ސްރީލަންކާއަށް ކުރިމަތިވެފައިވާ ނުރައްކާތެރި މޫސުމީ ކާރިސާއާ ގުޅިގެން، އަސަރުކޮށްފައިވާ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރާއި އިދިކޮޅު ފަރާތްތަކުން ގުޅިގެން މަސައްކަތް ފަށައިފިއެވެ.
ސްރީލަންކާގެ މީޑިއާ ރިޕޯޓުތައް ބުނާގޮތުން، މި ދަތި ހާލަތުން އަރައިގަތުމަށް ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަން ރައީސް އަނޫރާ ކުމާރާ ދިސަނާޔަކަ ވަނީ ފާހަގަކުރައްވާފައެވެ.
ރައީސް ދިސަނާޔަކަ މި ވާހަކަފުޅު ދެއްކެވީ މިއަދު ހެނދުނު ތިން ބާރުގެ މައި މަރުކަޒުގައި ސަރުކާރާއި އިދިކޮޅު ފަރާތްތަކުގެ މަންދޫބުންނާއެކު ބޭއްވެވި މަޝްވަރާ ބައްދަލުވުމެއްގައެވެ. މި ބައްދަލުވުމުގެ މަޤްސަދަކީ، ގައުމަށް ކުރިމަތިވެފައިވާ މި ކާރިސީ ހާލަތަށް އަޅަންޖެހޭ ކުރިއަށް އޮތް ފިޔަވަޅުތައް މުރާޖަޢާކޮށް، ހަރުދަނާ މަސައްކަތްތަކެއް ކުރުމެވެ.
މި ބައްދަލުވުމުގައި، އިދިކޮޅު މަޖިލިސް މެންބަރުން ވަނީ، ސަލާމަތީ އޮޕަރޭޝަންތަކާއި އެހީ ފޯރުކޮށްދިނުމުގެ މަސައްކަތްތައް ހަރުދަނާކުރުމަށް ކުއްލި ނުރައްކަލުގެ ޤާނޫނު ތަންފީޒުކުރުން ލާޒިމުވެއްޖެނަމަ، އެ ފިޔަވަޅުތަކަށް އެއްބާރުލުން ދެއްވާނެ ކަމަށް ހުށަހަޅުއްވާފައެވެ.
ރައީސް ދިސަނާޔަކަ ވަނީ އަސަރުކޮށްފައިވާ ރައްޔިތުންނަށް އެހީ ފޯރުކޮށްދިނުމަށް ފައިސާގެ ގޮތުން އެއްވެސް ހުރަހެއް ކުރިމަތިނުވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. އެމަނިކުފާނު ވިދާޅުވީ، ކާރިސާ މެނޭޖްމަންޓް ޑިސްޓްރިކްޓް ކޮމިޓީތައް މިހާރުވެސް ބާއްވާފައިވާ ކަމަށާއި، ޑިސްޓްރިކްޓް ސެކްރެޓަރީންނަށް ބޭނުންވާ މިންވަރަށް ފައިސާ ހަރަދުކުރުމުގެ ބާރު ދީފައިވާ ކަމަށެވެ. މީގެ އިތުރުން، އެއްވެސް ސަރކިއުލަރަކުން މި ފައިސާ ބޭނުންކުރުމަށް ހުރަސް ނާޅާނެ ކަމަށާއި، ހުރަސްތަކެއް ދިމާވާ ހާލަތްތަކުގައި ޑިސްޓްރިކްޓް ކޯޑިނޭޓިންގ ކޮމިޓީތަކަށް ހަރަދުތައް ހުއްދަކުރުމުގެ ބާރު ދޫކޮށްފައިވާ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އެހީދޭ ޓީމުތަކަށް ނުވަދެވޭ ސަރަޙައްދުތަކުގައި ތާށިވެފައިވާ މީހުން ސަލާމަތްކުރުމަށް ހެލިކޮޕްޓަރު ބޭނުންކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މިކަމަށް ބޭނުންވެއްޖެނަމަ ހެލިކޮޕްޓަރުގެ ވަޞީލަތްތައް ފޯރުކޮށްދިނުމަށް އިންޑިއާ ހައިކޮމިޝަނުން މިހާރުވެސް އެއްބަސްވެފައިވާ ކަމަށް އެމަނިކުފާނު ހާމަކުރެއްވިއެވެ.
ރައީސް އިތުރަށް ޔަޤީންކަން ދެއްވީ، ރައްކާތެރި ކޭމްޕުތަކުގައި ތިބި މީހުންނަށާއި، އެމީހުންގެ ގޭގޭގައި ތިބި މީހުންނަށާއި، އެހެން ތަންތަނަށް ބަދަލުވެފައިވާ މީހުންނަށްވެސް ކާބޯތަކެއްޗާއި ސިއްޙީ ޚިދުމަތްތައް ހިމެނޭ ގޮތަށް އެހީގެ ޚިދުމަތްތައް ފަސްނުކޮށް ފޯރުކޮށްދެމުންދާނެ ކަމަށެވެ. އެމަނިކުފާނު ވަނީ މަންދޫބުންނަށް އިރުޝާދު ދެއްވާފައި، އެބޭފުޅުން ތަމްސީލުކުރައްވާ ޑިސްޓްރިކްޓުތަކުގައި އެހީގެ ޚިދުމަތްތައް އަދިވެސް ނުލިބިފައިވާ ސަރަޙައްދުތަކެއް ވާނަމަ، ކާރިސާ މެނޭޖްމަންޓް ސެންޓަރަށް ވަގުތުން އެންގުމަށެވެ.
