ސްރީލަންކާއަށް ކުރަމުންދާ ވިއްސާރާއާ ގުޅިގެން އެ ގައުމުގައި ދިރިއުޅޭ ދިވެހި އާއިލާ އާއި ރަހުމަތްތެރިންގެ ހާލު ބެލުމަށް އުރީދޫ މޯލްޑިވްސް އިން ވަނީ 24 ގަޑިއިރު ހިލޭ ލަންކާއަށް ކޯލް ކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މި ފުރުސަތަކީ މި ދަތި ދަނޑިވަޅުގައި އާއިލާ އާއި ރަހުމަތްތެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް އެހީތެރިވެދިނުމުގެ ގޮތުން ހުޅުވާލި ފުރުސަތެކެވެ.

Ad
rt

އުރީދޫ މޯލްޑިވްސްގެ ކަސްޓަމަރުންނަށް ކުރިއަށް އޮތް 24 ގަޑިއިރަށް، ކޮންމެ ކޯލް ސެޝަނެއްގެ ފުރަތަމަ ފަސް މިނެޓު މުޅިން ހިލޭ ސްރީ ލަންކާއަށް ގުޅޭނެއެވެ. އުރީދޫގެ އަމާޒަކީ ދަތި އުނދަގޫ ދަނޑިވަޅުތަކުގައި މުޖުތަމައަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ތައްޔާރަށް ތިބުމެވެ.

ސްރީލަންކާއަށް ކުރިމަތިވި ދިތްވާ ތޫފާނުގެ ސަބަބުން އެ ގައުމަށް ބޮޑު ކާރިސާއެއް ކުރިމަތިވެ، ފެންބޮޑުވުމާއި ބިންގަޑު ގަނބައިގެންދިޔުން ދިއުމުގެ ކާރިސާތަކެއްވަނީ ހިނގާފައެވެ. މި ކާރިސާގައި މިހާތަނަށް 56 މީހުން މަރުވެ، 21 މީހުން ގެއްލިގެން ރިޕޯޓުކޮށްފައިވެއެވެ. އަދި 20 ޑިސްޓްރިކްޓުން 12,000 އާއިލާގެ 44,000 އަށްވުރެ ގިނަ މީހުންނަށް އަސަރުކޮށް، 600 އަށްވުރެ ގިނަ ގެއަށް ގެއްލުން ލިބިފައިވެއެވެ. ޚާއްސަކޮށް ބަޑުއްލާ ޑިސްޓްރިކްޓުން ގަނބައިގަނެގެން 26 މީހުން މަރުވެފައިވެއެވެ.

މޫސުމާބެހޭ އިދާރާއިން ވަނީ ބޯވާރެއާއި ގަދަ އަށް ވައިޖެހޭނެކަމަށް ލަފާކޮށް ރަތް ސަމާލު ނެރެފައެވެ. ބައެއް ސަރަހައްދުތަކަށް 200 މިލިމީޓަރަށް ވުރެ ބޯކޮށް ވާރޭވެހި، ގަޑިއަކު 60–70 ކިލޯމީޓަރު (90 ކިލޯމީޓަރާ ހަމައަށް ގަދަވުން) ބާރު މިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވެއެވެ. ސަރުކާރުން ވަނީ ރައްޔިތުންގެ ސަލާމަތަށްޓަކައި އެދުވަސް އާންމު ބަންދު ދުވަހެއްގެ ގޮތުގައި އިޢުލާންކޮށް، ސްކޫލްތަކާއި މުހިއްމު ނޫން ސަރުކާރު އޮފީސްތައް ބަންދުކޮށްފައެވެ. ސްރީލަންކާގެ ސިފައިންނާއި، ނޭވީއާއި، އެއަރފޯސްގެ ފަރާތުން ސަލާމަތީ މަސައްކަތްތައް ހިންގަމުންދާއިރު، އިންޑިއާއިންވެސް ވަނީ އެހީތެރިކަން ފޯރުކޮށްދޭން ފަށާފައެވެ.

މި ކާރިސާގެ އެންމެ ބޮޑު އަސަރެއް ކޮށްފައިވަނީ ސެންޓްރަލް ހައިލެންޑްސްގެ ބަޑުއްލާއާއި ނުވަރައޭލިޔާއަށާއި، އިރުމަތީ އައްސޭރީގެ ޓްރިންކޮމާލީއަށާއި، ވެސްޓަރން ޕްރޮވިންސްގެ ކޮލޮމްބޯއާއި ގަމްޕަހާގައެވެ. އިރިގޭޝަން ޑިޕާޓްމަންޓުން ވަނީ ކެލާނީ ކޯރުގެ ވާދީއާއި ކޮލޮމްބޯ ކައިރީގައިވާ ތިރި ސަރަހައްދުތަކަށް ރެޑް ލެވަލް ފްލަޑް ވޯނިންގއެއް ނެރެ، އެ ސަރަހައްދުތަކުގެ ރައްޔިތުންނަށް އެހެން ތަންތަނަށް އަވަހަށް ބަދަލުވުމަށް އިލްތިމާސްކޮށްފައެވެ.