭހަކަމާއެކު ދަތުރުފަތުރު ކުރުމުގެ ފުރުޞަތު ފަހިކޮށްދެއެވެ.
ރޯޔަލް ކޮމިޝަން ފޯ ރިޔާޟް ސިޓީ (އާރްސީއާރުސީ) އިން ސްމާޓް އަދި ދެމެހެއްޓެނިވި ދަތުރުފަތުރުގެ ކޮންސެޕްޓްތައް ބަލައިގަތުމަށް ކުރާ މަސައްކަތް މިކަމުން ދޭހަކޮށްދޭކަމަށް އެގައުމުން ބުނެއެވެ. އަދި ވެރިރަށުގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށް، ސައުދީ ވިޝަން 2030 ގެ ލަނޑުދަނޑިތަކަށް އެހީތެރިވުމަށްޓަކައި، ޒަމާނީ އިންފްރާސްޓްރަކްޗަރ ގާއިމުކުރުމުގައި އީޖާދީ ގޮތްތަކަށް އިސްކަންދީ، ތަރައްޤީއަށް އަމާޒު ހިފާފައިވާ މިންވަރެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!