ވެސްޓަރން ޕްރޮވިންސަށް ކުރިމަތިވެފައިވާ ނުރައްކާތައް އިތުރުވަމުންދާތީ، އެކަންކަމާ ކުރިމަތިލުމަށް ޕްރޮގްރާމްތައް މިހާރުވެސް ރާވަމުންދާ ކަމަށް ރައީސް ދިސަނާޔަކަ ވިދާޅުވިއެވެ. މި ބައްދަލުވުމުގައި މަންދޫބުން ވަނީ އެބޭފުޅުން ތަމްސީލުކުރައްވާ ޑިސްޓްރިކްޓްތަކުގެ މިހާރުގެ ހާލަތާއި ބޭނުންތަކާ ބެހޭގޮތުންވެސް ރައީސަށް މައުލޫމާތު ދެއްވާފައެވެ.
ސްރީލަންކާގެ މޫސުމީ ކާރިސާގެ ހާލަތު
2025 ނޮވެމްބަރު 28 ގައި ސްރީލަންކާއަށް ކުރިމަތިވި ދިތްވާ ތޫފާނުގެ ސަބަބުން އެ ގައުމަށް ބޮޑު ކާރިސާއެއް ކުރިމަތިވެ، ފުޅާ ދާއިރާއެއްގައި ފެންބޮޑުވުމާއި ގަނބައިގެންދިޔުން ވަނީ ހިނގާފައެވެ. މި ކާރިސާގައި މިހާތަނަށް 56 މީހުން މަރުވެ، 21 މީހުން ގެއްލިގެން ރިޕޯޓުކޮށްފައިވާއިރު، 20 ޑިސްޓްރިކްޓުން 12,000 އާއިލާގެ 44,000 އަށްވުރެ ގިނަ މީހުންނަށް އަސަރުކޮށް، 600 އަށްވުރެ ގިނަ ގެއަށް ގެއްލުން ލިބިފައިވެއެވެ. ޚާއްސަކޮށް ބަޑުއްލާ ޑިސްޓްރިކްޓުން ގަނބައިގަނެގެން 26 މީހުން މަރުވެފައިވެއެވެ. ސަރުކާރުން ރައްޔިތުންގެ ސަލާމަތަށްޓަކައި އެދުވަސް އާންމު ބަންދު ދުވަހެއްގެ ގޮތުގައި އިޢުލާންކޮށް، ސްކޫލްތަކާއި މުހިއްމު ނޫން ސަރުކާރު އޮފީސްތައް ބަންދުކުރިއެވެ. ސްރީލަންކާގެ ސިފައިންނާއި، ނޭވީއާއި، އެއަރފޯސްގެ ފަރާތުން ސަލާމަތީ މަސައްކަތްތައް ހިންގަމުންދާއިރު، އިންޑިއާއިންވެސް ވަނީ އެއަރކްރާފްޓް ކެރިއަރެއް ފޮނުވައި އެހީތެރިކަން ފޯރުކޮށްދޭން ފަށާފައެވެ.
މޫސުމާބެހޭ އިދާރާއިން ވަނީ ބޯވާރައާއި ގަދަ ވަޔަށް ރަތް ސަމާލު ނެރެފައެވެ. ބައެއް ސަރަހައްދުތަކަށް 200 މިލިމީޓަރަށް ވުރެ ބޯކޮށް ވާރޭވެހި، ގަޑިއަކު 60–70 ކިލޯމީޓަރު (90 ކިލޯމީޓަރާ ހަމައަށް ގަދަވުން) ބާރު މިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވެއެވެ. އިރިގޭޝަން ޑިޕާޓްމަންޓުން ވަނީ ކެލާނީ ކޯރުގެ ވާދީއާއި ކޮލޮމްބޯ ކައިރީގައިވާ ތިރި ސަރަހައްދުތަކަށް ރެޑް ލެވަލް ފްލަޑް ވޯނިންގއެއް ނެރެ، އެ ސަރަހައްދުތަކުގެ ރައްޔިތުންނަށް އެހެން ތަންތަނަށް އަވަހަށް ބަދަލުވުމަށް އިލްތިމާސްކޮށްފައެވެ.
މި ކާރިސާގެ އެންމެ ބޮޑު އަސަރެއް ކޮށްފައިވަނީ ސެންޓްރަލް ހައިލެންޑްސްގެ ބަޑުއްލާއާއި ނުވަރައޭލިޔާއަށާއި، އިރުމަތީ އައްސޭރީގެ ޓްރިންކޮމާލީއަށާއި، ވެސްޓަރން ޕްރޮވިންސްގެ ކޮލޮމްބޯއާއި ގަމްޕަހާގައެވެ. ގިނަ ސަރަހައްދުތަކުގައި ރޭލު ދަތުރުތައް ވަނީ މެދުކަނޑާލާފައެވެ. އަދި ގަސްތައް ވެއްޓުމާއި ބޮޑިގަނޑު ހެދުމުގެ ސަބަބުން މުހިއްމު މަގުތައް ވަނީ ބަންދުވެފައެވެ. ދަތުރުފަތުރު ކުރުން ކުޑަކުރުމަށާއި، ތިރި ސަރަހައްދުތަކުގައި ނުވަތަ ނުރައްކާތެރި ބިމުގެ ސަރަހައްދުތަކުގައި ދިރިއުޅުއްވާ ފަރާތްތަކުން، ހިޖުރަކުރުމަށް ދޭ އެންގުންތަކަށް ވަގުތުން ތަބާވެ ދުރުސަރަހައްދުތަކަށް ބަދަލުވުމަށް ސަރުކާރުން ވަނީ އިލްތިމާސްކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!